Roadha Mihaaru
އަފްހާމްގެ ޕޯސްޓްމޯޓަމް ހަދައިފި

މަރުވެފައި އޮއްވާ ފެނުނު އަފްހާމްގެ ޕޯސްޓްމޯޓަމް ހަދައިފި

09 ފެބުރުއަރީ 2022

ސްރީ ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ދިވެހި ޒުވާނާ، އަފްހާމް ނަސީރުގެ ޕޯސްޓްމޯޓަމް މިއަދު ހަދައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްރީ ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ދިވެހި ޒުވާނާ، އަފްހާމް ނަސީރުގެ ޕޯސްޓްމޯޓަމް މިއަދު ހަދައިފި އެވެ.

ފުލުހުން ބުނީ އަފްހާމްގެ މަރުގެ ތަހުގީގަށް ލަންކާ އަށް ދިޔަ ދިވެހި ފުލުހުންގެ ޓީމަށް އެ ގައުމުގެ ފުލުހުން މައުލޫމާތު ހިއްސާކޮށް، އެހީތެރިވަމުން އަންނަ ކަމަށެވެ.

އުމުރުން 24 އަހަރުގެ އަފްހާމްގެ ޕޯސްޓްމޯޓް ހަދާފައި ވާތީ، އޭނާގެ އާއިލާއިން މިރޭގެ ވަގުތެއްގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޭލު ދަގަނޑެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހު މަރުވެފައި އޮއްވާ ފެނުނު އަފްހާމަކީ ދ. މީދޫ މީހެކެވެ. އަފްހާމް މަރުވެފައި އޮތް ސަރަހައްދުން އޭނާ ގެންގުޅުނު ބައެއް ސާމާނު ވެސް ފެނިފައިވެ އެވެ.

އަފްހާމް ދަންނަ، ލަންކާގައި އުޅޭ މީހަކު "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި އަފްހާމް މަރުވެފައި އޮއްވައި ފެނުނު ސަރަހައްދުން ވަޅިއެއް ފެނުނު ކަމަަށާއި އަފްހާމްގެ ހަށިގަނޑުގައި ވެސް ޒަހަމްތަކެއް ހުރި ކަމަށް ލަންކާގެ ފުލުހުން އާއިލާ އަށް އަންގާފައިވެ އެވެ. އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ އެހެންވެ ކަމަށެވެ.

އަފްހާމްގެ ހަށިގަނޑާ ގާތްގަނޑަކަށް 300 މީޓަރު ދުރުން އެހެން މީހެއްގެ ހަށިގަނޑު ވެސް ފެނުނެވެ. މި ދެ މަރުގައި ހުރި ގުޅުމެއް ނޭނގެ އެވެ.

މި މަރުތަކުގެ މާ ބޮޑު ތަފުސީލެއް ރާއްޖެ އާއި ލަންކާގެ ފުލުހުން ވެސް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ދެހިވަލާގައި ދިރިއުޅެމުން އައި އަފްހާމް އެންމެ ފަހުން އެ ގޭގެ މީހުންނަށް ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާގެ ޚަބަރެއް ނުވެގެން ފޮޓޯ އާންމުކޮށް ހޯދަން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭރު ލަންކާގެ މީޑިއާތަކުގައި ވަނީ ވެއްލަވައްތަ ގޮނޑުދޮށުން ދެ މީހެއްގެ ހަށިގަނޑު ފެނިގެން ރިޕޯޓްކޮށްފަ އެވެ.

އަފްހާމް ގެއްލުމުގެ ކުރިން ހުކުރު ދުވަހުގެ ރޭ އެކުވެރިއަކަށް ވަރަށް ދެރަވެގެން މެސެޖުތަކެއް ވެސް ކޮށްފައި ކަމަށްވެ އެވެ.