ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރޭ ބައްދަލުކުރެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅޭ ގޮތުން ކަމަށާއި އެއްވެސް ހާލެއްގައި ކޯލިޝަން ރޫޅެން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
11 ޑިސެމްބަރ 2018
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރޭ ބައްދަލުކުރެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅޭ ގޮތުން ކަމަށާއި އެއްވެސް ހާލެއްގައި ކޯލިޝަން ރޫޅެން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގައި ބޭއްވެވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ، ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ އެކު، ކޯލިޝަން ދެމެހެއްޓޭނެ ގޮތެއް ހޯއްދެވުމެވެ.
"ބައްދަލުވުމަށް ދިޔަ ހުރިހާ ބޭފުޅުން ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި ކޯލިޝަން ދެމެހެއްޓުން ވަރަށް މުހިންމޭ. އެކަމަކު ވެސް އިންތިޚާބުގައި މަޖިލިހުގެ މެޖޯރިޓީ ލިބެން ޖެހޭނީ އެމްޑީޕީ އަށް ކަމަށް ހުރިހާ ބޭފުޅުން ވެސް ވިދާޅުވި. ކޯލިޝަން ރޫޅޭކަށް އެއްވެސް ބޭފުޅަކު ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ވިދާޅުވިގޮތުގައި ކޯލިޝަން ދެމެހެއްޓުމަށް ބާރު އަޅުއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ކަމަށެވެ.
"އެކަމަކު ރޭގައި ވަކި ގޮތަކަށް ނުނިމޭ. މެމްބަރުންގެ ވިސްނުން އެކަނި ހާމަކުރެއްވީ. ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވޭ ކޯލިޝަން މިގޮތުގައި ކުރިއަށް ގެންދަން. އެކަން ރޭ ވަރަށް ބޮޑަށް ސާފުވި،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެހެން ޕާޓީތަކާ އެކު، އެމްޑީޕީން ކުރިން އެއްބަސްވީ މަޖިލިހުގެ އިންތިޚާބުގައި 35 ދާއިރާ އަކަށް ވާދަކުރަން ކަމަށް އެ ޕާޓީތަކުން ބުނެފައި ވީ ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލިހުން ވަނީ ހުރިހާ ދާއިރާ އަކަށް ކުރިމަތިލާން ފާސްކޮށްފަ އެވެ. އެހެންވެ، އެ މައްސަލައިގައި ކޯލިޝަންގެ އެހެން ޕާޓީތަކާއި އެމްޑީޕީއާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ވަނީ ކޯލިޝަން ސަރުކާރެއްގައި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި 2020 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ޕާޓީތަކުގެ ހިއްސާ ބެހުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކޯލިޝަން ޕާޓީތަކުން ވަކިވަކިން ސޮއިކުރި ލިޔުމުގައިވާ ގޮތުން އެމްޑީޕީގައި ސަރުކާރުގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ އަށް 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް ދޭން އެ ލިޔުމުގައި އެއްބަސްވެފައިވެ އެވެ. ނަމަވެސް، އެ ލިޔުމުގައި މައުމޫންގެ ފަރާތްޕުޅުން ސޮއެއް ނުކުރެ އެވެ.
އެ އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީ އަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ. އެގޮތަށް ކުރިއަށް ގެންދަން އެމްޑީޕީން އެއްބަސްވެ ސޮއިކުރީ "18-19" ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ވެ އެވެ.
ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައި ވަނީ ކޯލިޝަން ޕާޓީތަކާ އެކު އެ ޕާޓީން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ.
ހަސަން ވިދާޅުވެފައި ވަނީ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ހިނގަމުން ދިޔައިރު މި އަހަރުގެ ޖުލައި މަހު އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީން އޭރު ސޮއިކޮށްފައި އޮންނާނެ ކަމަށާއި އެ ހުށަހެޅުމުގައި ސޮއިކުރީ އެވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެއްބަސްވުމެއް ކަމަށް ކޯލިޝަންގެ އެހެން ޕާޓީތަކުން ދުށް ނަމަވެސް، އެއީ އެފަދަ އެއްޗެއް ނޫން ކަމަށް ހަސަން ވިދާޅުވެފައި ވެ އެވެ.
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
މެޖޯރިޓީ ނުލިބޭނަމަ އަނިޔާވެރިކަން އަންނާނެ: މައުމޫން
ރައީސްގެ ތާއީދު އޮތީ އެމްޑީޕީ މީހުންނަށް އެކަންޏެއްނޫން
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު
ޖޭޕީ ކުރިއަށް ދާނީ ރައީސްގެ ލަފާގެ މަތިން: ރިޔާޒް
ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީންފާސްކޮށްފި
ހަނީމޫން އަދި ނުނިމޭ، ކޯލިޝަން ތެރޭގައި އަރައިރުން؟
"ކޯލިޝަންގެ މަޝްވަރާއިން ރަނގަޅު ނަތީޖާއެއް ފެންނާނެ"