Roadha Mihaaru
ސަލްމާން މިސްކިތް ރޯދައަށް ހުޅުވަން ފައިސާ ދޫކުރަނީ

ކިންގް ސަލްމާން މިސްކިތް ރޯދައަށް ހުޅުވަން ވަރަށް އަވަހަށް ފައިސާ ދޫކުރާނަން: ފިނޭންސް

20 ޖެނުއަރީ 2022

ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަ މަހަށް ހުޅުވުމަށް ބޭނުންވާ ކަންކަން ނިންމުމަށް ވަރަށް އަވަހަށް ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަ މަހަށް ހުޅުވުމަށް ބޭނުންވާ ކަންކަން ނިންމުމަށް ވަރަށް އަވަހަށް ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސައުދީގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒްގެ އެހީގައި މާލޭގެ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރަތްކުރި މިސްކިތް ނިންމިތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރު ވެސް އެތަން ހުޅުވޭ ގޮތެއް ނުވި އެވެ. އެކަމާ ގުޅިގެން އާއްމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ މަހު ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

އެ ސިޓީގައި ވިދާޅުވީ އެ މިސްކިތަށް ބޭނުންވާ ފަރުނީޗަރާއި ވަސީލަތްތައް ނުލިބޭތީ އެތަން ފޮޅައި ސާފުކޮށް ބެލެހެއްޓުމުގައި ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ތަކެތި ގަތުމަށް ދެ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ދޭނެ ކަމަށް ފޮރިން މިނިސްޓްރީން އަންގާފައިވާތީ، އިސްލާމިކް މިނިސްޓަރު އެދިވަޑައިގަތީ މިސްކިތަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ދައުލަތުގެ ބަޖެޓުން އެ ފައިސާ ހަމަޖައްސައިދިނުމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ފައިސާ ދޫކުރުމަށް ރައީސް އޮފީހުން ވަނީ ފިނޭންސްގައި އެދިފަ އެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން ވަހީދު ވިދާޅުވީ ރޯދަ މަހަށް ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ފައިސާ ހަމަޖައްސާފައިވާ ކަމަށެވެ. ވަރަށް އަވަހަށް އެ ފައިސާ ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރާއި ޕްރޮޖެކްޓަށް ހުށަހަޅާފައިވާ ކޯޓޭޝަންގެ އަގަކީ 1.6 މިލިއަން ޑޮލަރެވެ.

ކިންގް ސަލްމާން މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެ މަސައްކަތަށް ސަރުކާރުން ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.