Roadha Mihaaru

ވާޗުއަލް އޮޓޮޕްސީން ދައްކަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ޒަހަމްވެގެން ކަމަށް

ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުން، އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށް ދައްކައިފި އެވެ.

ޒަކިއްޔާ މަރުވީ އަމިއްލައަށްވީ ޒަހަމުން: އޮޓޮޕްސީ

ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުން، އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށް ދައްކައިފި އެވެ.

ޒަކިއްޔާ، 50، ގެ ވާޗުއަލް އޮޓޮޕްސީ ހެދީ ފުލުހުންގެ ޓީމެއް މިދިޔަ މަހު އިންޑިއާއަށް ގޮސްގެން، އިންޑިއާގެ އެންމެ ދުވަސްވީ އެއް މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ތަޖުރިބާކާރު ޑޮކްޓަރުން ލައްވަ އެވެ.

ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދެ އެވެ.

ނަފްސާނީ މައްސަލަތަކެއް ވެސް ތަހަންމަލްކުރަމުން ދިޔަ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. ޒަކިއްޔާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި މަރާލީ ކަމަށް އާއިލާގެ ބައެއް މީހުންނާއި ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު އޭނާގެ ކަރު އޮތީ ކިރިޔާ ބުރި ނުވެ ކަމަށް އެ މީހުން ބުނެ އެވެ.

އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުގައި ކަރުގެ ދެ ފަރާތުގައި ޒަހަމްތަކުން ނާރުތައް ބުރިވެފައި ވިޔަސް ކަށީގައި ޖެހޭ ހިސާބާ ކައިރިއަށް ވެސް އެއްވެސް ޒަހަމެއްގެ ފުންމިނެއް ނެތެވެ. އަދި އެ ރިޕޯޓްގައި، އެ ޒަހަމްތަކުގެ ސަބަބުން ޕްރެޝަރުގައި ލޭތައް ބުރައިގެން ނުދިޔަ ސަބަބާއި އެ ޒަހަމްތައް ލިބިފައި ހުރި ކަމަށް ބެލެވޭ ގޮތް ފަދަ މުހިންމު ސުވާލުތަކަށް މެޑިކަލް ގޮތުން ތަފްސީލް ކޮށްދީފައިވެ އެވެ.

އެ މަރާ މެދު ކަންބޮޑުވުން ފާޅުކުރާ މީހުން ބުނަނީ މީހަކު އަމިއްލައަށް އެ ވަރުގެ އަނިޔާއެއް ނުދޭނެ ކަމަށެވެ. އެއީ މީހަކު ގަސްތުގައި ދިން ހަމަލާއެއް ކަމެއް ބުނެ އިންސާފު ހޯދުމަށް ހޮޅުދޫގައި ދޭތެރެ ދޭތެރެއިން މުޒާހަރާ ވެސް ކުރެ އެވެ.

ނަމަވެސް މި މަރާ ގުޅިގެން އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ތަޖުރިބާރުންގެ ލަފާ ވެސް މިހާރު ހޯދާފައިވާ ކަމަށާއި އެފަދަ ގޮތަށް ޒަހަމްވެގެން މީހުން މަރުވުމަކީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށް އެ ބޭފުޅުން ވެސް ވިދާޅުވެފައިވާކަން އެނގިފައިވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.