Roadha Mihaaru

އަދާލަތުގެ ރައްދު: ނަޝީދުގެ ބަޔާނުގެ ބޭނުމަކީ އަމިއްލަ ފައިދާ ހޯދުން

ނަފްރަތުގެ ބިލާ ދެކޮޅަށް އަދާލަތު ޕާޓީން ތެދުވުމުން އެ ބިލަށް ސަރުކާރުން ކުރި ތާއިދު އަނބުރާ ގެންދިއުމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ ސަރުކާރު ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާ އެކު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ބަހުން މިއަދު ނެރުއްވި ބަޔާނަށް އަދާލަތުން މިރޭ ރައްދު ދީފި އެވެ.

ނަޝީދުގެ ބޭނުމަކީ އަމިއްލަ ފައިދާ ހޯދުން: އަދާލަތު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

17 ޖުލައި 2021

ނަފްރަތުގެ ބިލާ ދެކޮޅަށް އަދާލަތު ޕާޓީން ތެދުވުމުން އެ ބިލަށް ސަރުކާރުން ކުރި ތާއިދު އަނބުރާ ގެންދިއުމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ ސަރުކާރު ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާ އެކު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ބަހުން މިއަދު ނެރުއްވި ބަޔާނަށް އަދާލަތުން މިރޭ ރައްދު ދީފި އެވެ.

ބައިނަލްއަގްވާމީ މުޖުތަމައަށް އަމާޒުކޮށް ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ކޯލިޝަންގެ އެހީތެރިކަމާ އެކު މި ސަރުކާރަށް ވެރިކަން ލިބުނަސް ރައީސް ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ އެ ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާ އެކު ކަމަށާއި އެއީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވީ، ނަފްރަތުގެ ބިލު ފާސްކުރަން އެމްޑީޕީގެ ލީޑަޝިޕް ނުދެކޭ ނަމަ ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށެވެ.

ނަޝީދުގެ ބަޔާނުގައި ހުރި ވާހަކަތައް ދޮގުކޮށް، އަދާލަތު ޕާޓީން ވެސް ރައްދުގައި އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނީ، ދިވެހިންނަކީ ހައްދު ފަހަނައެޅި ބައެއް ކަމަށް ލޭބަލްވާ ގޮތަށް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި އެ ކަން ކުށްވެރިކުރާ ކަމަށެވެ.

އެއީ، މިނިވަންކަމާއި އިގްތިސާދު ކުރި އެރުވުމުގެ ނަމުގައި އަމިއްލަ ސިޔާސީ މަންފާ ހޯދުމުގެ ބޭނުމުގައި ނެރެފައިވާ ބަޔާނެއް ކަމަށް އަދާލަތުން ބުނެ އެވެ.

"ޑިމޮކްރެޓިކްކޮށް އިންތިޚާބު ކޮށްފައިވާ ސައްހަ ރައީސެއްގެ ބާރުކަނޑުވައިލަން ކުރާ މަސައްކަތް އަހަރެމެން ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަމެވެ،" މި ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބުރަކޮށް މަސައްކަތްކުރި އެއް ޕާޓީ އަދާލަތުގެ ބަޔާނުގައި ބުންޏެވެ.

އެ ޕާޓީން ބުނީ، ކައިރި މާޒީއެއްގައި ސިޔާސީ ގޮތުން ކާމިޔާބު ހޯދިފައި ނުވާ ފަރާތްތަކުގެ ފަރުދީ އުއްމީދުތައް ކުރިއަށް ނެރެ، އެއީ ގައުމީ މައްސަލައަކަށް މިހާރު ހަދާފައިވާ ކަމަށެވެ.

ނަފްރަތު އުފެއްދުމަކީ ކުށެއް ކަމަށް ކަނޑައަޅައި ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހަށް އާއްމުންގެ ހިޔާލު ހުޅުވައިލުމުން އަދާލަތު ޕާޓީން ވެސް ކަންބޮޑުވުންތައް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ކަންބޮޑުވުންތަކަކީ، އަދާލަތުން ބުނިގޮތުގައި، ނަފްރަތު އުފެއްދުން ހުއްޓުވުމަށް އދ. އިން ކަނޑައަޅާފައިވާ ގައިޑްލައިނަށް އެ ބިލު ނުފެތުމާއި ހިޔާލުފާޅުކުރުމަށް ގާނޫނުއަސާސީން ފަހިކޮށްދީފައިވާ ހައްގާއި އިސްލާމް ދީނުގެ އުސޫލުތަކަށް ފުށުއަރާ ބިލަކަށް ވާތީ އެވެ.

އެ ބިލަށް 120 އަށް ވުރެ ގިނަ ކައުންސިލާއި 100 އަށް ވުރެ ގިނަ ޖަމިއްޔާގެ އިތުރުން ކޯލިޝަންގެ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރިކަން އަދާލަތު ޕާޓީން ފާހަގަކުރި އެވެ. އެއާއެކު، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވެސް އެ ބިލު ފާސްނުކޮށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ބުންޏެވެ.

އެ ސަބަބުތަކާ ހެދި ނަފްރަތު އުފެއްދުމުގެ ބިލާ މެދު ކަންބޮޑުވަނީ އަދާލަތު ޕާޓީން ބުނިގޮތުގައި، މަދު ބައެކޭ ބުނުމަކީ ދޮގެކެވެ.

އަދާލަތުން ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތްޕުޅުތަކަށް ތައުރީފުކޮށް، މިއީ، އެފަދަ ސީރިއަސް މައްސަލައަކަށް އެންމެ އިސްކަން ދީގެން މަސައްކަތްކުރާ ފުރަތަމަ ސަރުކާރުކަމަށް ބުނެފަ އެވެ. އެ ފިކުރާ ދެކޮޅަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ރާއްޖެ އަދި ބޭރުގެ ފަރާތްތަކާއެކު މަސައްކަތް ކުރައްވައި، ސުލްހަވެރި މުޖުތަމައެއް ބިނާކުރަން ބާރު އަޅަމުން އަންނަ ކަމަށް ބުންޏެވެ.