Roadha Mihaaru
ކުރީގެ ސަރުކާރުން 54 ބިލިއަންގެ ލޯނު ނެގި: ފިނޭންސް

ކުރީގެ ސަރުކާރުގެ 54 ބިލިއަންގެ ލޯނުގެ ތެރެއިން 28 ބިލިއަން ނެގީ އިންޑިއާ އިން

20 ނޮވެމްބަރ 2023

މި މަހުގެ 17 ގައި ދައުރު ފުރިހަމަ ކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ލޯނާއި ގެރެންޓީގެ ގޮތުގައި 3.5 ބިލިއަން ޑޮލަރު (54 ބިލިއަން ރުފިޔާ) ނަގާފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި މަހުގެ 17 ގައި ދައުރު ފުރިހަމަ ކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ލޯނާއި ގެރެންޓީގެ ގޮތުގައި 3.5 ބިލިއަން ޑޮލަރު (54 ބިލިއަން ރުފިޔާ) ނަގާފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

އެ މިނިސްޓްރީގެ ލޯނުތަކާ ގުޅޭ ރިޕޯޓުތަކުގައިވާ ގޮތުން މިދިޔަ ފަސް އަހަރު 42 ލޯނަކަށް 2.7 ބިލިއަން ޑޮލަރު (42 ބިލިއަން ރުފިޔާ) ނެގި އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭނުން ވެގެން ބޭރުގެ ނުވަ ލޯނަކަށް 750 މިލިއަން ޑޮލަރު (11.5 ބިލިއަން ރުފިޔާ) ވަނީ ނަގައިފަ އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިން ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ދަރަނީގެ އަދަދަށް ވުރެ 14.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ޔާމީންގެ ސަރުކާރުން ނެގި ޖުމުލަ ދަރަނީގެ އަދަދަކީ 39.6 ބިލިއަން ރުފިޔާ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލޯނުތަކުގެ ތެރެއިން އިންޑިއާގެ އެގްޒިމް ބޭންކުން ހަ ލޯނާއި ގެރެންޓީ ދީގެން ނެގި ހަތަރު ލޯނަކަށް 1.8 ބިލިއަން ރުފިޔާ (28.4 ބިިލިއަން ރުފިޔާ) ގެ ދަރަނި ނަގާފައިވެ އެވެ. މީގެ ތެރެއިން ހަ ލޯނަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) އަރަ އެވެ. ސަރުކާރުގެ ކުންފުނިތަކުން އިންޑިއާގެ އެގްޒިމް ބޭންކުން 447 މިލިއަން ޑޮލަރު (6.8 ބިލިއަން ރުފިޔާ) ގެ ލޯނު ނެގި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ލޯނެއް ނެގީ ފަހި ދިރިއުޅުން ކޯޕަރޭޝަނުންނެވެ. އެ ކުންފުނިން 4،000 ހައުސިން ޔުނިޓް އިމާރާތް ކުރަން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ ނަގާފައިވެ އެވެ.

އިންޑިއާގެ އިތުރުން ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) މެދުވެރިކޮށް ވެސް ގިނަ އަދަދެއްގެ ލޯނު މިދިޔަ ސަރުކާރުން ނަގާފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދަރަންޏާ އެކު ދައުލަތުގެ ޖުމްލަ ދަރަނި މި ވަގުތު ހުރީ 119 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 111 ޕަސެންޓެވެ. ސަރުކާރުގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި އަމާޒަކީ 2026 ވަނަ އަހަރު އަންނަ އިރު ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 95 ޕަސެންޓަށް ތިރި ކުރުމެވެ. އެކަން ހާސިލުވާނީ، ދައުލަތުގެ ޑެފިސިޓް ކުޑަކޮށް، ބަޖެޓަށް ހަމަޖައްސަން ނަގާ ލޯނުތައް މަދުކޮށްގެންނެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރާނެ ގޮތްތައް ހޯދައިގެންނެވެ.