އއ. މާޅޮގައި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމަށް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު އަނިޔާވެރި ހަމަލަތަކެއް ދީ، މަރާލި މައްސަލާގައި އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.
20 ޖުލައި 2025
އއ. މާޅޮގައި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމަށް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު އަނިޔާވެރި ހަމަލަތަކެއް ދީ، މަރާލި މައްސަލާގައި އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާންގެ ބޮލަށް ހަމަލަދީ، ޒަހަމްކޮށްލާފައި އޮއްވައި އެ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. ދެ މީހުން އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވިޔަސް އަބްދުއްރަހުމާންގެ ކޮޓަރި އަށް ފާހާނާއަކަށް ދިޔައިރު އަބްދުއްރަހުމާން ފެނުނީ "މަރަށް ތެޅެނިކޮށް" ކަމަށް ނާޒިމާ "މިހާރު" އަށް ކިޔައިދީފައި ވެ އެވެ. އެހެންވެ، އަވަހަށް ގާތް މީހުންނަށް ގުޅައިގެން ގެއަށް ގެނައީ އެވެ.
އެހެން ރަށްރަށުގެ މަސްދޯނި ފަހަރުތަކުން މަހަށް ގޮސް އުޅުނު އަބްދުއްރަހުމާން މަރުވީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް އެ ރޭ ފަތިހު އެވެ. އަބްދުއްރަހުމާންގެ ދެމަފިރިން ދިރިއުޅެނީ އަންހެނުން ނާޒިމާގެގެ މާހިޔައިގަ އެވެ.
އެ ރޭ ދަންވަރު ތިނެއް ޖެހިއިރުން ފެށިގެން މާހިޔަ އާއި އެ ގެ ހިމެނޭ ސަރަހައްދު ބަންދު ކޮށްގެން ފުލުހުން ތިބޭތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވި ނަމަވެސް މިހާތަަނަށް އެ ތަހުގީގުގައި އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ. އެކަމަކު، އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި މާހިޔާ އަށް ވަން އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ނަގައި އެ މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި ރަށުގައި ހުރި މަދު ސީސީޓީވީ ކެމެރާތައް ވެސް ޗެކްކުރި އެވެ.
އަބްދުއްރަހުމާންގެ މަރާ ގުޅިގެން މާޅޮހުގައި ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި ތަހުގީގުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި މިހާތަނަށް މީޑިއާ އަށް އެނގިފައި ވަނީ އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މީގެ ހަތަރުވަރަކަށް ދުވަސް ކުރިން ހިފެހެއްޓުމެވެ. އެކަމަކު، ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެ ފޯނު ވެސް މިހާރު ވަނީ ނާޒިމާއާ ހަވާލު ކޮށްފައި ކަމަށް އެނގިފައި ވެ އެވެ.
މާޅޮހު ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓުގެ މަގާމު ފުރަމުން އަންނަ ނާޒިމާ މިވަގުތު ހުރީ މާލޭގަ އެވެ.
އެ މަރާ ގުޅޭ ގޮތުން "މިހާރު" އިން މިއަދު ސުވާލު ކުރުމުން ފުލުހުންގެ ޖަވާބަކީ މިހާތަނަށް ތުހުމަތުގައި މީހަކު ހައްޔަރު ނުކުރާ ކަމަށާއި އިތުރަށް ހާމަކުރާނެ މައުލޫމާތެއް ވެސް ނެތް ކަމަށެވެ.
މާޅޮހުގެ ފިހާރައެއްގެ ސީސީޓީވީގެ މެމޮރީ ކާޑު ފުލުހުން ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ނާޒިމާގެ ފޯނު ހިފެހެއްޓުމާ ގުޅިގެން މީޑިއާ އިން ސުވާލު ކުރުމުން ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގުގައި އެކި "އޭންގަލްތަކަށް ފޯކަސް ކޮށްގެން" ވަކިވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އެގޮތުން، މަރުހޫމުގެ އާއިލާއާ ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަ ދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާ އެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންނެވެ،" ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
އަބްދުއްރަހްމާންގެ ގާތިލް ހޯދަން ފުލުހުންގެ ފޮރެންސިކް ޓީމުގެ މީހަކު ބަންދުކޮށްފައިވާ ސަރަހައްދުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ ބުނެފައި ވަނީ ފިރިމީހާ އަށް ހަމަލަދިނުމަށް އެ ގެ އަށް ވަން ކަމަށް ބުނާ ބަޔަކު ނުވަތަ މީހެއްގެ ފައިގެ ނިޝާން އެ ރޭ އޭނާ އަށް ފެނުނު ކަމަށެވެ.
އާދައިގެ ދިރިއުޅުމެއް އުޅޭ އަބްދުއްރަހުމާނަށް ހަމަލަދިން ދުވަސްވަރު އެ ގޭގައި ދިރިއުޅުނީ އެ ދެމަފިރިން އެކަންޏެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ކުރުމަށް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވަނީ މާލެ ގެނެސްފަ އެވެ. ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމަށް މާދަމާ ފޮނުވާލާނެ އެވެ.
ހަތަރުސަތޭކަ ފަންސާހެއްހާ މީހުން ދިރިއުޅޭ މާޅޮހުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލަދޭނެ ބަޔަކު އެ ރަށުގައި ނޫޅޭނެ އެވެ. އެއީ ކުށްކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ރަށަކަށް ވާތީއާ އެކު، އެއް ބަޔަކު ގަބޫލު ކުރަނީ އެފަދަ ލާއިންސާނީ ޖަރީމާއެއް ހިންގަން ކެރޭނީ އެހެން ރަށެއްގެ ބަޔަކަށެވެ.
އަބްދުއްރަހުމާން އުޅުނު މާހިޔަގެ ހުންނަނީ މާޅޮހުގެ ހުރަސް މަގު އަތިރިފަރާތް ސަރަހައްދުގައި ކަމަށް ވުމުން ބަޔަކަށް ނޭނގި ބަޔަކު ދަންވަރު ގަޑީގައި ރަށަށް އަރައި އެފަދަ ކަމެއް ހިންގުމުގެ ފުުސަތު އޮތް ކަމަށް އެ މީހުން ބުނެ އެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
ރަށަށް ބަޔަކު އަރައި މަރާލީ ކަމުގެ ޝައްކު ބޮޑުވެއްޖެ!
މިރަށުން ކުރާ ޒާތުގެ ކަމެއް ނޫން، ސަބަބެއް ވެސް ނެތް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
ސީން އަށް ވަން މީހުންގެ ސާމްޕަލް ނަގަން ފަށައިފި
މާޅޮހުގެ މަރު:ރަށުގެ ހުރަސް މަގު އަތިރިފަޅި ފާސްކުރަނީ
އަންހެނުންނަށް ފެނުނީ އަބްދުއްރަހްމާން މަރަށް ތެޅެނިކޮށް
ހޮޅުދޫގައި މަރުވި ޒަކިއްޔާގެ ދޮށީ ދަރި ހައްޔަރުކޮށްފި