އއ. މާޅޮހުގައި ދާދިފަހުން އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިއަދު އިންޑިއާ އަށް ގެންގޮސްފި އެވެ.
21 ޖުލައި 2025
އއ. މާޅޮހުގައި ދާދިފަހުން އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިއަދު އިންޑިއާ އަށް ގެންގޮސްފި އެވެ.
މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހުގައި އޭނާ ދިރިއުޅެމުންދިޔަ މާހިޔާ ގޭގައި އެ ރޭ މެންދަމު އެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ލިބި، "މަރަށް ތެޅެނިކޮށް" ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. އަދި އެރަށު ސިއްހީ މަރުކަޒަށް އޭނާ ގެންގޮސް ފަރުވާ ދެނިކޮށް އެ ރޭ ފަތިހު ވަނީ މަރުވެފަ އެވެ.
ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އަބްދުއްރަހްމާންގެ ހަށިގަނޑު މިއަދު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވާލާފައިވާ ކަމަށެވެ.
އަބްދުއްރަހްމާންގެ ގާތިލް ހޯދަން ފުލުހުންގެ ތަހުގީގު ޓީމުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަބްދުއްރަހްމާން ދިރިއުޅެމުންދިޔަ މާހިޔާގެ އާއި އެ ގެ ހުންނަ ސަރަހައްދު ބަންދު ކޮށްގެން ފުލުހުން ތިބޭތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް، މިހާތަަނަށް އެ ތަހުގީގުގައި އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.
އެކަމަކު އެގެއަށް ވަދެފައި ހުރި އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ނަގައި އެ މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި ރަށުގައި ހުރި މަދު ސީސީޓީވީ ކެމެރާތައް ވެސް ފުލުހުން ޗެކްކުރި އެވެ.
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ހިފެހެއްޓި ނަމަވެސް ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ފޯނު ވެސް މިހާރު ވަނީ ނާޒިމާއާ ހަވާލު ކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި ނާޒިމާ މިވަގުތު ހުރީ މާލޭގަ އެވެ.
ނާޒިމާ ބުނެފައި ވަނީ އަބްދުއްރަހްމާންގެ ގެއަށް ވަން ކަމަށް ބެލެވޭ ބައެއް ނުވަތަ މީހެއްގެ ފައިގެ ނިޝާން އެރޭ އޭނާ އަށް ފެނުނު ކަމަށެވެ. އަދި އެދުވަސްވަރު އެ ގޭގައި ދިރިއުޅުނީ ވެސް އެ ދެމަފިރިން އެކަންޏެވެ.
މާޅޮހުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލާދޭނެ ބަޔަކު އެ ރަށުގައި ނޫޅޭނެ އެވެ. އަދި އެއީ ކުށްކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ރަށަކަށް ވާތީ، އެއް ބަޔަކު ގަބޫލު ކުރަނީ އެފަދަ ޖަރީމާއެއް ހިންގަން ކެރޭނީ އެހެން ރަށެއްގެ ބަޔަކަށް ކަމަށެވެ.
އަބްދުއްރަހުމާން އުޅުނު ގެ ހުންނަނީ މާޅޮހުގެ ހުރަސް މަގު އަތިރިފަރާތް ސަރަހައްދުގައި ކަމަށް ވުމުން ބަޔަކު ސިއްރުން ދަންވަރު ގަޑީގައި އެ ރަށަށް އަރައި އެފަދަ ކަމެއް ހިންގުމުގެ ފުރުސަތު އޮތް ކަމަށް އެ މީހުން ބުނެ އެވެ.
އަބްދުއްރަހުމާން މަރަށް ހަފުތާއެއް، ކުރިއެރުމެއް ނެތް!
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި
ރަށަށް ބަޔަކު އަރައި މަރާލީ ކަމުގެ ޝައްކު ބޮޑުވެއްޖެ!
މާޅޮހުގެ މަރު:ރަށުގެ ހުރަސް މަގު އަތިރިފަޅި ފާސްކުރަނީ
މިރަށުން ކުރާ ޒާތުގެ ކަމެއް ނޫން، ސަބަބެއް ވެސް ނެތް
އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވާލައިފި
އަންހެނުންނަށް ފެނުނީ އަބްދުއްރަހްމާން މަރަށް ތެޅެނިކޮށް
ނިޝާމާ މަރާލީ ކަރުގައި އެއްޗެއް އަޅައި ހާސްކޮށްގެން
ކުއްޖާގެ މަރުގެ ޕޯސްޓްމޯޓަމްގެ ރިޕޯޓު ލިބިއްޖެ: ޕޮލިސް