Roadha Mihaaru

ޒަކިއްޔާގެ މަރު ތަހުގީގުކުރަން ކޮމިޝަނެއް އުފައްދަން އާއިލާއިން އެދިއްޖެ

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މައްސަލާގައި އިންކްއަރީއެއް ހަދަން ކޮމިޝަނެއް އުފެއްދުމަށް އޭނާގެ ކޮއްކޮ އާމިނަތު ޝަޒިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެ އެވެ.

ޒަކިއްޔާގެ މަރު ތަހުގީގުކުރަން ކޮމިޝަނެއް ހަދަން އެދެފި
ނާޒިމް ހަސަން
ނާޒިމް ހަސަން

27 އެޕްރީލް 2025

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މައްސަލާގައި އިންކްއަރީއެއް ހަދަން ކޮމިޝަނެއް އުފެއްދުމަށް އޭނާގެ ކޮއްކޮ އާމިނަތު ޝަޒިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގަ އެވެ. އޭނާގެ އާއިލާ އިން ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، އެ ރަށުގައި އިންސާފަށް ގޮވާލައި ދޭތެރެ ދޭތެރެއިން މުޒާހަރާ ވެސް ދަނީ ކުރަމުންނެވެެ.

ޝަޒިއްޔާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން އިންކުއަރީއެއް ހެދުމަށް ރައީސް މުއިއްޒަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން އެކަމަށް ހާއްސަ ކޮމިޝަނެއް އުފެއްދުމަށް އެދިފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ހޯދުނު ހޯދުންތަކުން ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލާގައި ފުލުހުންގެ ޓީމެއް އިންޑިއާ އަށް ގޮސްގެން ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ އެއް ވެސް ވަނީ ހަދައިފަ އެވެ. އަދި އޭނާ މަރުވީ އަމިއްލައަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށް އޮޓޮޕްސީން ދެއްކިޔަސް އާއިލާ އިން އެ ގަބޫލެއް ނުކުރެ އެވެ.

އެ ބަޔާނުގައި ބުނީ ވާޗުއަލް އޮޓޮޕްސީއެއް ހެދި ކަމަށް ބުނެ އާއިލާއަށާއި ރައްޔިތުންނަށް އޮޅުވާލީ ކަމަށާއި އޮޓޮޕްސީގެ ރިޕޯޓެއް ފުލުހުންގެ އަތުގައި ނެތް ކަމަށެވެ. އަދި އެ ރިޕޯޓް ހޯދުމަށާއި އަދި ތަހުގީގާ ގުޅޭ މައުލޫމާތު ހޯދަން ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީއަށް ޖަވާބު ލިބިފައިނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ހޮޅުދޫ ރައްޔިތުންނާއި އާއިލާއިން މި ތިބީ ފުލުހުން ބުނާހާ އެއްޗެއް ގަބޫލުކުރާ ގޮތަށް ނޫން، ބުއްދި ހަމަޖެހޭ ވާހަކަ ދައްކަން ވާނެ،" އެ ބަޔާނުގައި ބުންޏެވެ.

ޒަކިއްޔާ މަރާ ގުޅޭ ގޮތުން އާއިލާގެ ކަންބޮޑުވުންތައް:

- މަރުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް މަރުގެ ހަގީގަތް ހޯދަން އެކަށީގެންވާ ތަހުގީގެއް ހިންގާފައިވާ ކަމަށް ނުދެކުން.

- އޮޓޮޕްސީ ނަހަދާ ދޫކޮށްލުމަކީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމެއް ކަމަށާއި އެއީ ތަހުގީގު މަރުހަލާގައި ހެދުނު ގޯހެއް ކަމަށް ހޯމް މިނިސްޓަރު އެއްބަސްވެފައިވުން

- ޒަކިއްޔާ މަރުވިތާ 6 މަހާއި 29 ދުވަސް ފަހުން ކުއްލިއަކަށް ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށް ބުނެ މީޑިއާ އަށް ނުސީދާ ގޮތެއްގައި ފުލުހުންގެ މައުލޫމާތުދީފައިވާތީ ކަންބޮޑުވުން.

- ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާނަމަ، ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުގެ ކޮޕީ ނުވަތަ ރިޕޯޓުގެ ކޮޕީ ހިއްސާކުރެވެން ނެތްނަމަ ކަމާބެހޭ ފަންނީ މީހަކާއެކު އެ ރިޕޯޓު ބަލައި ދިރާސާ ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދިނުން.

- ވާޗުއަލް އޮޓޮޕްސީއެއް ހެދުމުގެ ވިސްނުން ގެންގުޅެ، އެ ވިސްނުމުގެ މައްޗަށް ބިނާކޮށް ނުވަތަ އެ ނިޔަތުގައި އެގޮތަށް ނަގާފައިވާ އެއްވެސް ސްކޭނެއް އޮތްކަން ނުވަތަ ނޫންކަން ހާމަކުރުން.

- ރާއްޖެއިން ބާރުގެ އެއްވެސް ޑޮކްޓަރެއްގެ ނުވަތަ ކަމާބެހޭ މާހިރެއްގެ ލަފާ ހޯދާފައިވާނަމަ ލަފާ އެ ފަރާތްތަކުގެ ނަންތަކާއި ލަފާ ދިން ތާރީހުތަކާއި އެ ފަރާތްތަކުގެ ވަނަވަރު އާންމުކުރުން.

- ތަހްގީގުކުރާ ފަރާތުން ޒަކިއްޔާ ފޮރެންސިކް ނުވަތަ މެޑިކޯ ލީގަލް އޮޓޮޕްސީއެއް ހަދާފައިވޭތޯ އާއި އެފަދަ ރިޕޯޓެއް ހަދާފައިވާ ކަމަށް ބުނާނަމަ އެ ރިޕޯޓު ހެދި ތާރީހަކީ ކޮބައިކަން.

- މެޑިކަލް ޓޮކްސިކޮލޮޖީ ރިޕޯޓެއް ތައްޔާރު ކޮށްފައިވާނަމަ އެކަމުގެ މައުލޫމާތާއި އެ ރިޕޯޓު ހިއްސާކޮށްދިނުން

- އޮޓޮޕްސީ ހެދުމުގައި އިހުމާލުވި ފުލުހުންގެ މައްސަލަތައް ބަލައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކުރުން.

- ޒަކިއްޔާގެ ނަފްސާނީ ބަލި ހާލަތުގެ ގޮތުގައި ޑައިގްނޯސް ކުރެވިފައިވަނީ ކޮން ބާވަތެއްގެ ބައްޔެއްތޯ ބަލަން އެކަމާ ގުޅޭގޮތުން ހުރި ލިޔެކިޔުންތައް ހިއްސާކުރުން.