Roadha Mihaaru

ޑރ. މަޖީދުގެ މަރާ ގުޅުވައިގެން އިމްރާންގެ ބޮޑު ތުހުމަތެއް!

މީގެ ހަތް އަހަރު ކުރިން އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ކުއްލި މަރާ ގުޅުވައިގެން ކުރީގެ ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ މިއަދު ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

ޑރ. މަޖީދުގެ މަރާ ގުޅުވައިގެން އިމްރާންގެ ތުހުމަތެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

14 ޖޫން 2025

މީގެ ހަތް އަހަރު ކުރިން އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ކުއްލި މަރާ ގުޅުވައިގެން ކުރީގެ ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ މިއަދު ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

އުމުރުން 55 އަހަރުގައި ޑރ. މަޖީދު އަވަހާރަވީ މެއި 22، 2018 ގައި ސްރީ ލަންކާގަ އެވެ.

އެ މަރަށް ހަތް އަހަރު ފަހުން މިއަދު ހެނދުނު އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. މަޖީދުގެ ކުއްލި މަރާ ގުޅިގެން ހިތުގައި އުފެދިފައިވާ ޝައްކުތައް ޔަގީންވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

މިހާރު ތައިލެންޑުގައި ދިރިއުޅުއްވަމުން ގެންދަވާ އިމްރާން ތުހުމަތު ކުރެއްވި ގޮތުގައި ބަޔަކު ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ވަނީ ޝަހީދު ކޮށްލައިފަ އެވެ.

އެކަމަކު، އެ ޓްވީޓާ އެކު މާބޮޑު ތަފްސީލެއް އަދި ނުދެއްވަ އެވެ. އަމިއްލަ ވިޔަފާރިއެއް ފައްޓަވައިގެން މިހާރު ތައިލެންޑުގައި ދިރިއުޅުއްވާ އިމްރާން އަށް "މިހާރު" އިން ގުޅައި މެެސެޖުކުރި ނަމަވެސް ޖަވާބެއް ނުދެއްވަ އެވެ.

ޑރ. މަޖީދުގެ މަރާ ގުޅުވައިގެން އެހާ ވަރުގެ ބޮޑު ތުހުމަތެއް އިމްރާން ކުރެއްވި ނަމަވެސް ނޮވެމްބަރު 2018 ގައި އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު އެ މައްސަލައިގެ ތަހުގީގު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވި އެވެ. އެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވީ އިމްރާނެވެ.

ޑރ. މަޖީދުގެ މަރާ ގުޅިގެން މިފަދަ ވާހަކަތަކެއް މީގެ ކުރިން ދެއްކެވިފައެއް ނުވެ އެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. މަޖީދު އަވަހާރަވީ ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހިގެން ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަރަށް ހާލު ސީރިއަސްވުމުގެ ސަބަބުން ތިން އޮޕަރޭޝަނެއް ވެސް ކުރި އެވެ. ފަހުން ވެންޓިލޭޓަރުގެ އެހީގައި ވެސް ފަރުވާދޭން ޖެހުނެވެ.

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ވަނީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވައިފަ އެވެ.. އަވަހާރަވިއިރު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ. އެ ފެކަލްޓީން ހިންގާ ޑިގްރީ ކޯސްތަކާއި މާސްޓާސް ކޯސްތަކުގައި ކިޔަވައި ދެއްވުމުގެ އިތުރުން ތީސީސްތައް ސުޕަވައިޒް ކުރައްވަމުން ގެންދެވި އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރެއްވި ޑރ. މަޖީދު ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ވެސް ހާސިލް ކުރެއްވީ މަދީނާ ޔުނިވާސިޓީންނެވެ. ޕީއެޗްޑީ ހާސިލް ކުރެއްވި އިރު ފާސްވީ (މަރްތަބަތުއް ޝަރަފުލް އޫލާ) އެއް ވަނަ ދަރަޖައިގަ އެވެ.