Roadha Mihaaru
ފިޗްގެ ރޭޓިން ދަށްކުރީ މަޖިލީހުގެ ސަބަބުން: ޝަރީފު

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީ މަޖިލީހުގެ ސަބަބުން: ޝަރީފު

07 ނޮވެމްބަރ 2020

ކްރެޑިޓް ރޭޓިން ކުންފުނި "ފިޗް އިން ރާއްޖޭގެ ރޭޓިން ދަށްްކުރި މައިގަނޑު ސަބަަބަކީ ދައުލަތުގެ ދަރަނީގެ ހާލަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި ރިޕޯޓު ކަމަށް ވިދާޅުވެ، މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު( އައްޑޫ ޝަރީފު) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކްރެޑިޓް ރޭޓިން ކުންފުނި "ފިޗް އިން ރާއްޖޭގެ ރޭޓިން ދަށްްކުރި މައިގަނޑު ސަބަަބަކީ ދައުލަތުގެ ދަރަނީގެ ހާލަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި ރިޕޯޓު ކަމަށް ވިދާޅުވެ، މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު( އައްޑޫ ޝަރީފު) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފަ އެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ވަރަށް މާލީ ހާލަތު ގޯސްވުމުން ދޭ ރޭޓިން އެކެވެ. އެކަމަކު އެ ރޭޓިން ގަބޫލު ނުކުރާކަމަށް، ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މި ދަތި ދަނޑިވަޅުގައި މަޖިލީހުން ބައެއް ގަރާރުތައް ފާސްކުރުމުގައި ވިސްނުންތެރިކަމާ އެކު ގައުމުގެ މަސްލަހަތު އިސްނުކޮށްފި ނަމަ، ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކުރަމުން ދިއުން ވަރަށް ގާތް ކަމަށެވެ. ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ދަށްކުރުމަކީ އެގޮތަށް މަަޖިލީހުން ފާސްކުރި ގަރާރެއްގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދުވަހު ވެސް އަޅުގަނޑު ތަކުރާރުކޮށް ދެންނެވިން ހެޔޮނުވާނޭ ތިޔަ ގޮތަށް ތިޔަަ ގަރާރު ފާސްކުރަން،" އޭނާ ވިދާޅުވި އެވެ.

ދައުލަތުން ނަގާފައިވާ ބައެއް ލޯނުތައް ކުރިން އެއްބަސްވެފައިވާ ގޮތަށް ނުދެއްކޭނެ ކަން އިއުލާނުކޮށް، ލޯނު ދޫކުރި ފަރާތްތަކާ ވާހަކަ ދައްކައިގެން ދަރަނި ރިސްޓްރަކްޗާ ކުރަން ގޮވާލައި މަޖިލީހުން ރިޕޯޓެއް ފާސްކުރީ މިދިޔަ މަހުގެ 27 ގަ އެވެ. އެ ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޝަރީފް އެކަމާ ދެކޮޅު ހައްދަވައި އަޑު އުފުލެއްވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ގެއްލިދާނެ ކަަމަށެވެ.

ފިިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބަކީ މަޖިލީހުން ފާސްކުރި އެ ރިޕޯޓް ކަމަށް ޝަރީފު ތުހުމަތު ކުރެއްވި ނަމަވެސް ރާއްޖޭގެ ދަރަނީގެ ހާލަތު ވޯލްޑް ބޭންކުން ވަނީ އޭގެ މާކުރިން ހާމަކޮށްފަ އެވެ. ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން އެ ބޭންކުން ނެރުނު ރިޕޯޓަކީ ބައިނަލް އަގުވާމީ މާލީ އިދާރާތަކުން މާބޮޑަށްް ބަރޯސާކުރާނެ ރިޕޯޓެކެވެ.

މިދިޔަ މަހުގެ އަށެއްގައި ވޯލްޑްބޭންކުން ނެރުނު ރިޕޯޓްގައި ބުނީ ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތް މެދުވެރިވުމުގެ ނުރައްކާ މިހާރު ވަރަށް ބޮޑު ކަމަށާއި އެހެންވެ މަޝްރޫއުތައް ފަސްކުރަންޖެހޭ ކަމަށެވެ. ދަރަނީގެ ކަންތައްތައް ހަމަޖެއްސުމުގައި ރާއްޖެއަށް ހުރި ރިސްކުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ވެސް އެ ރިޕޯޓުގައި ރާއްޖެއަށް ލަފާދިނެވެ.

ދަރަނި ރިސްޓްރަކްޗާ ކުރުމަށް ގޮވާލައި މަޖިލީހުން ރިޕޯޓް ފާސްކުރި ދުވަހު، ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދަރަނީގެ ހާލަތު ގޯސްވުމުން އެކަން ހާމަކޮށް، ދަރަނި ރިސްޓްރަކްޗާ ކުރަން އެދުމުން ރޭޓިން އެވަގުތަށް ދަށްވެދާނެ ކަމަށާއި ނަމަވެސް އެގޮތަށް ކަންތައް ކުރުމުން އެ ގައުމަކާ މެދު އިތުބާރު އުފެދޭނެ ކަމަށެވެ.

" ދެހާސް އަށާރަވަނަ އަހަރުގެ ޖޫންގައި ބާބެޑޯސްގެ އާ ސަރުކާރު، ސަރުކާރު ހިންގުމާ ހަވާލުވިތާ ހަފްތާއެއްގެ ތެރޭގައި އިއުލާނުކުރީ އެ ސަރުކާރުން ކޮމާޝަލް ބޭންކްތަކަށް ދައްކާން ހުރި ދަރަނި ރީސްޓްރަކްޗާކުރުމަށް ސަރުކާރުން އެދޭކަމަށް. އެހެން ބުނި ވަގުތު ސަރުކާރުން އިޝުކުރާ ބޮންޑުގެ އަގު ދަށަށް ދިޔަ. އެއީ ޝައްކެއް ވެސް ހިނގާނެ ކަމެއް ނޫން،" އައިއެމްއެފްގެ ރިޕޯޓަކާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ބާބެޑޯސް ސަރުކާރުން ދޫކުރާ ބޮންޑްގެ އަގު އެ ވަގުތައް ދަށަށް ދިޔަ ނަމަވެސް ދަރަނި ރިސްޓްރަކްޗާކޮށް ނިންމުމުން ބާބެޑޯސްގެ މާލީ ހާލަތު މާބޮޑަށް ރަނގަޅުވި އެވެ. އެއީ ދަރަނި ރިސްޓްރަކްޗާކުރަން ހުރިހާ ފަރާތަކުން އެއްބަސްވުމުން ނުކުތް ނަތީޖާ ކަަމަށް ވެސް ވިދާޅުވި އެވެ.

ފިޗްގެ ރޭޭޓިން ގަަބޫލުނުކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނުމުން އެ ވާހަކައަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ ފިޗުގެ ރޭޓިން ދަށްކުރި ނަމަވެސް އެ އަޑުއަހަން ޖެހޭ ކަމަށާއި އެކަމަކު ބޭރު ފަރާތްތަކަށް ދައްކަން ޖެހޭ ލޯނުތައް ރީސްޓްރަކްޗާ ކޮށްފި ނަމަ ގައުމު ދަރަނި ނުވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް، ޗައިނާގެ ވިޔަފާރި ކުންފުނިތަކަށް ދައްކަން ޖެހޭ ލޯނުތައް އެ މަނިކުފާނު ވިދާޅުވި އެވެ.

ޝަރީފްގެ ޓްވީޓްތަކުގައި ވިދާޅުވެފައިވާ ރިޕޯޓް ފާސްކުރީ އެ ރިޕޯޓް ފާސްކުރި ދުވަހު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ އިންނެވީ އެންމެ މެމްބަރެކެވެ. މަޖިލީހުގެ ސިސްޓަމުން ފެންނަ ގޮތުގައި އެ ރިޕޯޓް ފާސްްކުރަން ޝަރީފު ވެސް ވޯޓު ދެއްވި އެވެ.