Roadha Mihaaru
ޑރ. މުނައްވަރު ޖެއްސެވި ޖޯކަށް މައުމޫނު ތާއީދު

ޑރ. މުނައްވަރު ޖެއްސެވި ޖޯކަށް މައުމޫނު ތާއީދު

15 ޑިސެމްބަރ 2020

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ރާއްޖޭގައި ވަޅުލަން ގެންނަން އުޅޭތީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު އެކަމަށް ޖޯކް ޖެއްސެވުމުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވެސް އެ ވާހަކަ އަށް ތާއީދުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ރާއްޖޭގައި ވަޅުލަން ގެންނަން އުޅޭތީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު އެކަމަށް ޖޯކް ޖެއްސެވުމުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވެސް އެ ވާހަކަ އަށް ތާއީދުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން އިސްލާމީ އުސޫލުތަކުގެ ތެރެއިން ޖަނާޒާގެ ކަންކަން ފުރިހަމަކުރުމަށް އެ ގައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެ މީހުންގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެދި އެ ގައުމުގެ ރައީސް ގޯތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެކަމާ ގުޅިގެން ކުރަން ޖެހޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެކަމަށް ޖޯކް ޖައްސަވައި ސޯޝަލް މީޑިއާ ޓްވިޓާގައި މުނައްވަަރު ރާއްޖެ ސިފަކުރެއްވީ "އިސްލާކިކް ރިޕަބްލިކް އޮފް ގަބުރުސްތާން"ގެ ގޮތުގަ އެވެ. އެ ޓްވީޓަށް ޖަވާބު ދެއްވަމުން މައުމޫނު ވިދާޅުވީ މުނައްވަރު އެ ވިދާޅުވީ ރަނގަޅު ވާހަކައެއް ކަމަށެވެ.

ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމާ މެދު އާއްމުންގެ އިތުރުން ސިޔާސީ ފަރާތްތައް ވެސް ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. ކުރީގެ ރައީސް މައުމޫނު ހުންނެވީ އެކަމާ ދެކޮޅު ފަޅީގަ އެވެ.

ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް ޖެހިގެން މަރުވާ މީހުން ރާއްޖޭގައި ވަޅުލުމާ އެއްކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ހިޔާލުފާޅުކުރެއްވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ލަންކާގެ ހުށަހެޅުމަށް ތާއީދު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ލަންކާގެ މުސްލިމުންގެ ޖަނާޒާގެ ކަންކަން ރާއްޖޭގައި ހަމަޖައްސައިދިނުމަކީ ވަރަށް މުހިންމު އަދި ސަވާބާއި ދަރުމަ ހުރި ކަމެކެވެ.

ބުދު ދީނުގެ މެޖޯރިޓީއެއް އޮންނަ ލަންކާގައި ނިންމާފައި ވަނީ ކޮވިޑް-19 ޖެހިގެން މަރުވާ އެންމެން އެންދުމަށެވެ. އެކަމާ ދެކޮޅަށް އެ ގައުމުގެ ބައެއް މުސްލިމުން ވެސް އަންނަނީ އަޑު އުފުލަމުންނެވެ.