Roadha Mihaaru

ގޮނޑިތައް ބަހާނެ ގޮތަކާ ބެހޭގޮތުން އެއްބަސްވުމެއްގައި އެމްޑީޕީން ސޮޔެއް ނުކުރަން: ހަސަން ލަތީފް

އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާ ބެހޭގޮތުން ކޯލިޝަން އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައި ނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

02 ޑިސެމްބަރ 2018

އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާ ބެހޭގޮތުން ކޯލިޝަން އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައި ނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ހިނގަމުން ދިޔައިރު މި އަހަރުގެ ޖުލައި މަހު އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީން އޭރު ސޮއިކޮށްފައި އޮންނާނެ ކަމަށާއި އެ ހުށަހެޅުމުގައި ސޮއިކުރީ އެވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެއްބަސްވުމެއް ކަމަށް ކޯލިޝަންގެ އެހެން ޕާޓީތަކުން ދެކުނަސް، އެއީ އެފަދަ އެއްޗެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން އެ ވިދާޅުވާ އެއްބަސްވުން މީޑިއާއަށް މިރޭ ލީކުވެފައިވާއިރު، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާގެ އިތުރުން މިހާރުގެ ރައީސް އިބްރާހިމް މުހައްމދު ސޯލިހެވެ. އެއީ ކޯލިޝަނަކާ މެދު އެއްބަސްވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އެމްޑީޕީން އޭރު ކަނޑައަޅާފައި ތިއްބެވި ދެ މަންދޫބުންނެވެ.

އެމްޑީޕީން ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓް ކަމަށް އެއްބަސްވުމުގައި ވެ އެވެ.

އެގޮތަށް ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ހިއްސާ ބެހުމަށް އެއްބަސްވެފައި ވަނީ، ލީކުވެފައިވާ އެެއްބަސްވުން ބުނާގޮތުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި 2020 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށެވެ.

އެ އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީއަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ. އެގޮތަށް ކުރިއަށް ގެންދަން އެމްޑީޕީން އެއްބަސްވެ ސޮއިކުރީ "18-19" ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ވެ އެވެ.

އެކަމަކު، އެމްޑީޕީގެ ގައުމީ މަޖިލިހުގެ މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ވިދާޅުވީ، ކޯލިޝަންގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތަކާ ބެހޭގޮތުން އެއްވެސް އެއްބަސްވުމެއްގައި އެމްޑީޕީން ސޮއި ކޮށްފައި ނުވާނެ ކަމަށެވެ.

"ހުށަހެޅުމެއް އަޅުގަނޑުމެން ހުށަހެޅިން އެހެން ޕާޓީތަކުން އެއާ މެދު ދެކޭ ގޮތް ބަލަން. ކޯލިޝަންގެ ހުރިހާ ޕާޓީއަކުން އެއަކަށް އެއްބަހެއް ނުވި. އެކިއެކި ސަބަބުތަކާ ހުރެ އޭގެ ތެރެއިން ބައެއް ޕާޓީތަކަކަށް އެއްބަހެއް ނުވެވުނު. އެހެންވީމާ ކޯލިޝަންގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތަކާ ބެހޭގޮތުން އެއްވެސް އެއްބަސްވުމެއްގައި މި ޕާޓީން ސޮއި ކޮށްފައެއް ނުވާނެ،" ގައުމީ މަޖިލިހުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ވަކި ކަންތައްތަކަކަށް އެމްޑީޕީން އެއްބަސްވެ، ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއާ ދެމެދު އެއްބަސްވުމެއް ހެދުމަށް ޖުމްހޫރީ ޕާޓީން ހުށަހެޅި އެވެ. އެކަމަކު އެކަމަށް އެމްޑީޕީން ދެކޮޅު ހެދީ އެއްބަސްވުމެއްގައި ސޮއިކުރަން މިވަގުތު ބޭނުން ނުވާތީ ކަމަށް ބުނެފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ ޖަލްސާގައި ވަނީ އަންނަ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ފާސްކޮށްފަ އެވެ. ގައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން އެގޮތަށް ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުށަހެޅުއްވުމަކަށެވެ.