ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ގަބުރު ކޮނެގެން ނެގުމަށް ފަހު، އޭނާގެ އޮޓޮޕްސީ ހެދުމާ ބެހޭގޮތުން މަޝްވަރާކުރަން ޒަކިއްޔާގެ އާއިލާ ބަޔަކު ކަމާބެހޭ އިދާރާތަކުގައި އެދިއްޖެ އެވެ.
10 އެޕްރީލް 2025
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ގަބުރު ކޮނެގެން ނެގުމަށް ފަހު، އޭނާގެ އޮޓޮޕްސީ ހެދުމާ ބެހޭގޮތުން މަޝްވަރާކުރަން ޒަކިއްޔާގެ އާއިލާ ބަޔަކު ކަމާބެހޭ އިދާރާތަކުގައި އެދިއްޖެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފަށް އާއިލާގެ ބަޔަކު ސިޓީއެއް ފޮނުވާފައި ވަނީ ފުލުހުންގެ ޓީމެއް އިންޑިއާ އަށް ގޮސްގެން ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ހަދާފައި ވަނިކޮށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު މައްސަލާގައި އާއިލާގެ ބަޔަކު ވަނީ މީގެ ކުރިން ވެސް ރަށުގައި އިހުތިޖާޖުކޮށް، އެ މައްސަލައިގެ ތަހުގީގާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ
ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ރަށުގައި ބޭއްވި އިހުތިޖާޖުގައި ގިނަ ބަޔަކު ބައިވެރިވި.
އެ ވަރުގެ ކަމެއް ޒަކިއްޔާ އަމިއްލަ އަށް ނުކުރެވޭނެ ކަމަށް އެ މީހުން އޭރު ވެސް ބުނަމުން ގެންދިޔަ އެވެ.
އެ މައްސަލާގައި މިނިސްޓަރު އިހުސާނާއި ޕީޖީ އައްބާސް އަށް ޒަކިއްޔާގެ އާއިލާގެ ބަޔަކު ފޮނުވި ސިޓީގައި ބުނީ ޓްރެޑިޝަނަލް އޮޓޮޕްސީއެއް ނުވަތަ ވާޗުއަލް އޮޓޮޕްސީއެއް ހެދިޔަސް އިންސާނަކު އޭނާގެ ކަރުގައި ވާއަތް ފަރާތުގައި އަމިއްލަ އަށް ތިން ފަހަރު ވަޅި އަޅައި، ކަނާއަތް ފަރާތުގައި ދެ ފަހަރު ވަޅި އަޅައިގެން އަމިއްލަ އަށް މަރުވެދާނެ ކަމަށް ދެކުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ.
އެހެންވެ، މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފުލުހުން ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ނަމަ އެ ރިޕޯޓު އަލުން ބެލުމަށް އެ މީހުން އެދުނެވެ.
"މައްޔިތާ ވަޅުލުމަށްފަހު ވެސް ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓްޕްސީ ހެދުމަކީ ދުނިޔޭގައި ކުރާ ކަމެކެވެ. ރާއްޖޭގައި ވެސް އާ ކަމެއްނޫނެވެ. ވީމާ، ހަށިގަނޑު އަލުން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމާއި ގުޅޭގޮތުންނާއި އެ އިޖުރާއަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އަޅުގަނޑުމެން ބޭނުންވެއެވެ،" އެ ސިޓީގައިވެ އެވެ.
އާއިލާ އިން ބުނީ އެ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން އެ ތަހުގީގުގައި ފުލުހުން ޝާމިލުވުމަކީ މަސްލަހަތަށް ފުށުއަރާ ކަމެއް ކަަމަށް ދެކޭ ކަމަށެވެ. އެހެންވެ، އެ ތަހުގީގުން އެކަހެރިވެ، މުޅި ތަހުގީގު އެޗްއާރުސީއެމްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އެދިފައިވެ އެވެ.
ވަކި ގޮތަކަށް ތަހުގީގު ނިމިފައި ނުވާ ކަމެއްގައި އަދި އެ މައްސަލާގައި ރަށު ތެރޭގައި ނުތަނަވަސްކަން ވެސް އޮއްވައި، ވާޗުއަލް އޮޓޮޕްސީ ހަދާފައިވާ ކަމާއި ނަފްސާނީ ބަލި ހުރުމުން، އަމިއްލަ އަށް މަރުވީ ކަމަށް ދޭހަވާ މޭރުމުން ޚަބަރު ފެތުރިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމީހުން ބުންޏެެވެ.
- މަރުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް މަރުގެ ހަގީގަތް ހޯދަން އެކަށީގެންވާ ތަހުގީގެއް ހިންގާފައިވާ ކަމަށް ނުދެކުން. - އޮޓޮޕްސީ ނަހަދާ ދޫކޮށްލުމަކީ ރަނގަޅަށް ކުރެވުނު ކަމެއްނޫން ކަމެއް ކަމަށާއި އެއީ ތަހުގީގު މަރުހަލާގައި ހެދުނު ގޯހެއް ކަމަށް ހޯމް މިނިސްޓަރު ފާހަގަކުރެއްވި.
- އެހެންވެ، އޮޓޮޕްސީ ހެދުމަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ ފަރާތުން ކުރުމަށް ގަސްދުކޮށްފައިވާ ކަމަކަށްނުވާއިރު ޒަކިއްޔާ މަރުވިތާ 6 މަހާއި 29 ދުވަސް ފަހުން ކުއްލިއަކަށް ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށްބުނެ މީޑިއާ އަށް ނުސީދާގޮތެއްގައި ފުލުހުންގެ މައުލޫމާތުދީފައިވާތީ ކަންބޮޑުވުން.
- ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާނަމަ، ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުގެ ކޮޕީ ނުވަތަ ރިޕޯޓުގެ ކޮޕީ ހިއްސާކުރެވެން ނެތްނަމަ ކަމާބެހޭ ފަންނީ ބޭފުޅަކާއެކު އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް މިނިސްޓްރީން ނުވަތަ ފުލުހުންގެ ކަނޑައަޅާ ތަނެއްގައި ކަނޑައަޅާ ގޮތެއްގެ މަތިން ބަލައި ދިރާސާ ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދިނުން.
- ވާޗުއަލް އޮޓޮޕްސީ ހެދުމަށް ގަސްތުކުރި ތާރީހަކީ ކޮބައިކަން ސާފުކުރުން.
- ވާޗުއަލް އޮޓޮޕްސީއެއް ހެދުމުގެ ވިސްނުން ގެންގުޅެ، އެ ވިސްނުމުގެ މައްޗަށް ބިނާކޮށް ނުވަތަ އެ ނިޔަތުގައި އެގޮތަށް ނަގާފައިވާ އެއްވެސް ސްކޭނެއް އޮތްކަން ނުވަތަ ނޫންކަން ހާމަކުރުން.
- ރާއްޖެއިން ބާރުގެ އެއްވެސް ޑޮކްޓަރެއްގެ ނުވަތަ ކަމާބެހޭ މާހިރެއްގެ ލަފާ ހޯދާފައިވާނަމަ ލަފާ ހޯދި ހޮސްޕިޓަލުގެ ނުވަތަ އެނޫންވެސް ކަމާގުޅުންހުރި އެއްވެސް ފަރާތެއް ކަމުގައިވިޔަސް އެކަމާ ގުޅިގެން ލަފާ ހޯދާފައިވާ ކަމަށް ބުނާ ފަރާތްތަކުގެ ނަންތަކާއި ލަފާ ދިން ތާރީހުތަކާއި އެބޭފުޅުންގެ ވަނަވަރު އާންމުކުރުން.
- ފުލުހުންގެ އިދާރާއިން ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށްޓަކާ ނަގާފައިވާ ނުވަތަ އެމަގްސަދަށް ބަލައިގެން ސީދާ އެބޭނުމަށް ނަގާފައިވާ ސްކޭންތަކެއްތޯ ނުވަތަ ސީނަށް ގޮސް ނަގާފައިވާ ފޮޓޯތަކެއްތޯ ސާފުކުރުން.
- ތަހްގީގުކުރާ ފަރާތުން ޒަކިއްޔާ މޫސާގެ ފޮރެންސިކް ނުވަތަ މެޑިކޯ ލީގަލް އޮޓޮޕްސީއެއް ހަދާފައިވޭތޯ އާއި އެފަދަ ރިޕޯޓެއް ހަދާފައިވާ ކަމަށް ބުނާނަމަ އެ ރިޕޯޓު ހެދި ތާރީހަކީ ކޮބައިކަން.
- މެޑިކަލް ޓޮކްސިކޮލޮޖީ ރިޕޯޓެއް ތައްޔާރުކޮށްފައިވާނަމަ އެކަމުގެ މައުލޫމާތާއި އެ ރިޕޯޓު ހިއްސާކޮށްދިނުމަށް ނުވަތަ ހާމަކޮށްދިނުން.
- އޮޓޮޕްސީ ހެދުމުގައި އިހުމާލުވި ފުލުހުންގެ މައްސަލަތައް ބަލައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކުރުން.
- ޒަކިއްޔާގެ ނަފްސާނީ ބަލި ހާލަތުގެ ގޮތުގައި ޑައިގްނޯސް ކުރެވިފައިވަނީ ކޮން ބާވަތެއްގެ ބައްޔެއްތޯ އެކަމާއި ގުޅޭގޮތުން ހުރި ލިޔެކިޔުންތައް ހިއްސާކުރުން.
ޒަކިއްޔާ، 50، ގެ ވާޗުއަލް އޮޓޮޕްސީ ހެދީ ފުލުހުންގެ ޓީމެއް މިދިޔަ މަހު އިންޑިއާއަށް ގޮސްގެން، އިންޑިއާގެ އެންމެ ދުވަސްވީ އެއް މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ތަޖުރިބާކާރު ޑޮކްޓަރުން ލައްވަ އެވެ.
ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދެ އެވެ.
ނަފްސާނީ މައްސަލަތަކެއް ވެސް ތަހަންމަލްކުރަމުން ދިޔަ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. ޒަކިއްޔާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި މަރާލީ ކަމަށް އާއިލާގެ ބައެއް މީހުންނާއި ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު އޭނާގެ ކަރު އޮތީ ކިރިޔާ ބުރި ނުވެ ކަމަށް އެ މީހުން ބުނެ އެވެ.
ޒަކިއްޔާ މަރުވީ އަމިއްލައަށްވީ ޒަހަމުން: އޮޓޮޕްސީ
ޒަކިއްޔާ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ
"ކެތްތެރިކަން ކޮޅުންލައިފި، ގަސްތުގައި މަރާލީ"
މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ޕޯސްޓްމޯޓަމް ހަދަނީ
ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް
ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް އަދި ނެތް: ޕޮލިސް