Roadha Mihaaru

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގައި ކަރަންސީ ސްވޮޕުގެ ފުޅާ ދައުރާ މެދު އިންޑިއާއަށް ހިތްހަމަޖެހުން

ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަމުން އަރައިގަތުމަށް، އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެފައި ވުމަކ، ލިބުނު ހިތްހަމަޖެހުމެއް ކަމަށް އެ ގައުމުން ބުނެފި އެވެ.

ރިޒާވް އިތުރުވުމުން އިންޑިއާއަށް ހިތްހަމަޖެހުން!

ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަމުން އަރައިގަތުމަށް، އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެފައި ވުމަކ، ލިބުނު ހިތްހަމަޖެހުމެއް ކަމަށް އެ ގައުމުން ބުނެފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން "ސީސީ" ގައި ދެމެހެއްޓީ، ރާއްޖޭގެ ފިސްކަލް ހާލަތަށް މާބޮޑު ބަދަލެއް ނައިސް ބޭރުން ފައިސާ ހޯދުމުގެ ގޮންޖެހުންތައް ދެމިއޮތަސް، ބޭރު ފައިސާގެ ރިޒާވަށް އައި އަދި އަންނާނެ ކަމަށް ބެލެވޭ ކުރިއެރުމާއި އިގްތިސާދީ ކުރިއެރުން ރަނގަޅު މިންވަރެއްގައި ދެމިހުންނާނެ ކަމަށް އަންދާޒާ ކޮށްފަ އެވެ.

އިންޑިއާގެ ރިޒާވް ބޭންކް (އާރްބީއައި) ގެ ކަރަންސީ ސްވޮޕުން ރިޒާވްގެ ހާލަތަށް ކުރިއެރުން އައިކަން ފާހަގަކުރުމާ އެކު، ފިޗުން ވަނީ ޓޫރިސްޓު ފެސިލިޓީތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނުން ލާޒިމްކޮށް މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން ވެސް ބޭރު ފައިސާގެ ރިޒާވު އިތުރުވިކަން ފާހަގަކޮށްފަ އެވެ.

އެކަމާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާރުބީއައި މެދުވެރިކޮށް ހަމަޖައްސައިދިން ކަރަންސީ ސްވޮޕް ފެސިލިޓީގެ މުހިންމުކަން ފިޗުން ވެސް ފާހަގަކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އަދި ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ހޯދައިދީ، ރިޒާވް އިތުރުވުމުގައި އިންޑިއާ އިން ފޯރުކޮށްދިން އެހީތެރިކަމަކީ، އިންޑިއާ އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ޕޯސްޓުގައި ވެ އެވެ.

މިދިޔަ އަހަރު ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ދެ ފަހަރަށް ބަދަލުކޮށްފަ އެވެ. އެންމެ ފުރަތަމަ ޖޫން މަހު ވަނީ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށް ކުރުމަށް ފަހު އޭގެ ދެ މަސް ފަހުން، ޑިފޯލްޓް ރިސްކް ބޮޑު ކަމަށް ބަލާ "ސީސީ" އަށް ދަށްކޮށްފަ އެވެ.

ރާއްޖޭގެ ރިޒާވްގައި ހުރީ 1.5 މަހުގެ އިމްޕޯޓަށްވާ ފައިސާ ކަމަށް ވެސް ފިޗުން ފާހަގަކޮށްފައިވެ އެވެ. މިއީ އައިއެމްއެފާއި މާލީ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ދަށް އަދަދެކެވެ. އެވްރެޖުކޮށް ގައުމެއްގެ ރިޒާވުގައި އެންމެ މަދުވެގެން އެ ގައުމެއްގެ ތިން މަހުގެ އިމްޕޯޓަށްވާ ފައިސާ ހުންނަން ޖެހެ އެވެ.

މި އަހަރު ތެރޭ ދައުލަތުން 688 މިލިއަން ޑޮލަރު (10.8 ބިލިއަން ރުފިޔާ) ދަރަންޏަށް ދައްކަން ޖެހޭއިރު، އޭގެ ތެރެއިން އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ 356 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ފިޗްގެ ކޮމެންޓްރީގައިވެ އެވެ.

މި އަހަރު އަދާކުރަން ޖެހޭ ދަރަނީގެ ތެރޭގައި އިންޑިއާއިން ނެގި ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ހިމެނެ އެވެ. އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) އަރަ އެވެ. އޭގެ ތެރޭގައި ސުކޫކުގެ 500 މިލިއަން ޑޮލަރާއި ޕްރައިވެޓް ބޮންޑެއްގެ ގޮތުގައި ނަގާފައިވާ 100 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

ކުރީގެ ސަރުކާރުގައި ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ގާއިމުވެތިބިކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ކުރި ވަރުގަދަ ކެމްޕޭނެއްގެ މަތީގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު، އިންޑިއާ އާއެކު އޮތީ ވަރަށް ނުތަނަވަސް ގުޅުމެކެވެ.

ނަމަވެސް، އޭގެފަހުން ހާއްސަކޮށް ދެ ގައުމުގެ ހާރިޖީ އިސް ބޭފުޅުން ކުރެއްވި މަސައްކަތުން ދެ ގައުމުގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

ރަނގަޅުވަމުން އައި ގުޅުމުގެ ތެރެއިން، އިންޑިއާއިން ވަނީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދަތިކަމުގެ އިތުރުން ޑޮލާރުގެ ތާށިކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިގޮތުން، 400 މިލިއަން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައި ދިނުމުގެ އިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ކުރީގެ ސަރުކާރުން ވިއްކާފައިވާ ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުތަކެއް ދެއްކުން އެކި ފަހަރުމަތިން އިންޑިއާ ސަރުކާރުން ވަނީ ފަސްކޮށްދީފަ އެވެ.

އަދި ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރުމަށްޓަކައި، އިންޑިއާއިން އެތެރެކުރާ އަސާސީ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމެއް ވެސް ހަމަޖައްސައިދީފަ އެވެ.