އަމާންކަމާ އެކު ހަމަޖެހިލައިގެން މީހުން އުޅެމުން ދިޔަ އއ. މާޅޮސް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލި އަނިޔާވެރި މަރަކާ އެކު އިއްޔެ ފެށުނީ މުޅި ރާއްޖެއަށް ސިހުން ގެނުވަމުންނެވެ. ކުށުގެ ވެއްޓެއް ނެތް އެ ރަށުގައި ރޭގަނޑުގެ އަރާމު ނިދީގައި އޮއްވައި އެ ރަށު އަބްދުއްރަހުމާން އާދަމަށް ބޮޑެތި އަނިޔާތަކެއްދީ މަރާލީ އެވެ.
14 ޖުލައި 2025
އަމާންކަމާ އެކު ހަމަޖެހިލައިގެން މީހުން އުޅެމުން ދިޔަ އއ. މާޅޮސް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލި އަނިޔާވެރި މަރަކާ އެކު އިއްޔެ ފެށުނީ މުޅި ރާއްޖެއަށް ސިހުން ގެނުވަމުންނެވެ. ކުށުގެ ވެއްޓެއް ނެތް އެ ރަށުގައި ރޭގަނޑުގެ އަރާމު ނިދީގައި އޮއްވައި އެ ރަށު އަބްދުއްރަހުމާން އާދަމަށް ބޮޑެތި އަނިޔާތަކެއްދީ މަރާލީ އެވެ.
އިއްޔެ ރޭ މެންދަމުން ފެށިގެން އެ ރަށް މި ހާސްކަމުގައި އޮތަސް އެ ޚަބަރު ފެތުރިގެން ދިޔައީ އެ ހާދިސާގެ މައުލޫމާތު ފުލުހުން މީޑިއާތަކާ ހިއްސާކުރުމާ އެކުގަ އެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރުވީ އޭނާ ގޭގައި ނިދާފައި އޮއްވައި މީހަކު ނުވަތަ ބަޔަކު ވަދެ ބޮލަށް ދިން ބޮޑެތި އަނިޔާތަކާ ގުޅިގެން ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
މަސްވެރިކަމުން އާމްދަނީ ހޯދައިގެން އަނބިމީހާއާ އެކު ރަށުގައި ދިރިއުޅެމުން ދިޔަ، އެންމެންނާ ވެސް ގުޅޭ އަބްދުއްރަހްމާންގެ ސިކުނޑި ވެސް ބޭރަށް ފެންނަ ވަރަށް ޒަހަމްކޮށްލައި މަރާލަންޖެހޭ ސަބަބެއް އެ ރަށު މީހުންނަކަށް ނުވިސްނެ އެވެ. ރަށުގައި އަބްދުއްރަހްމާނާ މެދު މާ ބޮޑު މައްސަލައެއް ޖެހިގެން އުޅޭ މީހަކު ވެސް ނެތެވެ.
މި މަރުގެ ޚަބަރު ލިބުނު އިރު ވެސް ގދ. ގައްދޫ މީހުން ތިބީ އޭގެ ހަތަރު ދުވަސް ކުރިން އެ ރަށުން ގެއްލުނު ޒަކަރިއްޔާ މުހައްމަދު، 79، ހޯދުމުގެ މަސައްކަތުގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ގައްދޫއިން ގަމަށް އޭނާ ފުރި ގޮތަށް ވީނުވީއެއް ނޭނގި ގެއްލުނީ އެވެ.
ފުލުހުންނާއި އާންމުން ގުޅިގެން ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ގަމު ގޮނޑުދޮށަށް ލައްގާފައި އޮއްވައި، އިއްޔެ މެންދުރުވާން އުޅެނިކޮށް ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގައްދޫއިން ފުރިފަހުން ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި ފެނުނު ޒަކަރިއްޔާ މޫސާގެ ހަށިގަނޑު އެމްބިއުލާންސަށް އަރުވަނީ.
ދަނޑުވެރިކަން ކުރަމުން އައި ހީވާގި މީހެއް ކަމަށްވާ ޒަކަރިއްޔާގެ ހަށިގަނޑު ފެނުމުގެ ކުރިން އޭގެ ކުރީ ދުވަހު ވަނީ އޭނާ ދަތުރުކުރި ޑިންޑީ ގަމާއި ގައްދޫއާ ދެމެދު އޮންނަ ކުޑަ ކަނޑުއޮޅިން، 10 މީޓަރު އަޑިން ފެނިގެން ނަގައިފަ އެވެ.
ޒަކަރިއްޔާ ދަތުރުކުރީ އެކަނިމާއެކަނި ކަމަށް ވާތީ، އޭނާއަށް ދިމާވި ގޮތެއް ވެސް ނޭނގެ އެވެ.
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑު އަޑިން ނަގަނީ.
މި ދެ މަރަށް ފަހު ރޭ އިރާކޮޅު އަނެއްކާވެސް އާދަޔާ ހިލާފު ބޮޑު ހާދިސާއެއްގައި ގެއްލުނީ އުމުރުން 17 އަހަރުގެ ކުއްޖެއްގެ ފުރާނަ އެވެ.
މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މީހެއްގެ ގައިގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދެވެ.
ރޭ 8:00 ހާއިރު މި އެކްސިޑެންޓު ހިނގީ ދުވަން އުޅުނު މީހަކު ޒިބްރާކްރޮސް އިން މަގުގެ އަނެއް ފަޅިއަށް ދާން ދުވެފައި ދަނިކޮށް، ސައިކަލް ކޮންޓްރޯލް ނުވެ އެ މީހާ ގައިގައި ޖެހިގެންނެވެ. ސައިކަލުން ޖެހި 40 އަހަރުގެ އެ މީހާ ޒަހަމްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދާއިރު ސައިކަލް ފަހަތުގައި އިން ކުއްޖާއަށް ވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓުގައި، ދެ ކުދިން ތިބި ސައިކަލް ގޮސް ޖެހުނީ މަގުގެ އެއްކޮޅުން އައި ޕިކަޕެއްގަ އެވެ. މަރުވި ކުއްޖާ އޮތީ ޕިކަޕްގެ ދަށުވެފަ އެވެ. އެކްސިޑެންޓުުގައި މީހުންނަށް ލިބުނު ޒަހަމްތަކާ އެކު ފޭބި ލެއިން މަގުގައި އޮތީ ކޯރު ހެދިފަ އެވެ.
މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލްޣަނީ އެ މީހުންގެ ދަރިފުޅު އަލްސަންއާ އެކު.
މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހުންނަ ހަމަ އެކަނި ދަރިފުޅު ކަމަށްވާ އަލްސަންގެ މަރުން ވެސް ލިބުނު ހިތްދަތިކަން ބޮޑެވެ. އިހަށް ދުވަހު އޯލެވެލް އިމްތިހާން ނިންމައި އެތައް އުންމީދަކާއި ހުވަފެންތަކެއް އެ ކުއްޖަކާ މެދު ކުރެވުނު އަލްސަންގެ ކުއްލި ވަކިވުމާއި އެ ހާދިސާ ހިނގި ގޮތުން ހިތަށް ލިބުނު ވޭން އެތައް ގުނައެއް ބޮޑުވި އެވެ.
އިއްޔެ ފެށުނީ ވެސް އަދި ދުވަސް ނިމުނީ ވެސް އާދަޔާ ހިލާފް ދެ މަރާ އެކު ބިރުވެރިކަމާއި ހިތްދަތި އިހްސާސްތަކާ އެކުގަ އެވެ.
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
ނިދާފައި އޮތް މީހަކަށް މާޅޮހުގައި ހަމަލަދީ މަރާލައިފި
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ގައްދޫ އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
ސީން އަށް ވަން މީހުންގެ ސާމްޕަލް ނަގަން ފަށައިފި
ރަށަށް ބަޔަކު އަރައި މަރާލީ ކަމުގެ ޝައްކު ބޮޑުވެއްޖެ!
އަލްސަންގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު
މިރަށުން ކުރާ ޒާތުގެ ކަމެއް ނޫން، ސަބަބެއް ވެސް ނެތް