Roadha Mihaaru
ރައީސްގެ ސިޓީއަށް އަދާލަތު ޕާޓީން މިރޭ ގޮތް ނިންމަނީ

ރައީސްގެ ސިޓީއާ ގުޅޭގޮތުން އަދާލަތު ޕާޓީން މިރޭ ގޮތެއް ނިންމަނީ

20 ފެބުރުއަރީ 2023

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅަށް އަމަލުކުރާނެ ގޮތެއް އަދާލަތު ޕާޓީން ނިންމުމަށް ބާއްވާ ބައްދަލުވުމެއް ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅަށް އަމަލުކުރާނެ ގޮތެއް އަދާލަތު ޕާޓީން ނިންމުމަށް ބާއްވާ ބައްދަލުވުމެއް ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމުގެ އެޖެންޑާއަކީ އެމްޑީޕީއާ އެކު އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާ އަށް އެދިވަޑައިގެން ސިޔާސީ ޕާޓީތަކަށް ރައީސް އިއްޔެ ފޮނުއްވި ސިޓީ އަށް މަޝްވަރާކުރުމެވެ.

އެ ޕާޓީގެ އިސް އޮފިޝަލަކު ވަނީ، އެ ސިޓީފުޅާ މެދު އަމަލުކުރާނެ ގޮތެއް މަޝްވަރާ މަޖިލީހުން މިރޭ ނިންމާނެކަން ޔަގީން ކޮށްދެއްވައިފަ އެވެ.

މި ވެރިކަން އުފެއްދީ އަދާލަތު ޕާޓީ ވެސް ބައިވެރިވާ ކޯލިޝަނަކުންނެވެ. މިއީ އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިފަހުން ފުރަތަމަ ބުރުގައި އުފެދުނު ފުރަތަމަ ވެރިކަމެވެ. އެ ނޫން ހުރިހާ ވެރިކަންތަކުގައި ވެސް ކޯލިޝަން ހަދަނީ ދެ ވަނަ ބުރުގަ އެވެ.

ރައީސްގެ ސިޓީފުޅު، މި ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމް ހިމެނެ އެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާގެ ސިޓީއާ މެދު އަދާލަތު ޕާޓީން ގޮތެއް ނިންމާއިރު، އެ ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ސިޔާސީ މަސްރަހާ ގުޅޭގޮތުން ޓުވިޓާއިން ތަފާތު މެސެޖްތައް ދެއްވަމުންނެވެ.

އޭނާ މިދިޔަ މަހު ކުރެއްވި ޓްވިޓުގައި ވިދާޅުވީ ކޯލިޝަން ސަރުކާރެއް ނުވަތަ ގިނަ ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ނުކުރެއްވޭ ރައީސަކަށް ރާއްޖޭގެ ވެރިކަން ކުރަން ދެން ފަސޭހައެއް ނުވާނެ ކަމަށެވެ.

ރާއްޖޭގައި ކޯލިޝަން ވެރިކަމެއް އެންމެ ގިނަ ދުވަހު ހިފެހެއްޓެވި ރައީސަކީ އެމަނިކުފާނެވެ.