Roadha Mihaaru

އެއްވެ އުޅުން ހަނިކުރި އިސްލާހު އުވާލުމުގެ ވިސްނުމެއް ނެތް!

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައި ގެނައި އިސްލާހު އެއްކޮށް އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރޫއަރާފާނެ ފަދަ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުއްވެއްޖެ އެވެ.

އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

27 ނޮވެމްބަރ 2019

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައި ގެނައި އިސްލާހު އެއްކޮށް އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރޫއަރާފާނެ ފަދަ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުއްވެއްޖެ އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި އެ އިސްލާހާ މެދު ވާހަކަ ދައްކަވަމުންނެވެ.

އެއްވެ އުޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ގާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅަށް އޭރު އިދިކޮޅު ފަރާތްތައް (މިހާރު ވެރިކަން ކުރާ ކޯލިޝަނުން) ސިލްސިލާކޮށް މުޒާހަރާކުރަން ފެށުމުން އެކަމަށް ހުރަސްއެޅުމުގެ ގޮތުންނެވެ. އެ އިސްލާހުގައި ވަނީ، ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. މި އިސްލާހު ތަސްދީގުކުރުމާ އެކު އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ގާނޫނަށް ގެނައި އެ އިސްލާހު އުވާލުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަކު، އެ އިސްލާހު އުވައިލުމަށް ގޮވާލައި، އިދިކޮޅުގައި އެމްޑީޕީ އޮތް އިރު ވަނީ އަޑު އުފުލައިފަ އެވެ. މިހާރުގެ ރައީސް އަދި އޭރު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އެއްވެ އުޅުން ހަނިކުރުމަށްޓަކައި ގާނޫނަށް ގެނައި ބަދަލަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.

އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އިބޫ ވިދާޅުވެފައި ވަނީ އެއްވެ އުޅުން ހަނިކުރަން ފާސްކުރި އިސްލާހަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ އަސާސީ ހައްގުތަކެއް ނިގުޅައިގަތުމުގެ ސިލްސިލާ އަށް އިތުރުވި ކަމެއް ކަމަށެވެ. އެއީ، އެމަނިކުފާނު އޭރު ވިދާޅުވެފައިވާ ގޮތުގައި ނަމަ، ގާނޫނުއަސާސީއާ ފުށުއަރާ އިސްލާހެކެވެ.

އެ އިސްލާހާ އުވާލުމާ މެދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިނިސްޓަރު އިމްރާންގެ ލަފައަކަށް އެހުމުން، އޭނާ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކުން ދެވެން އޮތް އެންމެ ފުޅާމިނަކަށް ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ދޭން ބޭނުންވާ ކަމަށެވެ. އެކަމަކު، އެ އިސްލާހު އުވާނުލުމަކީ އެ ފުރުސަތު ހޯދައި ނުދެވޭނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރާ ގޮތެއްގެ މައްޗަށް، ކުރިއާލައި ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅޭނެ ތަންތަން ފުޅާކުރަން ބޭނުން މިންވަރަކަށް މި އިސްލާހު އޮތުމުން ވެސް އެ ފުރުސަތު ދެވެން އެބައޮތް. އެކަމަކު އެއްކޮށް އިސްލާހު އުވާލައިފި ނަމަ ތި ވިދާޅުވިހެން މުޅި ނިޒާމަށް ބުރޫއަރާފާނެ ފަދަ އެތައް ކަމެއް ކުރިމަތިވުން އެކަށީގެންވޭ. -- އިމްރާން

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އިމްރާން ހުށަހެޅުއްވީ އިސްލާހު އޮތް ގޮތަށް ބާއްވާފައި އެ މައްސަލަ އަށް ހޯދައި ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ހޯއްދަވައި ދެއްވުމަށެވެ.

މިގޮތަށް ވިދާޅުވުމުން، މިނިސްޓަރު "ތިޔަ ވިދާޅުވަނީ މުޅި އިސްލާހު އެއްކޮށް އުވާލުމުން ދަތިތަކާ ކުރިމަތިވެދާނެ ކަމަށްތޯ" ރިޔާސަތުގައި އިންނެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެއްސެވި އެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެދިވަޑައިގަންނަވާ ގޮތަކީ އިސްލާހު އުވާނުލައި ފުރުސަތު ފުޅާކޮށްދިނުން ކަމަށެވެ. އެއީ މިހާރު އޮތް އިސްލާހަށް ބަދަލުތަކެއް ގެނެސްގެން ކަމަށް ވެސް ވިދާޅުވި އެވެ.

"އެއްކޮށް އުވާނުލައި ރައްޔިތުންނަށް ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދެވިދާނެ ކަމަށް ނުވަތަ އިސްލާހެއް ގެނެވިދާނެ ކަމަށް އަޅުގަނޑު ދެކެނީ،" އިމްރާން ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ކުރީގެ ސަރުކާރުގައި ގެނައި އިސްލާހުގައި، އެއްވެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަަމަށް އޮތަސް އެއަށް ވުރެން ފުޅާކޮށް މިހާރު ވެސް އަންނަނީ ފުރުސަތު ދެމުންނެވެ. ކާނިވާ ސަރަހައްދުގައި ނޫނަސް ޕީޕީއެމުން ސިލްސިލާކޮށް، ބާއްވަމުން އަންނަ އެއްވުންތަކަށް ވެސް ފުރުސަތު ދޭ ކަން ފާހަގަކުރެއްވި އެވެ.

ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި، ކޮންމެ ކަމަކާ ގުޅުވައިގެން އެއްވާން ބޭނުންވިޔަސް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ. މިގޮތަށް ކަން ހިނގިޔަސް ހާލަތަށް ބަލައި އެއްވެ އުޅުމަށް އިންތަކާއި މިންތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެ އިސްލާހު އެއްކޮށް އުވާނުލައި ހައްލު ހޯދަން މިސަރުކާރުން މިހާރު ބޭނުންވާ އިރު، ކުރިން ތަކުރާރުކޮށް އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ހޯމް މިނިސްޓްރީން ހުއްދަ ދޭ ވަކި ތަނެއްގައި އެއްވެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.