Roadha Mihaaru

އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ފުލުހުން ހިފަހައްޓައިފި

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހުމާން އާދަމްގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.

އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހުމާން އާދަމްގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.

އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާން ދިރިއުޅޭ މާހިޔަގޭގައި ނިދާފައި އޮއްވައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފުރަތަމަ ފެނުނީ އަންހެނުން ނާޒިމާ އަށެވެ. އަބްދުއްރަހުމާނާއި ނާޒިމާ އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވިޔަސް ހަމަލަދީފައި އޮތް ކަން ނާޒިމާ އަށް އެނގުނީ އެ ރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު ފާހާނާ އަށް ދިއުމަށްޓަކައި އެ ކޮޓަރި އަށް ވަން ވަގުތު ކަމަށް ނާޒިމާ "މިހާރު" އަށް ކިޔައިދީފައި ވެ އެވެ.

އަބްދުއްރަހުމާންގެ ފޯނު ހިފެހެއްޓުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި އެކި "އޭންގަލްތަކަށް ފޯކަސް ކޮށްގެން" ވަކިވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެގޮތުން، މަރުހޫމުގެ އާއިލާއާ ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަ ދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާ އެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންނެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.

"މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭ ގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ."

އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރުވީ މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ހޮނިހިރު ދުވަހުގެ ރޭގެ ފަތިހު އެވެ.

އެ ރޭގެ ދަންވަރު ތިނެއް ޖެހިއިރުން ފެށިން ފުލުހުންގެ ޓީމުތައް ވަނީ މާޅޮހަށް އަރައި، އަބްދުއްރަހުމާން ދިރިއުޅުނު ގެ އާއި އެ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ގާތިލު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމަކު، މިހާތަނަށް އެއްވެސް ހެއްކެއް ލިބުނު ކަމަކަށް ފުލުހުން ނުބުނެ އެވެ. އަދި އެންމެ ފަހުން މިހާރު ވަނީ ފުލުހުންގެ އިތުރު ޓީމުތައް ވެސް މާޅޮހަށް ގޮސްފަ އެވެ.

އަބްދުއްރަހުމާން ދިރިއުޅުނު މާހިޔަ: މިއީ އޭނާގެ އަންހެނުން ނާޒިމާގެ ގެ.

އަބްދުއްރަހުމާން ދިރިއުޅުނު މާހިޔަ: މިއީ އޭނާގެ އަންހެނުން ނާޒިމާގެ ގެ.

ފުލުހުން ވަނީ އަބްދުއްރަހުމާނަށް ހަމަލަދީފައި ވަނިކޮށް، އެ ގެ އަށް ވަން އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ވެސް ނަގައިފަ އެވެ. އަދި ބައެއް މީހުންނާ ސުވާލުކޮށް، މާޅޮހުގައި ހުރި މަދު ކެމެރާތައް ވެސް ވަނީ ބަލައިފަ އެވެ.

އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ ބުނެފައި ވަނީ ފިރިމީހާ އަށް ހަމަލަދިނުމަށް އެ ގެ އަށް ވަން ކަމަށް ބުނާ ބަޔަކު ނުވަތަ މީހެއްގެ ފައިގެ ނިޝާން އެ ރޭ އޭނާ އަށް ފެނުނު ކަމަށެވެ.

"ގޭގައި ދޮންވެލި ލާފައި އޮންނާތީ މީހެއްގެ ގުންފައި ވަރަށް ރަނގަޅަށް ފާހަގަވި. ވަދެފައި ދިޔަ މީހެއްގެ ފައި ވަރަށް ރީއްޗަށް އެނގެން ހުރި،" ނާޒިމާ "މިހާރު" އަށް މިދިޔަ އާދިއްތަ ދުވަހު ބުނެފައި ވެ އެވެ.

އާދައިގެ ދިރިއުޅުމެއް އުޅޭ އަދި އެހެން ރަށްރަށުގެ ދޯނިތަކުގައި މަހަށް ގޮސް އުޅޭ އަބްދުއްރަހުމާނަށް ހަމަލަދިން ދުވަސްވަރު އެ ގޭގައި ދިރިއުޅުނީ އެ ދެމަފިރިން އެކަންޏެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ވަނީ މާލެ ގެނެސްފަ އެވެ. ފުލުހުން މިއަދު ބުނެފައި ވަނީ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމަށް އަންނަ ހޯމަ ދުވަހު ފޮނުވައިލަން ނިންމާފައިވާ ކަމަށެވެ.