Roadha Mihaaru

ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަ ކަމަށް ބުނެފި

ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަ ކަމަށާއި އެއީ އަމިއްލަ މަރެއް ކަމަށް ބަޔާންކޮށް ތަހުގީގު ނިންމާލުން މިވަގުތަށް މަޑުޖައްސާލަން އޭނާގެ ކޮއްކޮ އާމިނަތު ޝަޒިއްޔާ ފުލުސް އޮފީހުގައި އެދިއްޖެ އެވެ.

ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަން: ކޮއްކޮ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 އެޕްރީލް 2025

ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަ ކަމަށާއި އެއީ އަމިއްލަ މަރެއް ކަމަށް ބަޔާންކޮށް ތަހުގީގު ނިންމާލުން މިވަގުތަށް މަޑުޖައްސާލަން އޭނާގެ ކޮއްކޮ އާމިނަތު ޝަޒިއްޔާ ފުލުސް އޮފީހުގައި އެދިއްޖެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގަ އެވެ.

އޭނާގެ އާއިލާ އިން ތުހުމަތުކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، ރަށުގައި އިންސާފަށް ގޮވާލައި ދޭތެރެއަކުން މުޒާހަރާ ވެސް ދަނީ ކުރަމުންނެވެެ.

އެ މައްސަލާގައި ފުލުހުންގެ ޓީމެއް އިންޑިއާ އަށް ގޮސްގެން ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ އެއް ވެސް ވަނީ ހަދައިފަ އެވެ. އަދި އޭނާ މަރުވީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށް އޮޓޮޕްސީން ދެއްކިޔަސް އާއިލާ އިން އެ ގަބޫލެއް ނުކުރެ އެވެ.

ޒަކިއްޔާގެ ގަބުރު ކޮނެގެން ނެގުމަށް ފަހު، އޭނާގެ އޮޓޮޕްސީ ހެދުމާ ބެހޭގޮތުން މަޝްވަރާކުރަން ވެސް ބޭނުންވާ ކަމަށް ބުނެ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފަށް ސިޓީއެއް ފޮނުވާފައިވެ އެވެ.

އެ މައްސަލާގައި ޒަކިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝަޒިއްޔާ ނެރުނު ބަޔާނެއްގައި ބުނީ ވާޗުއަލް އޮޓޯޕްސީގެ މައުލޫމާތު ހޯދަން އެދި ފޮނުވި ސިޓީގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށެވެ.

ޒަކިއްޔާ

ޒަކިއްޔާ

އެކަމަކު ފުލުހުންގެ އެދުމުގެ މަތިން މިދިޔަ އަންގާރަ ދުވަހު، ފުލުހުންގެ ބައެއް އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އޭނާ ބުންޏެވެ.

ޝަޒިއްޔާގެ ބަޔާނުގައި ބުނީ ވާޗުއަލް އޮޓޯޕްސީ ކަމަށް ފުލުހުން ބުނާ ޑޮކިއުމަންޓް ވެސް އެ ބައްދަލުވުމަށް ގެނައި ކަމަށާއި އެކަމަކު އެ ބަލާލަން ލިބުނީ މަތިމަތިން ކަމަށެވެ.

ބަޔާނުގައި ބުނީ އެ ޑޮކިއުމަންޓަކީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ މެޑިކަލް ރިސާޗު ޔުނިވާސިޓީއެއް ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) އިން ހޯދާފައިވާ ބައެއް ޖަވާބުތައް ހިމެނޭ ކަރުދާހެއް ކަމަށެވެ.

އާއިލާ އިން ބުނި ގޮތުގައި ރިޕޯޓުގެ ފުރަތަމަ ސަފުހާ އާއި ފަހު ސަފުހާ ނުފެނެ އެވެ. އެެހެންވެ، ރިޕޯޓުގައި ސޮއިކުރީ ކޮންބައެެއް ކަން ވެސް އެނގިފައިނުވާ ކަމަށް ބުންޏެެވެ.

"ނަމަވެސް އަޅުގަނޑުމެންގެ ފަރާތުން ސާފުކުރި މައުލޫމާތު އެނގުނު ގޮތުގައި މަތީގައިވާ ސުރުހީގައި ވާޗުއަލް އޮޓޮޕްސީ ރިޕޯޓު ބަޔާން ކުރުމުގެ ބަދަލުގައި އޮތީ އެކްސްޕާޓް އޮޕީނިއަން ކަމަށް ފުލުހުންގެ ފަރާތުން އެނގުނެވެ،" އެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނި ގޮތުގައި ޒަކިއްޔާ އަމިއްލައަށް ކަރުގައި ވަޅި އަޅާފައި ވަނީ ކޮޅަށް ހުރެގެން ކަމެއް، އިށީނދެ އިނދެގެން ކަމެއް ނުވަތަ އޮށޯވެ އޮވެ ކަމެއް ވެސް އެނގޭކަށް ނެތެވެ. އަދި ޒަހަމްގެ ފުން މިނެއް ވެސް ނޭނގޭ ކަމަށް ބަޔާނުގައި ބުންޏެވެ.

އެކަމަކު ރިޕޯޓާ އެކު ހިމެނޭ ހަތަރު ފޮޓޯއަކީ ވެސް ސީނުން ނަގާފައިވާ ފޮޓޯތަކެއް ކަމަށް ބުންޏެެވެ. އަދި އޭނާގެ މުޅި ހަށިގަނޑުގެ 3ޑީ ސްކޭނެއް ހަދާފައިވާކަން އެނގެން ނެތް ކަމަށާއި އެ ޑޮކިއުމަންޓް އޮތީ ވެސް އާންމު އުސޫލުން ރިޕޯޓެއް އޮންނަ ގޮތަށް ނޫން ކަމަށް އެ އާއިލާ އިން ބުނެ އެވެ. އެހެންވެ، ސުވާލު އުފެދޭތީ އެއީ ރިޕޯޓެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އެއީ ފުލުހުން ފޮނުވި ފޮޓޯތަކާއި ސުވާލުތަކުގެ މައްޗަށް ދީފައިވާ ރައުޔެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބައްދަލުވުމުގައި ފުލުހުން ދިން މައުލޫމާތަށް ބަލާއިރު އެ ޑޮކިއުމަންޓް ތައްޔާރުކުރީ ޑިޕްލޮމެޓިކް ޗެނެލުން ކަމަށާާއި ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދިފާއު ފުލުހުން ނަގާފައިވާތީ ތަހްގީގަށް ނުވަތަ ޝަރީއަތަށް ވަކި ކަމެއް ނިންމުމުގައި އެ ޑޮކިއުމަންޓަށް ރިއާޔަތްކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ވެސް ޝަޒިއްޔާ ބުންޏެވެ.

"އެހެންކަމުނ،ް އާއިލާގެ ފަރާތުން މިދެންނެވުނު ސަބަބުތަކަށްޓަކާ އެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަމެވެ. އޭގެ ބަދަލުގައި އެއީ ސައްހަ ރިޕޯޓެއް ނަމަ އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް ފަންނީ ބޭފުޅުންނާ އެކު ފުރުސަތު ދޭން ނުޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކެމެވެ،" ޝަޒިއްޔާގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ ފަންނީ ބޭފުޅުންނާ އެކު އެ ރިޕޯޓު ދިރާސާކުރަން ފުރުސަތު ނުލިބިއްޖެ ނަމަ، ކުރިއަށް ހުރި މަރުހަލާތަކުގައި ޝަރުއީ ކޯޓު މެދުވެރިކޮށް ހެކި ހާމަކުރުމާ ގުޅޭ އަމުރަކަށް އެދެން އާއިލާ އިން ގަސްތުކުރާ ކަމަށެވެ. އަދި ޒަކިއްޔާގެ ނަފްސާނީ ބަލީގެ ބާވަތަކީ ކޮބައިކަން ވެސް މިހާތަނަށް ތަހުގީގުން ސާފު ނުކޮށްދެވޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.