Roadha Mihaaru
އެކުގައި ވާދަކުރަން އެމްޑީޕީ-އަދާލަތު މަޝްވަރާއަށް

މަޖިލިސް އިންތިހާބަށް އެކުގައި ނުކުންނަން އެމްޑީޕީ-އަދާލަތު މަޝްވަރާއަށް

05 ޑިސެމްބަރ 2023

އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަދާލަތު ޕާޓީއާ އެކުގައި ނުކުންނަން މަޝްވަރާ ފަށާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަދާލަތު ޕާޓީއާ އެކުގައި ނުކުންނަން މަޝްވަރާ ފަށާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީއާ އެކު ގުޅިގެން މަސައްކަތްކުރުމާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށާއި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާ އެކު ސިޔާސީ މަސައްކަތް ކުރަމުން އަންނަ ޕާޓީއެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލިޝަންގައި ވެސް ދައުރު ނިމެންދެން އަދާލަތު ޕާޓީ އޮތެވެ.

އަދި، އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވިިއިރު ވެސް ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އަދާލަތު ޕާޓީ އޮތެވެ. އިންތިހާބުގެ ދަވަނަ ބުރު ޖެހުނުއިރު އެމްޑީޕީއާ އެކު އޮތް ހަމައެކަނި ޕާޓީއަކީ ވެސް އަދާލަތެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދާލަތާ އެކު ވާދަކުރުމަށް އެމްޑީޕީން މަޝްވަރާކުރި އެވެ. ނަމަވެސް، އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ބޭނުންވުމުން އެކަން މާބޮޑަށް ހާސިލެއް ނުވެ އެވެ.

ނަމަވެސް، އަދާލަތު ޕާޓީން ވަނީ އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން އެންޑޯޒްކޮށް ކެމްޕެއިންކޮށްދީފަ އެވެ. ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ކެމްޕެއިން ކޮށްދެއްވި އެވެ.

އަދި އެމްޑީޕީން މަހިބަދޫ ދާއިރާ އަދާލަތު ޕާޓީއަށް ދޫކޮށްލުމަށް، އެ ޕާޓީގެ ކެންޑިޑޭޓްގެ ނަން އަނބުރާ ގެންދިޔަ އެވެ. އެކަމަކު އެ އިންތިހާބުގައި އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުނުއިރު އެމްޑީޕީން ސުޕަ މެޖޯރިޓީ ނެގި އެވެ.

އަންނަ މަޖިލިސް އިންތިހާބަށް މިހާރު ވެރިކަން ކުރާ ޕީއެންސީން ވަނީ ޕީޕީއެމްއާ އެކު ނުކުތުމަށް ނިންމާފަ އެވެ. އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީއާ އެކު ނުކުތުމަށް ވެސް މަޝްވަރާކޮށްފައިވެ އެވެ. ނަމަވެސް، ޕީޕީއެމްގެ ރައީސް ކަމުގައި ހުންނަވައި އެ ޕާޓީން ކުރީގެ ރައީސް އަބްދުالله ޔާމީން ވަނީ ނުކުމެވަޑައިގެން އާ ޕާޓީއެއް އުފައްދަވާފަ އެވެ. އަދި އެ ޕާޓީން މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރެން ދަނީ މަސައްކަތް ކުރަމުންނެވެ.