Roadha Mihaaru
ޗައިނާއާ އެކު ބޭނުންވަނީ މަޝްވަރާ

ޗައިނާއާ އެކު ބޭނުންވަނީ މަޝްވަރާ

10 ޖުލައި 2019

"ވެރިކަން ބަދަލުވިޔަސް އަޅުގަނޑުމެންނާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބަދަލެއް އަންނާކަށް ނުޖެހޭ. ޗައިނާއާ ގުޅުން އޮތީ ވަކި ސަރުކާރަކާ ނޫން. ދިވެހި ރައްޔިތުންނާ،" ޗައިނާ އެބްސީގައި ބޭއްވި ނޫސް ކޮންފަރެންސަށް ފަހު އޮތް ސައިގެ ތެރޭގައި ޗައިނާ ސަފީރު ޒަންގް ލިއޮން ވިދާޅުވި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

"ވެރިކަން ބަދަލުވިޔަސް އަޅުގަނޑުމެންނާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބަދަލެއް އަންނާކަށް ނުޖެހޭ. ޗައިނާއާ ގުޅުން އޮތީ ވަކި ސަރުކާރަކާ ނޫން. ދިވެހި ރައްޔިތުންނާ،" ޗައިނާ އެބްސީގައި ބޭއްވި ނޫސް ކޮންފަރެންސަށް ފަހު އޮތް ސައިގެ ތެރޭގައި ޗައިނާ ސަފީރު ޒަންގް ލިއޮން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ޗައިނާއިން ދިން އަދި ދޭން ނިންމާފައިވާ ލޯނުތަކުގެ ވާހަކަ އޭރު ވެސް ދިޔައީ އެކި ގޮތްގޮތަށް ދެކެވެމުންނެވެ. އެ ގައުމުން ދިން ލޯނުތަކުގެ އިންޓަރެސްޓް މާ ބޮޑުކަމަށާއި އެކަމާ މަޝްވަރާކުރައްވާނެ ކަމަށް އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ވިދާޅުވި އެވެ.

ޗައިނާ ސަފީރާ އެދުވަހު ދެކެވުނު ވާހަކައިން ނޫސްވެރިންނަށް އެނގުނީ ލޯނުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުން އަވަސްކުރަން ޗައިނާއިން އެދޭ ކަމެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ވަޑައިގެން އެ މަޝްވަރާތައް ފައްޓަވާނެ ދުވަހެއްގެ އިންތިޒާރުގައި ކަމެވެ.

އެނގިފައިވާ ގޮތުގައި ޗައިނާއަށް ޝާހިދު ވަޑައިގަންނަވަން ދެ ފަހަރަށް ތާރީހު ދެއްވި އެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި އެ ދަތުރުތައް ކުރެއްވޭ ގޮތެއް ނުވި އެވެ.

ޗައިނާއިން ރާއްޖެއަށް ދިން ލޯނުތަކާއި ވަމުން ގެންދާ އެހީތައް އަވަށްޓެރި އިންޑިއާއިން މާނަކުރަނީ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ. އިންޑިއާގެ އެ ވިސްނުމަށް ޗައިނާއިން އަބަދުވެސް ރައްދު ދެ އެވެ. އަދި ރާއްޖެ-ޗައިނާ ގުޅުމުގެ ތަސައްވުރު ދުނިޔޭގެ ކުރިމަތީގައި ރަނގަޅު ކުރަން އެ ގައުމުން ވަރަށް އިސްކަން ދެ އެވެ. އޭގެ އެއް ހެއްކަކީ ރާއްޖެއާ ގުޅުވައިން އެ ގައުމަަށް ކުރާ ތުހުމަތުތަކަށް ރައްދު ދޭލެއް އަވަސްކަމެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ޗައިނާ ސަފީރު ޒިއޮން އަވަސް ރައްދެއް ދެެއްވުމަކީ އޭގެ މިސާލެކެވެ.

ނަޝީދުގެ އެ ވާހަކަފުޅުގެ ކުރިން ޖުލައި 4 ގައި ވެސް ރާއްޖެއާ ގުޅުވައިގެން ޗައިނާއިން ރައްދެއް ދިނެވެ. އެ ގައުމުގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ބައިނަލްއަގުވާމީ މުޖުތަމައަށް މެސެޖްތައް ފޮނުވަން ބޭނުންކުރާ "ގްލޯބަލް ޓައިމްސް"ގައި ޖެހި އެޑިޓޯރިއަލްއެއްގައި އިންޑިއާއަށް ފާޑުކީ ރާއްޖެއާ ގުޅުވައިގެންނެވެ.

އެ އެޑިޓޯރިއަލްގައި ސިފަކޮށްފައިވާ ގޮތުގައި "ޗައިނާގެ ނުރައްކާ" މިއީ އިންޑިއާއިން އެ ގައުމުގެ އަސްކަރީ ބާރުވެރިކަން އިތުރު ކުރުމަށް ގެންގުޅޭ ބަހަނާއެކެވެ. އެެއާ ވިދިގެން ދެން ބުނެފައި ވަނީ ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް އިންޑިއާ ކަނޑުގެ ސަރަހައްދަށް ފޮނުވި ވާހަކަ ނޫހެއްގައި ޖެހުމުން އެ ރިޕޯޓް އިންޑިއާގެ ނޫސްތަކުން އަލުން ޖެހި ވާހަކަ އެވެ.

"އެކަމަކު ޗައިނާގެ މަނަވަރުތައް ފޮނުވީ ހަމައެކަނި އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ނޫނެވެ. ގަލްފް އޮފް އަދަނާއި ކެރީ ބިއަން ހިމެނޭ ގޮތުން ގިނަ އެހެން ސަރަހައްދުތަކަށް ވެސް ވަނީ ފޮނުވައިފަ އެވެ. އެ މަގުތަކުގައިވާ ގައުމުތަކުން، ކުދި ގައުމުތައް ވެސް ހިމެނޭ ގޮތުން، އެކަމަށް މަރުހަބާ ކިޔެވެ. އެކަން ނުރައްކަލެއް ކަމަށް ދެކެނީ ބާރުގެ ގޮތުން ވަރުގަދަ އިންޑިއާއިން އެކަންޏެވެ،" ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްގައި ވެ އެވެ.

ރާއްޖެއަށް މުހިއްމީ މަޝްވަރާ

ޗައިނާއަށް ރާއްޖޭގެ ގުޅުން މުހިއްމުވާ ވަރު ސަފީރުގެ ވާހަކަޔާއި ގްލޯބަލް ޓައިމްސްގައި ތަކާރުކޮށް ޖަހަމުން ގެންދާ ލިއުންތަކުން އެބަ އެނގެ އެވެ. އެގައުމަށް މި ގުޅުން އެހާ މުހިއްމު އިރު، ކޮންމެ ސަބަބަކާ ހެދި ނަމަވެސް ރާއްޖެ މިއޮތީ ބޮޑު އަދަދަކުން އެގައުމަށް ދަރަ އެވެެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި ސަފީރު ލިއޮން ވިދާޅުވި ގޮތުގައި ރާއްޖެ އިން ދަރަނީގެ ގޮތުގައި އެކި ގައުމުތަކަށް ދައްކަން ޖެހޭ 3.21 ބިލިއަން ޑޮލަރުގެ ތެރެއިން ޗައިނާގެ ދަރަނި އުޅެނީ 1.53 ބިލިއަން ޑޮލަރުގަ އެވެ.

މިއީ ނަޝީދު ވިދާޅުވެފައި ވަނީ ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ ނިސްބަތް 3 ބިލިއަން ޑޮލަރަށް ވުރެ މަތި ކަމަށެވެ. އެކަހަލަ ދޮގު ވާހަކަތައް ގަބޫލުނުކުރެއްވޭނެ ކަމަށް ލިއޮން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ހަގީގަތަށް ބަލާ ނަމަ ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތަކަކީ، ރާއްޖޭގެ ނިސްބަތުން، ބޮޑު އަދަދެކެވެ. ދައުލަތުގެ ބަޖެޓްގެ ތިން ޕަސެންޓާ ގާތްކުރާ މިންވަރެއް މިހާރު ދައްކަން ޖެހެނީ ބޭރުގެ ދަރަންޏަށެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގައި، ހާއްސަކޮށް ބައިނަލްއަގުވާމީ ވިޔަފާރީގައި ނުފޫޒު ގަދަ ޗައިނާއަށް ރާއްޖެއިން މިހާ ބޮޑު ދަރަންޏެއް ދައްކަން އޮއްވާ އެ ގައުމު ރުޅިއަރުވައިގެން މޮޅެއް ލިބިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. ރާއްޖެއިން އިންޑިއާ ގުޅުން ބޮޑުކުރިޔަސް މައްސަލައެއް ނެތެވެ. އެކަމަކު ޗައިނާ ދޫކޮށްލައިގެން ލިބޭނެ މޮޅެއް ވެސް އޮތް ކަމަކަށް، ތަޖުރިބާކާރުން ނުދެކެ އެވެ.

ސަފީރު ލިއޮން ވިދާޅުވާ ފަދައިން މުހިންމީ ޗައިނާއާ ވާހަކަ ދެއްކުމެވެ. ޗައިނާއިން އެކަމަށް އެދިއެދި އޮތް ކަމަށް އޭނާ އަބަދުވެސް ވިދާޅުވެ އެވެ.

"އަޅުގަނޑުމެން މިހާރު މި އަންނަނީ ފޮރިން މިނިސްޓަރު ޗައިނާ އަށް ކުރައްވަފާނެ ދަތުރުފުޅަކާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން. ފަހަރެއްގައި ވަރަށް އަވަހަށް [ފޮރިން މިނިސްޓަރު ޗައިނާ އަށް ވަޑައިގެންފާނެ]. އަޅުގަނޑުމެން އަދިވެސް ބަލަމުން މި އަންނަނީ ދެ ފަރާތަށް ވެސް އެކަށީގެންވާ ވަގުތަކަށް،" މިދިޔަ އޭޕްރިލްމަހު ލިއޮން ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ބާރު ސްޕީޑުގައި އެކި ގައުމުތަކަށް ގެންދަވަނީ ޒިޔާރަތްކުރައްވަމުންނެވެ. އެކަމަކު ޗައިނާއަށް އަދި މިސްރާބެއް ނުޖައްސަވަ އެވެ. އެއީ ސުވާލެކެވެ. ޗައިނާއާ މަޝްވަރާކޮށް، ރާއްޖެއަށް ފައިދާ ހުރި ގޮތަކަށް ކަންކަން ހަމަޖެއްސުމުގެ މުހިންމުކަން ބޮޑެވެ.