Roadha Mihaaru

ލަންކާގެ ރައީސް ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހުގެ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ލަންކާގެ ރައީސް އަންނަ މަހު ރާއްޖެއަށް ވަޑައިގަންނަވަނީ

ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހުގެ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ލަންކާގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ، މީޑިއާ ރިޕޯޓުތައް ބުނި ގޮތުގައި، ޑިސަނަޔަކެ ރާއްޖެ އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފަހުކޮޅު އެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރާ އެކު މަޝްވަރާތައް ކުރައްވާނެ އެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ މިދިޔަ އަހަރު ރައީސްކަމަށް ވަޑައިގެންނެވުމަށް ފަހު، ޑިސަނަޔަކެ ބޭރު ގައުމަކަށް ކުރައްވާ ހަ ވަނަ ފުރަމާނަ ދަތުރުފުޅެވެ.

ޑިސަނަޔަކެގެ މި ދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނައިރު، މިހާރު ހުށަހަޅާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަސް ނުވަތަ ޖުލައި 26 ގެ ދުވަހުގެ ހަރަކާތްތަކަށް ފަހު ވަޑައިގެންނެވުމަށް ކަމަށް ލަންކާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ތިން ދުވަހުގެ ދަތުރުފުޅެއްގައި ޑިސަނެޔަކަ ރާއްޖެ އަށް ވަޑައިގެންނެވުމަށް ވިސްނަވާފައިވަނީ ޖުލައި 29 ގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޖުލައި 29 އަކީ ރާއްޖެ އާއި ލަންކާގެ ހާރިޖީ ގުޅުން ގާއިމުކުރިތާ ވެސް 60 އަހަރު ފުރޭ ދުވަހެވެ.

ނަމަވެސް، މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމަކު، އެ ދަތުރުފުޅާ ގުޅޭ މައުލޫމާތެއް އިންޑިއާ އަދި ދިވެހި ސަރުކާރުން ވެސް ރަސްމީކޮށް ޔަގީން ކޮށްދީފައެއް ނުވެ އެވެ.