Roadha Mihaaru

އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވާލައިފި

އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ރޭ މަރުވި އަބްދުއްރަހަހުމާން އާދަމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން މީގެ އިރުކޮޅެއް ކުރިން މާލެ ފޮނުވާލައިފި އެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވާލައިފި
އަހުމަދު ހަމްދޫން
އއ. މާޅޮހުން އަހުމަދު ހަމްދޫން

13 ޖުލައި 2025

އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ރޭ މަރުވި އަބްދުއްރަހަހުމާން އާދަމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން މީގެ އިރުކޮޅެއް ކުރިން މާލެ ފޮނުވާލައިފި އެވެ.

މި ރަށު އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޭނާ ނިދާފައި އޮއްވައި ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ރޭ ފަތިހު އަބްދުއްރަހުމާން ވަނީ މަރުވެފަ އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ގެންދިޔަ އާދަމް މުހައްމަދުގެ ހަށިގަނޑާ އެކު އާއިލާގެ ބައެއް މީހުން މާލެ ދިޔަ އެވެ. ނަމަވެސް އާއިލާ އިން ބުނެފައި ވަނީ އޮޓޮޕްސީ ހެދުމުގެ ބަދަލުގައި ބޭނުންވަނީ ހަށިގަނޑު އަވަހަށް ވަޅުލާން ކަމަށެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލުމަށްޓަކައި އެމްބިއުލާންސަށް އަރުވަން ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލުމަށްޓަކައި އެމްބިއުލާންސަށް އަރުވަން ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑުމެން ތަހުގީގަށް ހުރަސް އަޅަނީކީއެއް ނޫން. އެކަމަކު އެއީ ހަށިގަނޑަށް ދެވޭ އިތުރު ގެއްލުމެއް ކަމަށް ބެލެވޭތީ ބޭނުން ނުވަނީ އެކަން ކުރަން،" އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އަބްދުއްރަހުމާންގެ މަރާ ގުޅޭ ގޮތުން މާޅޮހުގެ ރައްޔިތުން ޝައްކުގެ އިނގިލި އެއްވެސް މީހަކަށް އަދި ދިއްނުކުރެ އެވެ. ފުލުހުން އަދި އެއްވެސް ތަފުސީލެއް ނުދެ އެވެ. އަބްދުއްރަހީމް ދިރިއުޅެނީ އަންހެނުން ނާޒިމާ އިބްރާހިމްގެ ގޭގަ އެވެ. އެ ގެ ވަނީ އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ތިން ކުދިންގެ ބައްޕަ އަބްދުއްރަހުމާންގެ ދެމަފިރިން ގޭގައި އުޅެނީ އެކަންޏެވެ. ކުދިން ދިރިއުއުޅެނީ މާލޭގަ އެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑާ އެކު ފުލުހުންގެ ލޯންޗު މާލެ އަށް ދަތުރުކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަބްދުއްރަހުމާންގެ ހަށިގަނޑާ އެކު ފުލުހުންގެ ލޯންޗު މާލެ އަށް ދަތުރުކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަބްދުއްރަހުމާނާއި އަންހެނުން ނާޒިމާ އާންމުކޮށް ނިދަނީ ދެ ކޮޓަރީގައި ކަމަށް ވާއިރު، އަބްދުއްރަހުމާނަށް ކަމެއް ވި ކަން އެނގުނީ ފާހާނާއަކަށް ދިއުމަށްޓަކައި އަބްދުއްރަހުމާންގެ ކޮޓަރިއަށް ވަން ވަގުތުގައި ކަމަށް ނާޒިމާ "މިހާރު" އަށް ބުންޏެވެ.

އޭރު އަބްދުއްރަހުމާން ދިޔައީ "މަރަށް ތެޅެމުން" ކަމަށާއި ހޭވެރިކަމެއް ނެތް ކަމަށް ނާޒިމާ ބުންޏެވެ.

ނާޒިމާ ބުނިގޮތުގައި، އެ ގެ އަށް ވަން މީހާގެ ފައިގެ ނިޝާން ގޭގައި ލާފައިވާ ދޮންވެލިގަނޑު ވެސް ފެންނަން ހުއްޓެވެ.

"ގުންފައި ޖަހާފައި ވަދެފައި ހުރީ،" ނާޒިމާ ބުންޏެވެ.

މާޅޮހަކީ ކުށް މަދު ރަށަކަށް ވާތީ މި ރަށުގެ އެހެން މީހުންނެކޭ އެއްގޮތަށް އަބްދުއްރަހުމާންގެ ދެމަފިރިން ވެސް ނިދަނީ ގެ ތަޅުނުލަ އެވެ.