Roadha Mihaaru

ރާއްޖޭގެ ޖުމްލަ ދަރަނި 148.9 ބިލިއަނަށް، އެކަމަކު ޖީޑީޕީގެ ނިސްބަތުން ހިފެހެއްޓިފައި

ރާއްޖޭގެ ޖުމްލަ ދަރަނި، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު، 148.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި 148.9 ބިލިއަނަށް

ރާއްޖޭގެ ޖުމްލަ ދަރަނި، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު، 148.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުގައި، ޖުމްލަ ދަރަނީގެ ތެރޭގައި ހިމެނެނީ، ދައުލަތުން ސީދާ ނަގާފައިވާ 127.8 ބިލިއަން ރުފިޔާ އާއި ދައުލަތުން ގެރެންޓީދީގެން ނަގާފައިވާ 21.1 ބިލިއަން ރުފިޔާގެ ދަރަންޏެވެ.

ދައުލަތުން ނަގާފައިވާ ދަރަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭން ނަގާފައިވާ ދަރަންޏެވެ. މިގޮތުން، ދެވަނަ ކުއާޓަރު ނިމުނުއިރު، 85.8 ބިލިއަން ރުފިޔާ އެތެރޭގެ މާކެޓުން ނަގާފައިވެ އެވެ. މިއީ ފުރަތަމަ ކުއާޓަރު ނިމުނުއިރު ހުރި އަދަދަށް ވުރެ ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ބޭރުން ނަގާފައިވާ ދަރަނި ވެސް ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި އިތުރެވެ. މިގޮތުން، ފުރަތަމަ ކުއާޓަރުގައި 41.4 ބިލިއަން ރުފިޔާ ވަނީ ދެވަނަ ކުއާޓަރުގެ ނިޔަލަށް 42 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.

ނަމަވެސް، ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ ދަރަނި ވަނީ ދަށްވެފަ އެވެ. ފުރަތަމަ ކުއާޓަރުގައި 21.4 ބިލިއަން ރުފިޔާގައި ހުރި އަދަދު ވަނީ ދެވަނަ ކުއާޓަރުގެ ނިޔަލަށް ވަނީ 21.1 ބިލިއަން ރުފިޔާއަށް ދަށްކޮށްފަ އެވެ.

ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން. އަންނަ އަހަރަށް 57 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން. އަންނަ އަހަރަށް 57 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެއް ކުއާޓަރުން އަނެއް ކުއާޓަރަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި ވަނީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

މިގޮތުން، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީގެ ނިސްބަތުން 122.2 ޕަސެންޓުގައި ޖުމްލަ ދަރަނި ހުރިއިރު، އެ ނިސްބަތް ދެވަނަ ކުއާޓަރު ނިމުނުއިރު އުފުލިފައިވަނީ 124 ޕަސެންޓަށެވެ.

ފިނޭންސްގެ ހިސާބުތައް ދައްކާ ގޮތުގައި، ޖުމްލަ ދަރަނި އަދާކުރަން ދެވަނަ ކުއާޓަރުގައި ދައުލަތުން ވަނީ 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި ހޭދަވި 1.9 ބިލިއަން ރުފިޔާ އާއި އިންޓަރެސްޓުގެ ގޮތުގައި ދެއްކި 1.6 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.

އެންމެ ބޮޑު ދަރަންޏެއް އިންޑިއާއަށް

ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ދަރަނިތަކާ އެކު، ބޭރުގެ އެކި ފަރާތްތަކަށް ރާއްޖޭން ދައްކަންޖެހޭ ޖުމްލަ 42 ބިލިއަން ރުފިޔާގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އިންޑިއާގެ އެގްޒިމް ބޭންކަށެވެ.

މިގޮތުން، އިންޑިއާގެ އެގްޒިމް ބޭންކަށް، މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާގެ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ދެވަނައަށް އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ ދިވެހި ދައުލަތުގެ ބޮންޑުތަކަށެވެ. މިގޮތުން، ބޮންޑު ގަނެފައިވާ ބޭރުގެ އެކި ފަރާތްތަކަށް 7.7 ބިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ތިންވަނައިގައި އޮތް ޗައިނާގެ އެގްޒިމް ބޭންކަށް ދައްކަންޖެހޭ އަދަދު، ދެވަނަ ކުއާޓަރުގެ ނިޔަލަށް 7.3 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.