Roadha Mihaaru

އިމްރާންގެ މައްސަލަ އެޖެންޑާކުރަން ނިންމައިފި

ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.

އިމްރާންގެ މައްސަލަ އެޖެންޑާކުރަން ނިންމައިފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

27 އޮކްޓޯބަރ 2020

ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.

އިދިކޮޅު 10 މެމްބަރެއްގެ ސޮޔާ އެކު ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގަވާ އެންގެވުމެެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ 10 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅުއްވުމުން އެ މައްސަލަަ އެޖެންޑާކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި އެހެންވީމާ އިމްރާނަށް މިއަދު ނޯޓިސް ފޮނުއްވާނެ ކަމަށެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ، ވަޒީރެއްގެ އިތުބާރުނެތްކަަމަށް ހުށަހަޅާ މައްސަލަތަކުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް ނޯޓިސް ދޭން ޖެހެ އެވެ. ނަޝީދު ވިދާޅުވީ އެ ނޯޓިސްގެ މުއްދަތު ހަމަވުމުން މައްސަލަ މަޖިލީހަށް އެޖެންޑާކުރައްވާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ގަވައިދުގައި މި ބުނަނީ 10 އިއްޒަތްތެރި މެމްބަރުން ސޮއިކުރެއްވީމާ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ޖެންޑާ ހިނގާނެ ކަމަށް. ދެން މިތަނަކީ 87 މެމްބަރުންގެ ތަނެއް. ދިހަ އިއްޒަތްތެރި މެމްބަަރުން ސޮއިކުރައްވައި މިތަނަށް ހުށަަހެޅުއްވީމާ ދެން އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.

އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އިދިކޮޅު މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި ބޮޑު ތިން މައްސަލައަކާ ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ އެވެ.

އެ ތިން މައްސަލަ އަކީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާއި ޑރ. އަފްރާޝިމް އަލީ އަވަހަރާކޮށްލުން އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލާގައި އިމްރާން ދައްކަވާފައިވާ ވާހަކަތަކެކެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު އިދިކޮޅަށް ރައްދު ދެއްވި އެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އަދި މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން، އެފަދަ މައްސަލަތަކުގައި "ހުސްބުޅީގައި ގަންނާނެ ކަމަށް" އެއްވެސް ޕާޓީއަކުން އުއްމީދުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް، މި މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް މިއަދުގެ މިއޮތް ސަރުކާރާ ދޭތެރޭގައި ފުރިހަމަ އިތުބާރު އެބަ އޮތް. އަދި ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެ ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން އެންމެން ވެސް ބަލައިގަނެ އެކަމަށް އަޅުގަނޑުމެންގެ އިތުބާރު އެބަ އޮތް،" އާޒިމް ވިދާޅުވި އެވެ.