Roadha Mihaaru

އަންހެނުންނަށް ފެނުނީ އަބްދުއްރަހްމާން މަރަށް ތެޅެނިކޮށް، ގާތިލު ދުވެފައި ދިޔަ ކަމުގެ ނިޝާން ހުރި

ނާޒިމާ އިބްރާހިމް އޭނާގެ ފިރިމީހާގެ ކޮޓަރިއަށް ރޭ ދަންވަރު 1:30 ހާއިރު ވަނީ އެ ކޮޓަރީގެ ފާހާނާ ބޭނުންކޮށްލުމަށެވެ. އެކަމަކު، އެހެން ރޭތަކާ މުޅިން ތަފާތުކޮށް ނާޒިމާ އަށް އިވުނީ ފިރިމީހާ އަބްދުއްރަހުމާން އާދަމް 65، "މަރަށް ތެޅޭ" އަޑެވެ. ވަރަށް ގަދައަށް ހަޅޭއްވަ އެވެ. ހޭވެރިކަން ނެތް ކަން އެނގެ އެވެ.

އަންހެނުންނަށް ފެނުނީ އަބްދުއްރަހްމާން މަރަށް ތެޅެނިކޮށް
އަހުމަދު ހަމްދޫން
އއ. މާޅޮހުން އަހުމަދު ހަމްދޫން

13 ޖުލައި 2025

ނާޒިމާ އިބްރާހިމް އޭނާގެ ފިރިމީހާގެ ކޮޓަރިއަށް ރޭ ދަންވަރު 1:30 ހާއިރު ވަނީ އެ ކޮޓަރީގެ ފާހާނާ ބޭނުންކޮށްލުމަށެވެ. އެކަމަކު، އެހެން ރޭތަކާ މުޅިން ތަފާތުކޮށް ނާޒިމާ އަށް އިވުނީ ފިރިމީހާ އަބްދުއްރަހުމާން އާދަމް 65، "މަރަށް ތެޅޭ" އަޑެވެ. ވަރަށް ގަދައަށް ހަޅޭއްވަ އެވެ. ހޭވެރިކަން ނެތް ކަން އެނގެ އެވެ.

"އަބްދުއްރަހުމާން ހަމަ މަރަށް ތެޅުނީ. އަޅުގަނޑު ބަލާލިއިރު މުޅި މީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ. މީހެއްގެ ހަށިގަނޑުން ލޭ ފައިބާނީ އެ ވަރަށޭ އަޅުގަނޑަށް ބުނެވޭނީ. ކޮޓަރީގެ ފާރަށް ވެސް ބައިވަރު ލޭ ބުރާފައި ހުރި،" އއ. މާޅޮހުގެ ސިއްހީ މަރުކަޒުގައި ފިރިމީހާގެ ހަށިގަނޑު ބާއްވާފައި ވާތީ އެ ތަނުގައި ހުރެ "މިހާރު" އާ ވާހަކަ ދައްކަމުން ނާޒިމާ ކިޔައިދިނެވެ.

މާޅޮހު، އޯކިޑްމާގޭ އަބްދުއްރަހްމާން، ރޭ ދޭއްޖަހަން އުޅެނިކޮށް ޒަހަމްތަކަކާ އެކު އޮއްވާ ފެނުމުން ވަގުތުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. އެކަމަކު ރޭ ފަތިހު ވަނީ މަރުވެފަ އެވެ.

މާޅޮހުގައި އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގެ ތަހުގީގަށް ބަންދުކޮށްފައި.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

މާޅޮހުގައި އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގެ ތަހުގީގަށް ބަންދުކޮށްފައި.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

މި ރަށު ކައުންސިލް އިދާރާގައި މަސައްކަތްކުރާ ނާޒިމާގެ ފިރިމިހާ އަބްދުއްރަހުމާން މަރަށް ތެޅޭ ތަން ފެނުމުން، ނާޒިމާ ފުރަތަމަ ގުޅީ މާލޭގައި އުޅޭ އޭނާގެ ދަރިފުޅަކަށެވެ. އޭގެ ފަހުން، މި ރަށުގެ އެކި މީސްމީހުންނަށް ގުޅި އެވެ. ރަށުގެ ބައެއް މީހުންގެ އެހީތެރިކަމާ އެކު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. އެކަމަކު ބޮލަށް ދީފައިވާ ހަމަލަތަކެއްގެ ބޮޑުކަމުން ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.

އާންމުކޮށް މަސްވެރިކަމުގައި އުޅޭ އަބްދުއްރަހުމާނާއި ނާޒިމާ ދިރިއުޅެނީ ނާޒިމާގެ ގެ މާހިޔައިގަ އެވެ. އެ ދެމަފިރިންގެ ދެ ކުދިން އުޅެނީ މާލޭގަ އެވެ.

"ގޭގައި ދޮންވެލި ލާފައި އޮންނާތީ މީހެއްގެ ގުންފައި ވަރަށް ރަނގަޅަށް ފާހަގަވި. ވަދެފައި ދިޔަ މީހެއްގެ ފައި ވަރަށް ރީއްޗަށް އެނގެން ހުރި،" ނާޒިމާ ބުންޏެވެ.

ސިކުނޑީގެ ނާށިގަނޑު ވެސް ފެންނަން ހުރި

ހަމަލާގެ ސީރިއަސް ކަން ކިޔައިދޭން މި ރަށު މީހަކު ބުނީ، އަބްދުއްރަހުމާންގެ ބޮލުގެ އެއްފަޅިން "ސިކުނޑި ވެސް ފެންނަން ހުރި" ކަމަށެވެ. އެއް ލޮލުގައި ބާރަށް އެއްޗަކުން ޖެހުމުން އޮތީ ވަރަށް ބޮޑަށް ނޫފައިގެންފަ އެވެ.

"ބޮލުގެ ތިރިން ވެސް ޒަހަމް ހުރި. އަޅުގަނޑު ބުނާނީ ސީދާ މަރާލަންށޭ ހަމަލަ ދީފައި ހުރީ. ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައި ހުރީ،" ހަށިގަނޑު ފެނުނު މީހަކު ކިޔައިދިނެވެ.

ރަށުގެ މީހުން ޝައްކު ކުރާނެ ބަޔަކު ނެތް

މާޅޮހުން ދިމާވާ ކޮންމެ މީހަކު ވެސް ބުނަނީ މިއީ ވަރަށް އަމާން ރަށެއް ކަމަށެވެ. ހަތަރު ސަތޭކައެއްހާ މީހުން ދިރިއުޅޭ މާޅޮހުގައި ދުވަކު ވެސް މިފަދަ ކަމެއް މިހާތަނަށް ނުހިނގަ އެވެ.

"މި ރަށުގެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ނިދާނީ ދޮރު ތަޅުލައިގެނެއް ނޫން. އަބްދުއްރަހުމާންބެ މެން ވެސް ހަމަ އެހެން. ގޭގެ ދޮރު ތަޅެއް ނުލާނެ. އެއީ މި ރަށުގައި އެ ފާޑުގެ އެއްވެސް ކަމެއް ނުހިނގާތީ ދުވަހަކު ވެސް. ވައްކަމެއް، ޑްރަގެއް މީހުން މެރުން ދުވަހަކު ވެސް އޮތް ރަށެއް ނޫން މިއީ،" ރަށުގެ އިސް މަގާމެއްގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑު ސިއްހީ މަރުކަޒުގައި ބާއްވާފައިވާއިރު، މާޅޮހުގެ ބައެއް މީހުން މަރުކަޒު ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަބްދުއްރަހުމާންގެ ހަށިގަނޑު ސިއްހީ މަރުކަޒުގައި ބާއްވާފައިވާއިރު، މާޅޮހުގެ ބައެއް މީހުން މަރުކަޒު ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފުލުހުން މިހާރު ވަނީ އަބްދުއްރަހުމާން ދިރިއުޅޭ ގެ އެއްކޮށް ބަންދުކޮށްފަ އެވެ. އެ ސަރަހައްދަށް ވެސް އެއްވެސް ބަޔަކަށް ނުވަދެވެ އެވެ. ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދޭތީ އިތުރު ތަފުސީލެއް ނުލިބެ އެވެ.

މި ރަށުގެ ދެ ސަރަހައްދެއްގައި ކެމެރާ ހަރުކޮށްފައި ހުރެ އެވެ. އެކަމަކު އެއީ އަބްދުއްރަހްމާން ދިރިއުޅޭ ގެއާ ވަރަށް ދުރުގަ އެވެ.

އަބްދުއްރަހުމާނަކީ އާދައިގެ ދިރިއުޅުމެއްގައި އުޅޭ މީހެއް

މާޅޮހުން ވާހަކަ ދެއްކި އެންމެން ވެސް ތިބީ ޝޮކެއްގަ އެވެ. މިހާ އަނިޔާވެރިކޮށް އޭނާ މަރާލަން ޖެހޭ އެއްވެސް ސަބަބެއް އެ މީހުންނަކަށް ނުވިސްނެ އެވެ.

އޭނާގެ މަރާއެކު ސިހުރުގެ ވާހަކަތަކެއް ދެކެވުނަސް، މީގެ ކުރިން އޭނާގެ މައްޗަށް އެފަދަ ބޮޑު ތުހުމަތެއް ނެތް ކަމަށް ރަށު މީހުން ބުނެ އެވެ.

އެންމެން ވެސް ބުނާ ގޮތުގައި އަބްދުއްރަހުމާނަކީ މީހުންނާ ގުޅޭ އަދި އާދައިގެ ގޮތަކަށް އުޅޭ މީހެއް ކަމަށެވެ. އާމްދަނީ ހޯދަން ކަންނެއްޔަށް ގޮސް އުޅެ އެވެ. އަދި ވަރަށް ގިނައި އުކުޅަހަށް ވެސް ގޮސް ހަދަ އެވެ.

"މަސްވެރިކަމާ ގުޅޭ ކަންކަމުގައި އުކުޅަހުގައި ވަރަށް ގިނައިން އުޅޭނެ. މީގެ 2-3 ދުވަސް ކުރިން ވެސް އުކުޅަހުގައި އުޅެފައި އައީ،" އަބްދުއްރަހުމާންގެ ގާތް މީހަކު ބުންޏެވެ.

"އެއީ ވަރަށް ހެޔޮލަފާ މީހެއް. އޭނާގެ ފަރާތުން ގޯސް ކަމެއް ފާހަގައެއް ދުވަހަކު ވެސް ފާހަގައެއް ނުވޭ."