Roadha Mihaaru

އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް ހޯދައިފި

އއ. މާޅޮހުގައި ގޭގައި ނިދާފައި އޮއްވައި ބޮލަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައަށް މަހެއް ވީއިރު، އެ ރަށުން ބަޔަކަށް ތުހުމަތުތަކެއް ކޮށް، ބައެއް މީހުންގެ ފޯނާއި އަންނަނައުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް

އއ. މާޅޮހުގައި ގޭގައި ނިދާފައި އޮއްވައި ބޮލަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައަށް މަހެއް ވީއިރު، އެ ރަށުން ބަޔަކަށް ތުހުމަތުތަކެއް ކޮށް، ބައެއް މީހުންގެ ފޯނާއި އަންނަނައުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެނގިފައިވާ ގޮތުގައި، މާޅޮހު، އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނަށް ދިން ހަމަލައިގެ ތުހުމަތަށް ތިން މީހެއްގެ ގެ ފާސްކޮށް، އެކެއްގެ އަންނައުނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އެ ކަމަކު، އަދި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެ އެވެ.

މި ކުރިއެރުންތަކާ ގުޅޭ ގޮތުން ފުލުހުންގެ ބައެއް އަދި ނުލިބެ އެވެ.

އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ވެސް ކުރިން ހިފެހެއްޓި އެވެ. އެކަމަކު، ފަހުން ވަނީ ފޯނު ދޫކޮށްލައިފަ އެވެ.

އަބްދުއްރަހުމާން މަރުވީ، އޭނާގެ އަންހެނުން ނާޒިމާގެ މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލަތަކާ ގުޅިގެން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް ޖުލައި 12 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އުމުރުން 65 އަހަރެއް ކަމަކު މާޅޮހުގައި "ޖާނުން އެންމެ ވަރުގަދަ މީހާ" ކަމަށް އެ ރަށުގެ ގިނަ ބަޔަކު އިއްތިފާގުވާ އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު އެވެ.

އަބްދުއްރަހުމާން ދިރިއުޅު ގެ ކައިރީގައި ފުލުހުންގެ ފޮރެންސިކް ޓީމުގެ މީހަކު މިދިޔަ މަހު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަބްދުއްރަހުމާން ދިރިއުޅު ގެ ކައިރީގައި ފުލުހުންގެ ފޮރެންސިކް ޓީމުގެ މީހަކު މިދިޔަ މަހު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މިހާރު" ގެ ނޫސްވެރިން ޖުލައި 13 ވަނަ ދުވަހު އެ ރަށަށް ގޮސް އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާއާ އިންޓަވިއު ކުރުމުން ބުނެފައި ވަނީ ފިރިމީހާ އަށް ހަމަލަދީފައި އޮއްވައި ފެނުނީ ފިރިމީހާ ނިދާފައި އޮތް ކޮޓަރިއަށް ފާހާނާއަކަށް ދިޔަ ވަގުތު ކަމަށެވެ. އެއީ އެ ރޭގެ ދަންވަރު އެކެއް ޖަހާކަންހާއިރެވެ.

"އަބްދުއްރަހުމާން ހަމަ މަރަށް ތެޅުނީ. އަޅުގަނޑު ބަލާލިއިރު މުޅި މީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ. މީހެއްގެ ހަށިގަނޑުން ލޭ ފައިބާނީ އެ ވަރަށޭ އަޅުގަނޑަށް ބުނެވޭނީ. ކޮޓަރީގެ ފާރަށް ވެސް ބައިވަރު ލޭ ބުރާފައި ހުރި،" މާޅޮހުގެ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ނާޒިމާ ކިޔައިދީފައި ވެ އެވެ.

އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި އެ ގެ އަށް ދިޔަ ބައެއް މީހުން ކިޔައިދިން ގޮތުގައި ކޮޓަރީގެ ސީލިންއާ ހަމައަށް ލޭތައް ބުރައިގެން ގޮސްފައި ހުއްޓެވެ.

އަބްދުއްރަހުމާނަށް ހަމަލަދިން ރޭ އެ ދެމަފިރިން ނިދީ ދެ ކޮޓަރީގަ އެވެ. އަދި އަބްދުއްރަހުމާނާއި ނާޒިމާގެ ތިން ފިރިހެންކުދިންގެ ތެރެއިން ރަށުގައި ދިރިއުޅޭ ހަމައެކަނި ދަރިފުޅު ނިމާލް ވެސް އެ ދުވަސްވަރު ހުރީ މާލޭގަ އެވެ. އެހެންވެ، އެ ގޭގައި އުޅުނީ އަބްދުއްރަހުމާންގެ ދެމަފިރިން އެކަންޏެވެ.

އަބްދުއްރަހުމާނަށް ހަމަލަދިން ރޭ ދަންވަރު ތިނެއް ޖެހިއިރުއްސުރެ ފުލުހުން އަދިވެސް ވަނީ އޭނާ ދިރިއުޅުނު މާހިޔަގެ ސަރަހައްދު ބަންދުކޮށް، ތަހުގީގު ހިންގަމުންނެވެ. މާޅޮހުގައި ފުލުހުންގެ މަރުކަޒެއް ނެތް ނަމަވެސް އެ ރަށުގެ ސިއްހީ މަރުކަޒުން ފުލުހުންނަށް ހާއްސަ ޖާގައެއް ވަނީ ހަދައިފަ އެވެ.

އަބްދުއްރަހުމާން މަރައިލި މައްސަލައިގެ ތަހުގީގަށް މާޅޮހުގެ ގެއެެއްގެ ސީސޓީވީ ކެމެރާ ޗެކް ކުރުމަށް ފުލުހުންގެ ބައެއް ސާމާނު ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަބްދުއްރަހުމާން މަރައިލި މައްސަލައިގެ ތަހުގީގަށް މާޅޮހުގެ ގެއެެއްގެ ސީސޓީވީ ކެމެރާ ޗެކް ކުރުމަށް ފުލުހުންގެ ބައެއް ސާމާނު ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަބްުދުއްރަހުމާން ދިރިއުޅުނު މާހިޔައާގެ މާ ދުރު ނޫން ސަރަހައްދެއްގައި އޮންނަ "ހުރަސްމަތި ފަރާތް" ވެސް ފުލުހުންގެ ޓީމަކުން ބަލައި ފާސްކޮށްފައި ވެ އެވެ. އަދި އެ ގެ ކައިރީގެ ވަލުތެރެ އާއި އަތިރިމަތީގެ އެކި ސަރަހައްދުތައް ވެސް ފާސްކޮށް މާޅޮހުގައި ހުރި މަދު ކެމެރާތައް ވެސް ވަނީ ޗެކްކޮށްފަ އެވެ.

މީހަކު މަރައިލުން ފަދަ ބޮޑު ޖަރީމާއެއް ހިންގަން ކެރޭވަރުގެ ބަޔަކު 450 އެއްހާ މީހުން ދިރިއުޅޭ މާޅޮހުގައި ނޫޅޭނެ ކަމަަށް އެ ރަށުގެ މީހުން ގަބޫލުކުރެ އެވެ. އެހެންވެ، އެއްބަޔަކު ބުނަމުން އަންނަނީ އެހެން ރަށްރަށުގެ މަސްދޯނިފަހަރު މަހަށް ގޮސް އުޅޭ އަބްދުއްރަހުމާނަށް ހަމަލަދިނީ އެހެން ރަށެެއްގެ ބަޔަކު މާޅޮހަށް އަރައިގެން ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން މި ރަށުގައި އެހެން ރަށެއްގެ ގިނަ ބަޔަކު ނެތް. ދެން އެ ގެއަކީ [އަބްދުއްރަހުމާން ދިރިއުޅުނު ގެ] ރަށުގެ ވަރަށް ބިއްދޮށުގައި ހުންނަ ގެއެއް. އެ ގެއާ ދިމާލުން ޑިންގީއެއް ކައިރި ކޮށްފައި އެރުމުގެ ފުރުސަތު އެބައޮތޭ. އެކަމަކު އެ ކަހަލަ އިންޒާރެއް އައިސްފައި ނެތިއްޔާ ނުވެސް ބެލޭނެތާ. ބަނދަރަށް އާންމުކޮށް ލަފާ އުސޫލުން ހިއެއް ނުވޭ ރަށަށް އަރައިގެން އެކަން ކުރެވޭނެހެން،" ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު މިދިޔަ މަހު ވިދާޅުވެފައި ވެ އެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސް އޮޓޮޕްސީ ވެސް ހެދި އެވެ. އެ ރިޕޯޓުން ވެސް ދެއްކީ ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މަރުވީ ބޮލަށް ދީފައި ހުރި އަނިޔާތަކުގެ ސަބަބުންނެވެ.