Roadha Mihaaru
އަދާލަތުން ކަމަކަށް އެއްބަސްވަނީ ވަރަށް ވިސްނުމަށްފަހު: އިމްރާން

އަދާލަތުން ކަމަކަށް އެއްބަސްވަނީ ވަރަށް ވިސްނުމަށްފަހު: އިމްރާން

24 ފެބުރުއަރީ 2023

އަދާލަތު ޕާޓީން ކަމަކަށް އެއްބަސްވަނީ ކަމަކަށް ވަރަށް ވިސްނުމަށްފަހު ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަދާލަތު ޕާޓީން ކަމަކަށް އެއްބަސްވަނީ ކަމަކަށް ވަރަށް ވިސްނުމަށްފަހު ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރަން ނިންމި ނިންމުން ދިފާއުކޮށް، ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަކަށް އިގުރާރުވަނީ ވަރަށް ގިނަ ވިސްނުންތައް ވިސްނައި ވަރަށް ގިނަ ގޮތްގޮތަށް ފިކުރު ކުރުމަށްފަހު ކަމަށެވެ.

މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ތިބި ހަތަރު ޕާޓީގެ ތެރެއިން ރައީސަށް ދެ ވަނަ ދައުރެއް ދިނުމަށް އެންމެ ފުރަތަމަ ނިންމީ އަދާލަތު ޕާޓީންނެވެ. އެއާއެކު، އެ ޕާޓީ އަށް ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް އިމްރާން ވިދާޅުވީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސުލްހަ ސަލާމަތަށް އެންމެ ފަހިވާ ގޮތަށް ނޫނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރެއް ނުވާނެ ކަމަށެވެ.

"މީގެ ކުރިން ވެފައެއް ވެސް ނެތް." އޭނާގެ ޓްވީޓުގައިވެ އެވެ.

ރައީސަށް ތާއިދުކުރަން ނިންމައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ގަރާރުގައި ބުނީ އެ ގޮތަށް ނިންމީ އިސްލާމް ދީނުގެ ސައްހަ އަގީދާ ކުރިއަރުވައި ދެމެހެއްޓުމަށާއި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށް ކަމަށެވެ.

ގަރާރުގައި ބުނެފައިވާ ގޮތުން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމި އެއް ސަބަބަކީ މެނިފެސްޓޯ އެކުލަވައިލާއިރު، އިސްލާމީ އުސޫލުތަކާއި ހަމަތަކާއި ދެފުށް ފެންނަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް އިސްކަން ދިނުމަށާއި މެނިފެސްޓޯ އެކުލަވައިލުމުގައި އެ ޕާޓީގެ ބައިވެރިވުން ފުރިހަމަ އަށް ހޯދުމަށް އެއްބަސްވެފައިވާތީ އެވެ.