Roadha Mihaaru
10 މިލިއަން ރުފިޔާ ދަރަނި ދެއްކުން ފަސްކޮށްދީފައިވޭ

ދަރަންޏަށް ވާ 10 މިލިއަން ރުފިޔާ ދެއްކުން ފަސްކޮށްދީފައިވޭ

15 ޑިސެމްބަރ 2020

ރާއްޖޭގެ ދަރަނި އިންތިހާ އަށް މަތިވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ކުރި މަސައްކަތުން 10 މިލިއަން ރުފިޔާ ދެއްކުން ފަސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ދަރަނި އިންތިހާ އަށް މަތިވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ކުރި މަސައްކަތުން 10 މިލިއަން ރުފިޔާ ދެއްކުން ފަސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ޕަބްލިކް ޑެޓް ބުލެޓިންގެ މިދިޔަ ޖޫން މަހުގެ އެޑިޝަންގައިވާ ގޮތުން، ކޮވިޑްގެ ހާލަތާ ގުޅިގެން ކުރިމަތިވި މާލީ ދަތިތަކުގެ ނަތީޖާއެއްގެ ގޮތުން ދަރަނި އަނބުރާ ދެއްކުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެ އެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ޖީ20 ގެ ފިނޭންސް މިނިސްޓަރުންނާއި ގަވަރުނަރުންގެ ބައްދަލުވުމުގައި "ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީއެސްއެސްއާއި) ތައާރަފުކުރުމުން، މި ގްރޫޕްގައި ރާއްޖެ އިން ބައިވެރިވެ ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ މިދިޔަ މެއި މަހުން މި ޑިސެމްބަރު މަހުގެ ނިޔަލަށް 10 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން ފަސްވުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ނަމަވެސް މިއަދަދު މި މުއްދަތުގެ ފަހުން ދައްކަން ޖެހޭނެ އެވެ.

ދަރަނި ދެއްކުމުގައި 10 މިލިއަން ރުފިޔާ ލުއި ލިބުނު އިރު ޗައިނާ އަށް އަނބުރާ ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ވެސް ދިވެހި ސަރުކާރަށް ލުއި ލިބިފައިވެ އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައިވާ ގޮތުން ލޯނުތައް އަނބުރާ ދެއްކުމަށް 1.8 ބިލިއަން ރުފިޔާ އަންދާޒާކޮށްފައި އޮތަސް މި އަހަރު ނިމޭ އިރު ދައްކާނީ 1.1 ބިލިއަން ރުފިޔާ އެވެ. މީގެ މައިގަނޑު ސަބަބަކީ، ކުރިން އަންދާޒާކުރި މިންވަރަށް ޓީބިލް ރިޑީމް ނުކުރުމާއި ޑީއެސްއެސްއާއިގައި ބައިވެރިވުމުގެ ސަބަބުން ލޯނުތައް ދެއްކުމުގައި ލިބުނު ލުއިތަކެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައިސް މި އަހަރުގެ އާމްދަނީ އިންތިހާ އަށް ދަށަށް ދިޔަ އެވެ. މިކަން ފޫބެއްދުމަށް އަނެއްކާވެސް ސަރުކާރަށް ޖެހުނީ އިތުުރު ލޯނުތައް ނަގާށެވެ. އެގޮތުން ދައުލަތުގެ ދަރަނި އަހަރު ނިމޭ އިރު 70 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 121 ޕަސެންޓެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 57 ބިލިއަން ރުފިޔާގަ އެވެ.

ކޮވިޑް-19އާ އެކު ކުރިން ލަފާކުރި މިންވަރަށް ވުރެ 10 ބިލިއަން ރުފިޔާ ޑެފިސިޓަށް އިތުރުވެފައިވެ އެވެ. މި ހާލަތު މެދުވެރި ނުވި ނަމަ މިއީ ދަރަންޏަށް އިތުރުވާނެ މިންވަރެއް ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.