Roadha Mihaaru
އިންޑިއާ އިން ނެގި ލޯނުގެ އަދަދު 22 ބިލިއަނަށް!

އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނުގެ އަދަދު 22 ބިލިއަނަށް!

04 ފެބުރުއަރީ 2024

މިިދިޔަ ފަސް އަހަރު އިންޑިއާގެ އެކްސްޕޯޓް އެންޑް އިމްޕޯޓު ބޭންކް (އެގްޒިމް ބޭންކު) އިން ނެގި ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) އަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިިދިޔަ ފަސް އަހަރު އިންޑިއާގެ އެކްސްޕޯޓް އެންޑް އިމްޕޯޓު ބޭންކް (އެގްޒިމް ބޭންކު) އިން ނެގި ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ދަރަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ފަސް އަހަރު އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އިން ވަނީ ހަ ލޯނެއް ނަގައިފަ އެވެ. އެންމެ ބޮޑު އަދަދެއް ނަގާފައިވަނީ ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެ މަޝްރޫއަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގި އެވެ.

ޕޮލިސް ސްޓޭޝަން އިމާރާތްކުރުމަށް 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) އާއި ސްޕޯޓްސް މަޝްރޫއެއް ހިންގަން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ލޯނެއް އެކްޒިމް ބޭންކުން ރާއްޖެ އަށް ދޫކޮށްފައިވެ އެވެ. ބާކީ ހުރި އަދަދު ތަކަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ބޭނުންވާ އެކި ޕްރޮޖެކްޓްތަކަށް ކަނޑައަޅާފައިވާ އަދަދެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނުތަކަށް މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުން ދައްކަން ޖެހޭ އަދަދު 6.2 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެހެންވެ. ޕްރޮޖެކްޓްތަކަށް ނަގާ ލޯނުތަކުގެ އަދަދުތައް ދޫކުރާނީ، ޕްރޮޖެކްޓް ކުރިއަށް ގެންދާ ވަރަކުން އެކި ބައި ބަޔަށެވެ. މީގެ ތެރޭގައި ގިނައީ މިހާރު ވެސް ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަށް ވުމުން، ކުރިމަގުގައި ވެސް އިންޑިއާގެ އެގްޒިމް ބޭންކަށް ދައްކަން ޖެހޭ އަދަދުތައް ދާނީ އިތުރުވަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާ އިން ގިނަ އަދަދެއްގެ ލޯނު ނެގި އިރު އޭގެ ކުރީ ސަރުކާރުން ދަރަނި ނެގުމަށް ބަރޯސާވީ ޗައިނާއަށެވެ. ޗައިނާ އިން ނެގި ލޯނުގެ އަދަދު ވެސް 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެއީ ދިވެހި ސަރުކާރުން ގެރެންޓީ ދީގެން ނެގި ލޯނުތައް ވެސް ހިމެނޭ ގޮތަށެވެ.

މިދިޔަ ސަރުކާރުން އެކަނި ނެގި ދަރަނީގެ އެންމެ ބޮޑު ބައެއް އިންޑިއާ އެގްޒިމް ބޭންކަށް ދައްކަން ޖެހޭ އިރު ޖުމްލަ ނެގި ލޯނުގެ އަދަދު ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރޭގައި ސެޕްޓެމްބަރު 2021 ގައި ވިއްކާލި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ވެސް ހިމެނެ އެވެ. ސުކޫކާ އެކު، ދައުލަތުން ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާގެ ދަރަނި 2026 ވަނަ އަހަރު ދައްކަން ޖެހެ އެވެ. މިއީ މިހާތަނަށް އަހަރެއްގެ ތެރޭގައި ދައުލަތުން ދަރަންޏަށް އެހާ ބޮޑު އަދަދެއް ދައްކަން ޖެހޭނެ ފަހަރެވެ.