Roadha Mihaaru
ފައްޔާޒު މިހާރު ބޭނުންވަނީ އިތުރަށް ތިން ޕަސެންޓް

ފައްޔާޒު އެދިވަޑައިގަތީ ބާކީ ހަ ދުވަހުގެ މަސައްކަތުން އަދި ތިން ޕަސެންޓް އިތުރުކޮށްދޭން

03 ސެޕްޓެމްބަރ 2023

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކޮށްދޭން ބާކީ މި އޮތް ދުވަސްތަކުގައި އިތުރު ތިން ޕަސެންޓް ހޯދުމުގެ މަސައްކަތް ކޮށްދިނުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިއްޔެ އެދިވަޑައިގެންފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކޮށްދޭން ބާކީ މި އޮތް ދުވަސްތަކުގައި އިތުރު ތިން ޕަސެންޓް ހޯދުމުގެ މަސައްކަތް ކޮށްދިނުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިއްޔެ އެދިވަޑައިގެންފި އެވެ.

އޭނާ އެ ކަމަށް އެދިވަޑައިގަތީ އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ "އަދާލަތު ފެންޑާ" ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ދެއްކެވި ވާހަކައިގަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ފައްޔާޒު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް މި އިންތިހާބު ކާމިޔާބު ކުރައްވާނީ 56 ޕަސެންޓަށް ވުރެ މަތިން ކަމަށެވެ.

އެކަމަކު، ޖަސްޓިސް ބިލްޑިންގް ކުރިމަތީގައި އިއްޔެ ހަވީރު ހުޅުވި އަދާލަތު ޕާޓީގެ ޖަގަހައިގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އިންތިހާބާ ދެމެދު ބާކީ މި އޮތް ދުވަސްތަކުގައި އިތުރު ތިން ޕަސެންޓް ނުވަތަ 59 ޕަސެންޓް ހޯދައި ދިނުމަށް މަސައްކަތް ކުރުމަކީ އޭނާގެ އެދިވަޑައިގަތުމެއް ކަމަށެވެ.

އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ތިބި ކޯލިޝަންގެ ބައެއް ބައިވެރިންނާ ނުލައި މި ފަހަރު ބޮޑު އަދަދެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދަވައި ދެއްވުމަކީ އޭނާގެ އަމާޒެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"މިހާރު ބޭނުންވަނީ ބޮޑު އަޣުލަބިއްޔަތެއް،" އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.

އިއްޔެ ހަފުލާގައި ފައްޔާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަދާލަތު ޕާޓީ

އިއްޔެ ހަފުލާގައި ފައްޔާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަދާލަތު ޕާޓީ

ކާނިވަލުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވި ގޮތުގައި މި ފަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޑޭޓާ ބޭސް ބަލަހައްޓަވާ ބޭފުޅަކީ ވެސް އޭނާ އެވެ.

"މި ކެމްޕޭނުގައި އެ ބުނާ ޑޭޓާ ބަލަހައްޓާ ކުއްޖަކީ އަޅުގަނޑު. ތި ބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާ އެކީގައި މި ދަންނަވަނީ 56 ޕަސެންޓަށް ވުރެ އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން," ފައްޔާޒު ވިދާޅުވި އެވެ.

އޭނާ އިއްޔެ ވިދާޅުވީ، މި ފަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުމެވަޑައިގަތީ މި ވެރިކަން ކުރިއަށް އޮތް ފަސް އަހަރު ވެސް ދެމިއޮތުމަކީ ދިވެހިންގެ މުސްތަގުބަލާ ގުޅިފައިވާ އަދި އެންމެންނަށް ލާބަ އާއި މަންފާ ލިބޭނެ ކަމަކަށް ވާތީ ކަމަށެވެ. ވިދާޅުވީ، މިދިޔަ ފަސް އަހަރު ވެސް މި ސަރުކާރުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ދިވެހިންނަށް ކޮށްދީފައި ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭހެ ތާރީހުގައި ވެސް ނާންނަ ހެޔޮ ބަދަލު މި ހެޔޮ ވެރިކަމާ އެކު ގެނެވިއްޖެ. އެ އަޒުމާ އެކު އަޅުގަނޑުމެން ނުކުމެ މި ތިބީ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގައި ރާއްޖޭގައި އޮތް އަނިޔާވެރިކަން އިޔާދަ ވާން އެކަކު ވެސް ނޭދެ އެވެ. އިދިކޮޅަށް އަމާޒު ކުރައްވައި ފައްޔާޒު ވިދާޅުވީ، އެއީ އެތައް އެތައް އަނިޔާއެއް ދިވެހިންނަށް ދީފައިވާ ބައެއް ކަމަށާއި ހަތަރު އަހަރު ފަހުން އަނެއްކާވެސް ކުލަ ބަދަލު ކޮށްލައިގެން ނުކުމެ އޮޅުވާލެވިދާނެ ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށެވެ.

އަދާލަތު ޕާޓީގެ އަދާލަތު ފެންޑާ ޖަގަހަ ހުޅުވުމުގެ ހަފުލާ އަށް ދިޔަ ބައެއް މީހުން.---ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ އަދާލަތު ފެންޑާ ޖަގަހަ ހުޅުވުމުގެ ހަފުލާ އަށް ދިޔަ ބައެއް މީހުން.---ފޮޓޯ: އަދާލަތު ޕާޓީ

"ނޫން. ރައްޔިތުން ހަނދާން އެބަހުރި. އަދި ހާއްސަކޮށް މިހާރު އެ ނުކުންނަވައިގެން އުޅުއްވާ ކެންޑިޑޭޓަކީ ރައީސް ޔާމީން ގިނަ އަނިޔާވެރި އަމަލުތައް ނަގަހައްޓައި ކުރިއަށް ގެންދެވި އެއް ބޭފުޅާ. މިއަދު ނުކުމެ އެހެން ގޮތަކަށް ދައްކަން އުޅުނަސް ދިވެހި ރައްޔިތުންނެއް އެކަން ހަނދާނެއް ނުނެތޭ. އެހެންވީމާ އަޅުގަނޑުމެން ކުރަންވީ ކަމަކީ މި އަދަދުން އަޅުގަނޑުމެންނަށް ކާމިޔާބުވެފައި ތިބި ކަމަށް ހިތުގެ އަޑިން ގަބޫލު ކޮށްގެން ތިބެމެ ފަހު މިނިޓާ ހަމައަށް ކުރަން ޖެހޭ މަސައްކަތް ކުރުން،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޔަގީނުން ވެސް ވޯޓު ކަށަވަރު ކަމަށާއި އެކަމަކު އެ ކުރަންޖެހޭ ކަމަކީ 56 ޕަސެންޓަށް ވުރެ އިތުރު މީހުން ހޮނިހިރު ދުވަހުގެ ހެނދުނު ވޯޓު ލައްވައި ނިންމުން ކަަމަށެވެ.

އަދާލަތު ޕާޓީގެ އަދާލަތު ފެންޑާ ޖަގަހަ ހުޅުވުމުގެ ހަފުލާ އަށް ދިޔަ ބައެއް މީހުން.---ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ އަދާލަތު ފެންޑާ ޖަގަހަ ހުޅުވުމުގެ ހަފުލާ އަށް ދިޔަ ބައެއް މީހުން.---ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެގެ ހަފުލާގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައި ދިނުމަށް އެ ޕާޓީ ނުކުތީ ދިވެހިންނަށް ހިދުމަތްތަކެއް ކޮށްދީ އަދި އެކަން ދިވެހިން ބަލައިގަނެފައިވާ ކަން ގަބޫލު ކުރެވޭތީ ކަމަށެވެ.

ނަމަވެސް އިމްރާން ވިދާޅުވީ، މި އިންތިހާބުން މޮޅުވާނެ ކަމަށް އިދިކޮޅުގެ ޓީމުގެ އެއްވެސް ބޭފުޅަކު ހިތުގެ އަޑިން ގަބޫލު ނުކުރައްވާ ކަމަށެވެ.

ޖަސްޓިސް ބިލްޑިންގް ކުރިމަތީގައި ހެދި އަދާލަތު ފެންޑާ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް އިމްރާން އިއްޔެ ހަވީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަދާލަތު ޕާޓީ

ޖަސްޓިސް ބިލްޑިންގް ކުރިމަތީގައި ހެދި އަދާލަތު ފެންޑާ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް އިމްރާން އިއްޔެ ހަވީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަދާލަތު ޕާޓީ

"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެން މި ތިބީ ކުޑަކޮށް ހިރަފުސް ބޯ މައިދާނަކަށް ނުކުމެ. އެހެންވީމާ ހިރަފުސް ބޯ މައިދާނެއްގައި ހަނގުރާމައެއް ކޮށް ނިންމާއިރު ގައިގައި ހިރަފުސްކޮޅެއް ނުޖެހޭނެ ކަމަށް ގަބޫލުކުރާ މީހަކީ ވަރަށް ބޮޑު މޮޔައެއް. އެހެންވީމާ އަޅުގަނޑުމެންގެ ގަޔަށް ކުޑަކޮށް ހިރަފުސްކޮޅެއް ބުރައި، ކުޑަކޮށް ބުރަކަށި ޗަކަލަވެލައި، މި ކަންކަން ނިމިގެން އަޅުގަނޑުމެން މި ކަން ފުރިހަމަ އަށް ނިންމާލާނީ،" އިމްރާން ވިދާޅުވި އެވެ.

"ކާމިޔާބު ވާއިރު ހަމަ ގައިމު ވެސް ހިރަފުސްކޮޅު އުނގުޅިފައި ހުންނާނީ. އެހެންވީމާ ހުރިހާ ބޭފުޅުން ގައިގައި ހިރަފުސް ކޮޅެއް އުނގުޅޭ އިރުގައި އެކަމާ ދޭތެރޭ މާ ކަންބޮޑުވެ، ހާސްވާނެ ކަމެއް ނެތް. އަޅުގަނޑުމެން މި ތިބީ ވަރަށް ސާބިތުކަމާ އެކު ވަރަށް ސާފުކޮށް. މިދަނީ އެއްބުރުން ނިންމަން."