Roadha Mihaaru

ކޯލިޝަނަށް މެޖޯރިޓީ ނުލިބޭ ނަމަ އަނިޔާވެރިކަން އަންނާނެ: މައުމޫން

މި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކަށް، އާންމު އިންތިޚާބުގައި އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އަނިޔާވެރިކަން އެނބުރި އިޔާދަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މެޖޯރިޓީ ނުލިބޭނަމަ އަނިޔާވެރިކަން އަންނާނެ: މައުމޫން
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

30 މާޗް 2019

މި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކަށް، އާންމު އިންތިޚާބުގައި އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އަނިޔާވެރިކަން އެނބުރި އިޔާދަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރައްވާ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ކެމްޕެއިން ޖަލްސާގައި ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވައި، މައުމޫން ވިދާޅުވީ އޭރުގެ އަނިޔާވެރިކަން އިޔާދަވުމަކީ ދިވެހިން ދެކެން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

"ކޯލިޝަން ޕާޓީތައް ނޫން އެހެން ޕާޓީތަކަށް މެޖޯރިޓީ ލިބިއްޖެ ނަމަ، އެއްކަލަ އަނިޔާވެރިކަން އަނބުރާ އަންނާނެ. އެއްވެސް ކުށެއް ނެތް އެތައް ބަޔަކު ޖަލަށް ދާން ޖެހޭނެ. މީހުންގެ ވަޒީފާތައް ގެއްލޭނެ. މީހުން މަގުމަތިވާނެ. މީހުންގެ ހައްގުތައް ގެއްލިގެންދާނެ. އެއީ ބޭނުންވާ ކަމެއް ނޫން،" އެމްޑީޕީ ފިޔަވައި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ ވަޒީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާ ގައި މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑަށް ބޯ އެނބުރުމުގެ ކަމެއް ވެސް އެ ދުވަސްވަރު ދިމާވި. އެހެންވެ، އެކަނި ހުރުމަކީ އަޅުގަނޑަށް ރައްކާތެރި ކަމަކަށް ނުވޭ. ހަތަރު ޑޮކްޓަރުން ލިޔުން ދެއްވާފައި އޮތް. އަޅުގަނޑު ގެއަށް ބަދަލުކުރަން. އާއިލާއެކީގައި ހުންނަން ޖެހޭނެ ކަމަށް. ކާކުތޯ އެ ލިޔުންތައް ދުށީ؟ ކާކުތޯ އަޅާލީ؟ އެއް ކަމެއް ވެސް ނުވި. ހަމަ ހުރި ގޮތަށް ހުންނަން ޖެހުނީ." --- މައުމޫން
އިސްކަންދަރު ސްކޫލްގައި ބޭއްވި ފާރިސްގެ ކެމްޕެއިން ޖަލްސާގައި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިސްކަންދަރު ސްކޫލްގައި ބޭއްވި ފާރިސްގެ ކެމްޕެއިން ޖަލްސާގައި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މައުމޫން ވިދާޅުވި ގޮތުގައި، ކޯލިޝަން ޕާޓީތައް ނޫން އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން އިންތިޚާބުވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫނެވެ. ކޯލިޝަންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދަން އެހީތެރިވެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މިނިވަން ކެންޑިޑޭޓަކަށް ވެއްޖެ ނަމަ، ސަރުކާރަށް ތާއީދު ކުރައްވައި ކޯލިޝަންގެ މަގުސަދުތަކާއި އުސޫލުތައް ހިފަހައްޓަން މަސައްކަތް ކުރައްވައި ރައްޔިތުންގެ މަޖިލިހުގައި ވޯޓު ދެއްވަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ. މައުމޫންގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ތާއީދާ އެކު މި ފަހަރުގެ އިންތިޚާބަށް ނުކުމެވަޑައިގެންނެވި ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަތެވެ.

ޔާމީންގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށް ވިދާޅުވެ، މައުމޫން މިސާލު ނެންގެވީ، އެމަނިކުފާނާއި ފާރިސް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުންނެވެ.

ކުރީގެ ރައީސް މައުމޫން، އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް އާ މިރޭ ސަލާމް ކުރައްވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރީގެ ރައީސް މައުމޫން، އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް އާ މިރޭ ސަލާމް ކުރައްވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މައުމޫން ވިދާޅުވި ގޮތުގައި، ކޯލިޝަން އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެއް ކަމުގައިވާ ފާރިސް، ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ހޯއްދަވައިގެން ކުރެއްވި މަސައްކަތާ މެދު އޭރުގެ ސަރުކާރުން ހިތްހަމަނުޖެހިގެން ބަންދު ކުރީ ދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށެވެ. އެކަމަކު، ފާރިސް ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަންކަން ކުރެއްވި ބޭފުޅަކަށް ނުވާތީ، އެކަންކަން ސާބިތުނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކު، އޭރުގެ ސަރުކާރުން އެކި މީހުންނާ މެދު ގެންގުޅުނު ސިޔާސަތުގެ ސަބަބުން ވަރަށް ގިނަ ދުވަސް ވަންދެން ފާރިސް ޖަލުގައި އޮންނެވި، ފާރިސް ޖަލުގައި ހުންނަވާތީ އަޅުގަނޑަށް ކެތް ނުކުރެވިގެން އަޅުގަނޑު ވެސް ދިޔައިން ފާރިސް ކައިރީގައި ހުންނަން،" ޔާމީންގެ ސަރުކާރުގައި ކުށެއް ނެތި ހަތް މަހާއި 23 ދުވަހު ޖަލުގައި އޮންނަން ޖެހިވަޑައިގެންނެވި ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވި އެވެ.

ދަރިކަލުން ފާރިސްގެ ކެމްޕެއިން ޖަލްސާގައި މައުމޫން މިރޭ ވާހަކަފުޅު ދައްކަަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދަރިކަލުން ފާރިސްގެ ކެމްޕެއިން ޖަލްސާގައި މައުމޫން މިރޭ ވާހަކަފުޅު ދައްކަަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި މިރޭގެ ޖަލްސާ ގައި މައުމޫން ވިދާޅުވީ އެމަނިކުފާނު ގެ އަށް ބަދަލު ކުރަން ހަތަރު ޑޮކްޓަރުން ލިޔުން ދެއްވި ނަމަވެސް، ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ޔާމީންގެ ސަރުކާރުން އަމަލުކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑަކީ މާ ޒުވާން ކުއްޖެއް ވެސް ނޫން މިހާރަކު. އެހެންވީމާ ދިމާވާ ކަންތައްތަކެއް ވެސް ހުންނާނެ. އަޅުގަނޑަށް ބޯ އެނބުރުމުގެ ކަމެއް ވެސް އެ ދުވަސްވަރު ދިމާވި. އެހެންވެ، އެކަނި ހުރުމަކީ އަޅުގަނޑަށް ރައްކާތެރި ކަމަކަށް ނުވޭ. ހަތަރު ޑޮކްޓަރުން ލިޔުން ދެއްވާފައި އޮތް، އަޅުގަނޑު ގެ އަށް ބަދަލުކުރަން. އާއިލާ އެކީގައި ހުންނަން ޖެހޭނެ ކަމަށް،" ޓެރަރިޒަމްގެ ތުހުމަތުގައި މިދިޔަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މައުމޫން ވިދާޅުވި އެވެ.

"ކާކުތޯ އެ ލިޔުންތައް ދުށީ؟ ކާކުތޯ އަޅާލީ؟ އެއް ކަމެއް ވެސް ނުވި. ހަމަ ހުރި ގޮތަށް ހުންނަން ޖެހުނީ."

މައުމޫން ވިދާޅުވި ގޮތުގައި ދިވެހިން ބޭނުން ވަނީ އަމާންކަމާއި އޮމާންކަމާ އެކީ ކުރިއަށް ދިއުމަށާއި މުޖުތަމައުގައި ހަމަޖެހުން އޮތުމަށެވެ. އަދި އެންމެންނަށް އުފާވެރިކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމު ކުރެވޭނީ ކޯލިޝަނަށް އަޣުލަބިއްޔަތު ލިބިގެން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.