Roadha Mihaaru
"ދެކެން ބޭނުންވަނީ އެމްޑީޕީގެ ހޯމް މިނިސްޓަރެއް"

ދެކެން ބޭނުންވަނީ އެމްޑީޕީގެ ހޯމް މިނިސްޓަރަކު ހުންނަ ދުވަސް: ރާއީ

14 ސެޕްޓެމްބަރ 2021

ހޯމް މިނިސްޓަރަކަށް އެމްޑީޕީގެ ބޭފުޅަކު ހުންނެވި ނަމަ މައްސަލަތައް މާ އަވަސް ސްޕީޑްގައި ބަލައި ތަހުގީގު ކުރެވޭނެ ކަމަށާއި އެފަދަ ދުވަހެއް ވަރަށް ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށް މަކުނުދޫ ދާއިރާގެ އެ ޕާޓީގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހޯމް މިނިސްޓަރަކަށް އެމްޑީޕީގެ ބޭފުޅަކު ހުންނެވި ނަމަ މައްސަލަތައް މާ އަވަސް ސްޕީޑްގައި ބަލައި ތަހުގީގު ކުރެވޭނެ ކަމަށާއި އެފަދަ ދުވަހެއް ވަރަށް ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށް މަކުނުދޫ ދާއިރާގެ އެ ޕާޓީގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ހުޅުމާލޭގެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ރޭ ކުއްލި ގޮތަކަށް މަރުވި މައްސަލައާ ގުޅިގެން، އިދިކޮޅު މެންބަރު އާދަމް ޝަރީފް އުމަރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ.

އާއިލާއާ ހަވާލާދީ އެ މައްސަލައިގައި ވަނީ ގައިދީ މަރުވުމުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލެއްވާ ނަމަ އެކަން ތަހުގީކޮށް، ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވައިލާ ކަމަށެވެ.

މި މައްސަލައިގެ ބަހުސްގައި ރާއީ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖަލުގައި ތިބި އެތައް ބައެއް މަރުވެފައިވާ ކަމަށާއި އޭރު އެ ކަންކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު ވެސް އަޅާފައި ނެތް ކަމަށެވެ.

ޖަލުގެ ތެރޭގައި ބައެއް ކަންކަން ހިނގަމުންދާކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ކަމާބެހޭ މުއާސަސާތަކުން އެކަންކަން ކައިރިން ބަލަމުންދާ ކަމަށް ރާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެމްޑީޕީގެ މެމްބަރަކު މި ސަރުކާރުގައި ހޯމް މިނިސްޓަރަކަށް ހުންނެވި ނަމަ އެފަދަ މައްސަލަތައް މާ އަވަސްކޮށް، އެ ޕާޓީގެ ސިޔާސަތާ އެއްގޮތަށް ބެލުނީހެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ހޯމް މިނިސްޓަރަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.

އެމްޑީޕީ ބޭފުޅަކު ހޯމް މިނިސްޓަރުގެ މަގާމަށް ގެންނަން ބޭނުންވާ ކަމަށް ރާއީ ވިދާޅުވެފައިވާއިރު، މީގެ ކުރިން ވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ މިނިސްޓަރު އިމްރާން އެ މަގާމުން ވަކިކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ޕާޓީތަކުގެ ބޭފުޅުން މިނިސްޓްރީތަކުގައި ތިއްބެވުމުން، އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރެވޭ ކަމަށާއި ސަރުކާރުން އަސްލު ބޭނުންވާ ސިޔާސަތު ތަންފީޒުކުރުން ލަސްވާ ކަމަށް ބުނެ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފާޑު ވިދާޅުވެފަ އެވެ.