ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި އެވެ.
08 އެޕްރީލް 2025
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމެއް އިންޑިއާ އަށް ގޮސްގެން ވާޗުއަލް އޮޓޮޕްސީ ހެދީ މިދިޔަ ހަފުތާގަ އެވެ. އެކަމަކު، އޭގެ ނަތީޖާއެއް އަދި ހާމައެއް ނުކުރެ އެވެ.
ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑުގާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ މައްސަލާގައި ހޮޅުދޫގެ މީހުން، ޒަކިއްޔާގެ ފިރިމީހާ އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނައިރު މިހާތަނަށް އެ އާއިލާގެ ފަރާތުން ވަކި އެއްޗެއް ނުބުނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ. އެކަމަކު، އެ ވާހަކަތަކާ މެދު ހިތްހަމަނުޖެހޭ މީހުން ގަބޫލުކުރާ ގޮތުގައި މީހަކު އަމިއްލައަށް އެ ވަރުގެ އަނިޔާއެއް ނުދޭނެ އެވެ. އެއީ މީހަކު ގަސްތުގައި ދިން ހަމަލާއެއް ކަމެއް ބުނެ އިންސާފު ހޯދުމަށް ހޮޅުދޫގައި ދޭތެރެ ދޭތެރެއިން މުޒާހަރާ ވެސް ކުރެ އެވެ.
އެ މުޒާހަރާތަކާ ގުޅިގެން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ މިދިޔަ މަހުގެ ތެރޭގައި ހޮޅުދުއަށް ވަޑައިގެންފަ އެވެ. އާއްމުންނާ ބައްދަލުކުރައްވައި އިހުސާން އެ ދުވަހު ވިދާޅުވީ އޮޓޮޕްސީ ނުހަދައި ޒަކިއްޔާ ވަޅުލެވުމަކީ ހެދުނު ގޯހެއް ކަމަށެވެ.
އިހުސާން ވިދާޅުވީ މީގެ ކުރިން ވެސް އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ބޭފުޅަކު ހަށިގަނޑު ބެއްލެވި ކަމަށެވެ. އެކަމަކު އޮޓޯޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުފޮނުވާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ތިބޭފުޅުން އާދައިގެ ޕެތަލޮޖިސްޓެއް ކަމަށް، އެހެން ނަމަވެސް އެއީ މީގެ ކުރިން އެތައް އޮޓޮޕްސީއެއް ހަދާފައިވާ ރާއްޖޭގައި އެވަގުތު އެވައިލަބަލްކޮށް އެހެން މަސައްކަތެއްގައި އައިސް ހުރި ބޭފުޅެއް. އެހެންނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އޭރު އޮޓޯޕްސީ ނުހަދާ ދޫކޮށްލި ދޫކޮށްލުން އެއީ އެންމެ ރަނގަޅުކަމެއް ކަމަށް."
"ގަބޫލުކުރަން އެ ދުވަހު އޮޓޯޕްސީއަކަށް ފޮނުވުނު ނަމަ އަޅުގަނޑުމެންނަށް މިއަދު މި ވާހަކައެއް ނުދައްކާނެ،" އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އިހުސާން ވިދާޅުވި އެވެ.
ޒަކިއްޔާގެ ހަށިގަނޑުނަގައި އޮޓޯޕްސީ ހަދައިދޭން އެދިއްޖެ
ޒަކިއްޔާ މަރުވީ އަމިއްލައަށްވީ ޒަހަމުން: އޮޓޮޕްސީ
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަން: ކޮއްކޮ
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ
"ކެތްތެރިކަން ކޮޅުންލައިފި، ގަސްތުގައި މަރާލީ"
މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ޕޯސްޓްމޯޓަމް ހަދަނީ
ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް
ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް އަދި ނެތް: ޕޮލިސް