Roadha Mihaaru
ވެރިއެއްގެ ކެތްތެރިކަން ރައީސްގެ އެބަހުރި: އިލްޔާސް

ވެރިއެއްގެ ހުންނަން ޖެހޭ ކެތްތެރިކަން ރައީސްގެ އެބަހުރި: ޝައިހު އިލްޔާސް

06 ސެޕްޓެމްބަރ 2023

ވެރިއެއްގެ ހުންނަން ޖެހޭ ކެތްތެރިކަމާއި ރިވެތި އަހުލާގު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިގައި އެބަހުރި ކަމަށާއި އެ މަނިކުފާނަށް ތާއީދު ކުރައްވަނީ އެހެން ވެގެން ކަމަށް ޝައިހް އިލްޔާސް ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވެރިއެއްގެ ހުންނަން ޖެހޭ ކެތްތެރިކަމާއި ރިވެތި އަހުލާގު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިގައި އެބަހުރި ކަމަށާއި އެ މަނިކުފާނަށް ތާއީދު ކުރައްވަނީ އެހެން ވެގެން ކަމަށް ޝައިހް އިލްޔާސް ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ގިނަ ދީނީ އިލްމުވެރިން މިއަދު ހެނދުނު ވަނީ ހާއްސަ ނިއުސް ކޮންފަރެންސެއް ބާއްވައިފަ އެވެ. އެ ނިއުސް ކޮންފަރެންސްގައި އިލްޔާސްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޑރ. މުހައްމަދު އިޔާޒް އަދި ގިނަ އަދަދެއްގެ އެހެން އިލްމުވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ނިއުސް ކޮންފަރެންސްގައި އިލްޔާސް ވިދާޅުވީ އެހެން ވެރިންނާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މީހުން ހިފައި ހައްޔަރުކޮށް، ޖަލަށް ލުމުގެ ބަދަލުގައި ތަފާތު ހިޔާލުތަކުގެ މީހުންނަށް ފުރުސަތު ދެއްވާ ވެރިއެއް ކަމަށެވެ. މި ސަރުކާރުން އަދާލަތު ޕާޓީއާ އެކު ހަދާފައި އޮތް ކޯލިޝަން ދެމިއޮތުމުގެ އެންމެ ބޮޑު ހަގީގަތަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން ބޭއްވި ނިއުސް ކޮންފަރެންސް.-- ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން ބޭއްވި ނިއުސް ކޮންފަރެންސް.-- ފޮޓޯ: އަދާލަތު ޕާޓީ

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ފަދަ ކެތްތެރިކަން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ބޭފުޅެއް. އެތެރެ އާއި ބޭރުގެ ދުއްތުރާތަކާ ކުރިމަތިލެއްވި އިރު، މީގެ ކުރިން ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ގޮތަށް ރުޅި އިސްކުރައްވައި ރުންކުރު ނިންމެވުންތަކެއް ނިންމަވާފައި ނުވާކަން ފާހަގަކޮށްލެވޭ،" އިލްޔާސް ވިދާޅުވި އެވެ.

ރިވެތި އަހުލާގަކީ އިސްލާމް ދީނުގެ އެންމެ ރިވެތި އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އިސްލާމީ ގައުމެއްގެ ވެރިއަކަށް ހޮވަން ޖެހޭނީ އެފަދަ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި، މިދިޔަ ފަސް އަހަރަކީ ރާއްޖޭގައި ހަލަބޮލި ސިޔާސީ މައިދާނެއް އުފެދުނު ފަހުން އެންމެ އަމާން، ސުލްހަވެރި ވެރިކަމެއް ކުރި ފަސް އަހަރެވެ.

އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން ބޭއްވި ނިއުސް ކޮންފަރެންސް.-- ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން ބޭއްވި ނިއުސް ކޮންފަރެންސް.-- ފޮޓޯ: އަދާލަތު ޕާޓީ

މިއަދުގެ ޕްރެސް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޒާހިރު ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ދީނީ އިލްމުވެރިންނަށް ނުދޭ ވަރަށް، މި ސަރުކާރުން ފުރުސަތު ދިން ކަމަށެވެ. އަދި ދީނީ ރޮނގުން މީހުން ކުރިއެރުވުމަށް 10،000 އަށް ވުރެ ގިނަ ޕްރޮގްރާމްތައް ވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި މިނިސްޓްރީން ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސްގެ ބެއްލެވުމުގެ ދަށުން ޒަކާތާއި ހައްޖު އަދި ވަގުފުގެ ބިލެއް ވެސް މިނިސްޓްރީން ތައްޔާރުކޮށް، މިހާރު އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ފޮނުވާފައިވާ ކަމަށެވެ.

"އިސްލާމިކް މިނިސްޓްރީން މަސައްކަތްތައް ކުރިއަށް ގެންދިޔައިރު، ރައީސްގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން،" ޒާހިރު ވިދާޅުވި އެވެ.