Roadha Mihaaru
ނާކާމިޔާބުވުމަކީ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން

އިމްރާން ނަޝީދަށް: ނާކާމިޔާބުވުމަކީ ގޮތް ބަދަލުކުރަން ޖެހޭ ކަމެއް ނޫން

04 މާޗް 2023

ނާކާމިޔާބުވުމަކީ އިރުއިރުކޮޅާ ވިސްނުން ބަދަލުކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.

ނާކާމިޔާބުވުމަކީ އިރުއިރުކޮޅާ ވިސްނުން ބަދަލުކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްގެ ބަހުގެ ހަމަލައެއް ނަޝީދަށް މި އަމާޒު ކުރެއްވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު، މި އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ވާހަކަތައް ނަޝީދު ދައްކަވަން ފެއްޓެވުމުންނެވެ.

ޕްރައިމަރީގެ ކުރިން ނަޝީދު ވަކާލާތު ކުރެއްވީ އެމްޑީޕީ އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށާއި އެ ޕާޓީން ކޯލިޝަން ހަދަން ނުޖެހޭނެ ކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް ކޯލިޝަން ހެދުމުގެ ވިސްނުން ގެންގުޅުއްވާތީ ވަރަށް ބޮޑަށް ނަޝީދު ފާޑުވިދާޅުވަމުން އޭރު ގެންދެވި އެވެ.

ނަމަވެސް މިދިޔަ ހަފުތާގައި ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ ކޯލިޝަނަކާއެކު ނުކުތުމުގެ މުހިންމުކަން ފާހަގަކުރައްވަން ފައްޓަވައިފަ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ނަޝީދުގެ އެންމެ އަރިސް އެއް ބޭފުޅާ ހަސަން ލަތީފް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މިދިޔަ ހަފުތާގައި ވަނީ އެހެން ޕާޓީއެއްގެ ރައީސަކާއި އެމްޑީޕީގެ ރަނިންމޭޓަކު މި އިންތިހާބަށް ނުކުތުން ކިހިނެއް ވާނެތޯ ވިދާޅުވެ ސުވާލެއް ކުރައްވައިފަ އެވެ.

ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުންގެ ވިސްނުން ބަދަލުވާތީ ކުރެއްވި ޓުވިޓެއްގައި އިމްރާން ވިދާޅުވީ، ސިޔާސީ މަސައްކަތްތަކުގައި އިހުލާސްތެރި ހިތަކާއިގެން އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރޭވެނެކަން ވަރަށް ސާފުކޮށް މިހާރު ފެންނަމުން އަންނަ ކަމަށެވެ.

"ނާކާމިޔާބުވުމަކީ އިރުއިރުކޮޅާ ގޮތް ބަދަލު ކުރަންޖެހޭ ކަމެއް ނޫނެވެ،" ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ އިމްރާން ވިދާޅުވި އެވެ.

ނަޝީދު ގެންދަވަނީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ ވިސްނުން ގެންގުޅުއްވަމުން ކަމަށް އަޑު ފެތުރުނަސް އެ މަނިކުފާނު އެ ކަން ދޮގެއް ނުކުރައްވަ އެވެ އެކަމަކު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ ބުދަ ދުވަހު ވިދާޅުވީ އެފަދަ ހުށަހެޅުމެއް އައިސްފައި ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ނަޝީދު މިދިޔަ ހަފުތާގައި ވިދާޅުވީ، މި ސަރުކާރުގައި އެމްޑީޕީގެ އޮތީ 40 ޕަސެންޓު ހިއްސާއެއް ކަމަށެވެ. އެ އަށް ވުރެ ބޮޑު ހިއްސާއެއް އެމްޑީޕީގެ މެމްބަރުންނަށް ލިބޭ ނަމަ އެއީ ރަނގަޅު ގޮތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މި ވަގުތު އެމްޑީޕީ އަށް ލިބިފައި އޮތީ ސަރުކާރުގެ 40 ޕަސަންޓް. އެ އަށް ވުރެ އިތުރު މިންވަރެއް އެމްޑީޕީ އަށް ލިބޭ ގޮތް ވަންޏާ އެއީ އެ ޕާޓީ އަށް ރަނގަޅު ގޮތެއް ކަމަށް ލަފާ ކުރެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.

ކޯލިޝަންގެ ވިސްނުމާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވައި އަދި ކޯލިޝަނާ ދެކޮޅަށް ކެމްޕެއިން ވެސް ކުރެއްވުމަށް ފަހު، މިހާރު ނަޝީދުގެ ވިސްނުންފުޅު ބަދަލުވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފާޑުވިދާޅުވެފަ އެވެ.