Roadha Mihaaru
އެންމެން "ފަތުވާ" ނެރެނީ، ފަތުވާމަޖިލިސް ވާ ކޮށްފައި

ފަތުވާ މަޖިލިސް ވާ ވެފައި އޮންނަތާ އަހަރެއް، ޒިންމާ ނަގަންޖެހޭ!

25 ސެޕްޓެމްބަރ 2022

ދާދި ފަހުން ރާއްޖޭގައި އެ ބަޔަކަށް ބޭނުންވާ ގޮތަށް "ފަތުވާ" ނެރެމުން އައީ މުސްލިމުން ޔޯގާ ހެދުމުގެ މައްސަލައިގަ އެވެ. މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ދިވެހި ސަރުކާރުގެ ބައިވެރިވުން ވެސް އޮވެގެން އިންޑިއާ ހައި ކޮމިޝަން ގުޅިގެން ބޭއްވި ޔޯގާ ދުވަހުގެ ހަރަކާތާއެކު، އެކި ވިސްނުމުގެ ދީނީ އިލްމުވެރިން "ފަތުވާތައް" ނެރުނުއިރު ގާނޫނީ ގޮތުން ރާއްޖޭގައި ފަތުވާ ނެރުމުގެ ބާރު އޮތް ފަތުވާ މަޖިލިސް އޮތީ ސަރުކާރުން "ޕެރެލައިޒް" ކޮށްފަ އެވެ. މިއަދާ ހަމައަށް ވެސް އެ ފަތުވާ މަޖިލިހުން ކުރެވޭނެ ކަމެއް ނެތެވެ. ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ސަރުކާރުން ނުކުރުމުންނެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ދާދި ފަހުން ރާއްޖޭގައި އެ ބަޔަކަށް ބޭނުންވާ ގޮތަށް "ފަތުވާ" ނެރެމުން އައީ މުސްލިމުން ޔޯގާ ހެދުމުގެ މައްސަލައިގަ އެވެ. މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ދިވެހި ސަރުކާރުގެ ބައިވެރިވުން ވެސް އޮވެގެން އިންޑިއާ ހައި ކޮމިޝަން ގުޅިގެން ބޭއްވި ޔޯގާ ދުވަހުގެ ހަރަކާތާއެކު، އެކި ވިސްނުމުގެ ދީނީ އިލްމުވެރިން "ފަތުވާތައް" ނެރުނުއިރު ގާނޫނީ ގޮތުން ރާއްޖޭގައި ފަތުވާ ނެރުމުގެ ބާރު އޮތް ފަތުވާ މަޖިލިސް އޮތީ ސަރުކާރުން "ޕެރެލައިޒް" ކޮށްފަ އެވެ. މިއަދާ ހަމައަށް ވެސް އެ ފަތުވާ މަޖިލިހުން ކުރެވޭނެ ކަމެއް ނެތެވެ. ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ސަރުކާރުން ނުކުރުމުންނެވެ.

މީގެ 14 އަހަރު ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ގައި އުފެއްދި ފިގުހު އެކަޑެމީ ގަވައިދެއްގެ ދަށުން ވަރަށް ރަނގަޅަށް ހިންގަމުން އައިސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ގާނޫނެއްގެ ތެރެއިން ބާރުވެރިކަން ދިނެވެ. ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އެ އަހަރު ގެނައި އިސްލާހެއްގެ ދަށުން "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އުފެއްދި އެވެ. ޔާމީންގެ ސަރުކާރުގައި ވެސް ފަތުވާ މަޖިލިސް ވަރަށް ރަނގަޅަށް ހިންގަމުން އައި ނަމަވެސް އެ މަޖިލިހުގެ ފަސް މެމްބަރުންގެ މުއްދަތު މިދިޔަ އަހަރު ހަމަވުމާއެކު، އެ ހިސާބުން މި ސަރުކާރުން ކުރަން ޖެހޭ ކަންކަން ނުކުރުމުން ހުރިހާ ކަމެއް ބޮއްސުންލައިގެން ދިޔައީ އެވެ.

ފަތުވާ މަޖިލިހުގައި މިހާރު ހުންނެވީ ރައީސަކު އެކަންޏެވެ. އެ މަޖިލިސް ހިންގަވަން ޝައިހު މުހައްމަދު ރަޝީދު އިބްރާހިމް ހަމަޖެއްސެވިއެއް ކަމަކު ބާކީ ހަތަރު މެމްބަރުން އައްޔަން ނުކުރުމުގެ ސަބަބުން މުޅި މަޖިލިސް އޮތީ "ވާ" ވެފަ އެވެ. އެ ގޮތަށް ފަތުވާ މަޖިލިހެއް ނެތި އޮންނަތާ އަހަރެއް ވަނީ އެވެ. އެނގިފައިވާ ގޮތުގައި ދީނީ ގޮތުން އުފެދޭ މައްސަލަތަކާ މެދު ވަކި ގޮތެއް ކަނޑައަޅައިދޭން އެދި ވަރަށް ގިނަ މައްސަލަތައް މިދިޔަ ދުވަސްތަކުގައި ޝައިހު ރަޝީދާ ހަމައަށް ވަނީ ގެންގޮސްފަ އެވެ. އެކަމަކު އޭނާ ހުންނެވީ އެއްވެސް ކަމެއް ނުކުރެއްވި އެވެ. ގާނޫނީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަންޖެހޭ ކަންކަން ނުކުރެއްވުމުންނެވެ.

ޝައިހު ރަޝީދަށް ދެންނެވެން އޮތީ އިސްލާމިކް މިނިސްޓަރަށް. އަޅުގަނޑަށް އެނގިފައިވާ ގޮތުން އޭނާ އެ ކަން އެބަކުރައްވާ. ފަތުވާ މަޖިލިހަށް މެމްބަރުން ހަމަކޮށްދޭން އޭނާ އެތައް ފަހަރަކު މިނިސްޓަރަށް ދަންނަވައިފި"--- ޝައިހު ރަޝީދުގެ ގާތް ބޭފުޅެއް

ގާނޫނު ބުނާގޮތުން ފަތުވާ މަޖިލިހަށް ފަސް މެމްބަރުން އައްޔަން ކުރައްވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ. މުޅި ފަތުވާ މަޖިލިސް ޖަވާބުދާރީވާން ޖެހެނީ އިސްލާމިކް މިނިސްޓަރަށެވެ. ފަތުވާ މަޖިިލިސް ހިނގަނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ. އެއީ ވަކި އިދާރާއެއް ކަމަށް ގާނޫނުގައި އޮތަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ކުރައްވަންޖެހޭ ކަންކަން ނުކުރެވި އެތައް މަސައްކަތެއް ހުއްޓިފައި އޮތުމަކީ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު (ވ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ފަތުވާ މަޖިލިސް އަލުން އެކުލަވާލެއްވުމުގައި ޒިންމާ އަދާކުރައްވާ ތަނެއް ނުފެނޭ.---ފައިލް ފޮޓޯ: މިހާރު

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު (ވ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ފަތުވާ މަޖިލިސް އަލުން އެކުލަވާލެއްވުމުގައި ޒިންމާ އަދާކުރައްވާ ތަނެއް ނުފެނޭ.---ފައިލް ފޮޓޯ: މިހާރު

ދިވެހިރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގުހީ އާ މައްސަލަތަކުގެ ދިރާސާތައްކޮށް، އެ ކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި އުފެއްދި އެ މަޖިލިހުގެ ފަސް މެމްބަރުން ހަމަނުކުރެވި، ދީނީ އެއްވެސް މައްސަލައަކަށް އެއްޗެއް ނުބުނެވި އުޅޭތާ އަހަރެއް ވެއްޖެ އެވެ. މިއީ ކިހާ ބޮޑު ލަދެއް ހެއްޔެވެ؟ ދީނީ އެކިއެކި މައްސަލަތައް އިތުރަށް ބޮޑުވެ، އެ ބަޔަކު ބޭނުން ގޮތަކަށް ދީނީ ކަންކަމުގައި ހިޔާލުތައް ނެރެ، ބޮޑު ހަމަނުޖެހުމަކަށް ދާނެ ކަމެކެވެ. އެ ކަން ދާދި ފަހުން ވެސް މި އޮތީ ފެނިފަ އެވެ.

ޖުމުލަ ފަސް މެމްބަރުންގެ މަޖިލިހުގެ ކޯރަމަކީ ތިން މެމްބަރުން ކަަމަށް ވާއިރު، ޝައިހު ރަޝީދު އެ އުޅުއްވަނީ މެމްބަރުން އައްޔަން ކޮށްދެއްވަން ޑރ. ޒާހިރުގެ އަރިހުގައި އާދޭސް ދަންނަވަމުންނެވެ. ޝައިހު ރަޝީދުގެ އަރިސް ބޭފުޅެއް އަދި ފަތުވާ މަޖިލިހާ ގުޅޭ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ، އެ މަޖިލިހަށް މެމްބަރުން ހަމަކޮށްދެއްވަން ޝައިހު ރަޝީދު ވަނީ ތަކުރާރުކޮށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

ޝައިހު ރަޝީދު "މިހާރު" އާ ކުރިން ވާހަކަ ދައްކަވަނީ: ފަތުވާ މަޖިލިހުގެ ރައީސްގެ މަގާމުގައި ހުންނެވިޔަސް އެހެން މެމްބަރުން ހަމަނުކުރައްވާތީ ހުންނެވީ މަސައްކަތެއް ނެތިފައި.---ފައިލް ފޮޓޯ: މިހާރު

ޝައިހު ރަޝީދު "މިހާރު" އާ ކުރިން ވާހަކަ ދައްކަވަނީ: ފަތުވާ މަޖިލިހުގެ ރައީސްގެ މަގާމުގައި ހުންނެވިޔަސް އެހެން މެމްބަރުން ހަމަނުކުރައްވާތީ ހުންނެވީ މަސައްކަތެއް ނެތިފައި.---ފައިލް ފޮޓޯ: މިހާރު

"ޝައިހު ރަޝީދަށް ދެންނެވެން އޮތީ އިސްލާމިކް މިނިސްޓަރަށް. އަޅުގަނޑަށް އެނގިފައިވާ ގޮތުން އޭނާ އެ ކަން އެބަކުރައްވާ. ފަތުވާ މަޖިލިހަށް މެމްބަރުން ހަމަކޮށްދޭން އޭނާ އެތައް ފަހަރަކު މިނިސްޓަރަށް ދަންނަވައިފި. ޝައިހު ރަޝީދަކީ ފަތުވާ މަޖިލިހެއް ކަމަކު އޭނާ އެކަނި އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވޭނެ. އެއީ ގާނޫނީ ގޮތުން ވެސް އެ ކަން އޮންނަންޖެހޭ ގޮތެއް ނޫން،" ޝައިހު ރަޝީދުގެ އަރިސް ބޭފުޅާ ވިދާޅުވި އެވެ.

ދީނީގޮތުން ފަތުވާ ނެރުމަކީ ދީނީ އިލްމުވެރިން ވިދާޅުވާގޮތުގައި، ގައުމީ އެއްބައިވަންތަކަމާއި ގައުމީ ސަލާމަތަށް ވެސް ވަރަށް މުހިންމު ކަމެކެވެ. އިސްލާމީ ދައުލަތުގެ އޮނިގަނޑުގެ އެންމެ މުހިންމު އެއް އަސާސެވެ. ރާއްޖެ ފަދަ 100 ޕަސެންޓް މުސްލިމް ގައުމެއްގައި އެފަދަ މަޖިލިހެއް ކޮންމެހެން އޮންނަންޖެހޭ ކަމަށް ގިނަ ދީނީ އިލްމުވެރިން އިއްތިފާގުވެ އެވެ.

"އިސްލާމީ ހުރިހާ ގައުމެއްގައި ވެސް އޮންނަ މަޖިލިހެއް އެއީ. ކޮންމެ އިސްލާމީ ގައުމެއްގައި ވެސް އޮންނާނެ ދައުލަތުގެ ފަރާތުން ފަތުވާދޭ މަޖިލިހެއް. ގައުމީ އެއްބައިވަންތަކަމާއި ގައުމީ ސަލާމަތާ ގުޅޭ ވެސް މުހިންމު ކަމެއް. އެކަމަކު އަޅުގަނޑަށް ފެންނަ މަންޒަރީ ފަތުވާ މަޖިލިހަށް ބާރު ދީގެން، އެ ތަނުން ނެރެފާނެ ފަތުވާއަކާ މެދު މި ސަރުކާރުން ބިރު ގަންނަނީ. އެކަމަކު އެހެނެއް ނުހަދާނެ ފަތުވާ މަޖިލިހުގެ މެމްބަރުންނެއް އެ ތަނުގައި ތިބެނީ ގޭންގްސްޓާރުންނެއް ނޫން،" އިސްލާމީ ފަތުވާ މަޖިލިސް އުފައްދަން ހިޔާލު ދެއްވައި، އެ ކަމަށް މަސައްކަތްތަކެއް ކުރެއްވި ދީނީ އިލްމުވެރިއަކު ވިދާޅުވި އެވެ.

"އެ ތަނުގައި ތިއްބަވާނީ ރާއްޖޭގައި ތިއްބެވި އެންމެ ހަރުކުލައިގެން ދީނީ އިލްމުވެރިން."

ގާނޫނު އޮތް ގޮތުން ފަތުވާ ދޭ މަޖިލިހަށް ރައީސުލްޖުމްހޫރިއްޔާ މެމްބަރުން އައްޔަން ކުރައްވަން ޖެހެނީ ވަކި ގޮތަކަށް ބެއްލެވުމަށް ފަހު އެވެ.

ފަތުވާ މަޖިލިސް އެކުލެވިގެންވާ ގޮތް:

1- ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަންކުރާ މެމްބަރެއް.

2- ގައުމީ ޔުނިވާސިޓި ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑެމިކް މުވައްޒަފުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރެއް.

3- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެމްބަރެއް.

ފަތުވާ މަޖިލިހުގެ ރައީސަކު ކަނޑައަޅަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާއިރު، އެ ކަން ވަނީ ކުރައްވައިފަ އެވެ. ޝައިހު ރަޝީދު މިހާރު އެ މަޖިހުގައި މިހާރު ފުރުއްވަމުން އެ ގެންދަވަނީ އޭނާގެ ދެވަނަ ދައުރެވެ. އޭނާގެ މަގާމުގެ ދައުރު ހަމަވާނީ 2027 އަށެވެ.

ނަމަވެސް ފަތުވާ މަޖިލިހުގެ ގޮނޑީގައި ޝައިހު ރަޝީދު އެކަނި 2027 އާ ހަމައަށް ހުންނެވިޔަސް ކުރެވޭނެ ކަމެއް ނެތެވެ. މިހާރު ވެސް އޭނާ އެކަނި ހުންނަވާތާ އަހަރެއް ވަނީ އެވެ. އެހެން މެމްބަރުން ނެތި ފަތުވާއެއް ނެރެވޭކަށް ނެތެވެ. ދީނީ އެކި މައްސަލަތަކުގައި މުޅި ގައުމު "ޣަރަގުވެ" ބޮޑު ހަމަނުޖެހުމަކަށް ދިޔަސް އޭނާ ކިތަންމެ މޮޅަސް ކަމެއް ކުރެވެން އޮތީ ދައުލަތުގެ އެންމެ މަތި ހަރަކާތްތެރިވެގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ފަތުވާ މަޖިލިހަށް މެމްބަރުން އައްޔަން ނުކުރައްވާ އަހަރެއް ވަނީ، އެކަމަކު އެއީ ގާނޫނީ ގޮތުން އެ މަނިކުފާނުގެ ޒިންމާއެއް.---ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ފަތުވާ މަޖިލިހަށް މެމްބަރުން އައްޔަން ނުކުރައްވާ އަހަރެއް ވަނީ، އެކަމަކު އެއީ ގާނޫނީ ގޮތުން އެ މަނިކުފާނުގެ ޒިންމާއެއް.---ފޮޓޯ: މިހާރު

"އަނެއްހެން ބުނާ ނަމަ ގާނޫނުގެ ބާރު ކަނޑުވާލާފައި އެ އޮންނަނީ. ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ނުކުރައްވައި އަހަރެއް ވުމަކީ ކުޑަ ކަމެއް ނޫން. މުޅި ދައުލަތް މީގެ ޒިންމާ ނަގަންޖެހޭ. ހާއްސަކޮށް އިސްލާމްދީނާ ގުޅޭ ކަމެއްގައި، ދައުލަތުގެ އެންމެ އިސްވެރިން ކުރައްވަންޖެހޭ ކަމެއް ނުކުރެވި، މިހެން ދިގުލައިގެން ދިއުމަކީ ލަދުވެތިކަމެއް،" ކުރިން ވާހަކަ ދެއްކެވި، ފަތުވާ މަޖިލިސް އުފައްދަން މަސައްކަތް ކުރެއްވި ދީނީ އިލްމުވެރިޔާ ވިދާޅުވި އެވެ.

ބައެއް މީހުން ބުނާގޮތުގައި މި ސަރުކާރުން ބޭނުންވަނީ އިސްލާމީ ފަތުވާދޭ މަޖިލިހުގެ ބަދަލުގައި އިސްލާމީ ފިގުހު އެކަޑެމީއެއް އުފައްދާށެވެ. އެއިރަށް އެކިއެކި މައްސަލަތައް ކުރިއާލައި ދިރާސާކޮށް، ދީނީ ގޮތުން އެކަޑެމިކް މަސައްކަތްތަކެއް ކުރެވޭނެ އެވެ. އެއީ ވެސް ގިނަ ދީނީ އިލްމުވެރިން ތާއީދު ކުރައްވާ ކަމެކެވެ. ނަމަވެސް މައްސަލައަކީ އެ ކަން ވެސް ނުކުރެވި، ގާނޫނުގައި އޮތް ގޮތަށް މިހާރު ވެސް އަމަލު ނުކުރެވުމެވެ. މިއީ "ދީނީ ޕާޓީ" އެއްގެ ތާކިހަލުގައި ވެރިކަމަށް އައި ސަރުކާރެއް ކަމަށް ވާއިރު، ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ދައުލަތުގެ ފަރާތުން ފަތުވާދޭ މަޖިލިސް "ޕެރައިޒް" ކޮށްފައި އަހަރެއް ވާން ކައިރިިވުން ވަރަށް ގޯހެވެ. އެ ބަޔަކު ޒިންމާ ނަގަން ޖެހޭނެ އެވެ.

ކޮންމެ ދީނީ އިލްމުވެރިއަކަށް، ކޮންމެ ސިޔާސީ ޕާޓީއަކަށް ފަތުވާ ނެރުމުން ދެން ވާނެއް ގޮތެއް ސަރުކާރުން ވަޒަން ކުރަންޖެހެ އެވެ.