Roadha Mihaaru
ހުތުބާގެ ވާހަކަތައް މިނިސްޓަރު ދިފާއު ކުރައްވައިފި

ހުތުބާގައި ހުރި ވާހަކަތައް މިނިސްޓަރު ދިފާއު ކުރައްވައިފި

23 ޖުލައި 2023

މިދިޔަ ހުކުރު ދުވަހުގެ ހުކުރު ހުތުބާގައި ލިޔެފައި ވަނީ ތަފްސީރު ފޮތްތަކުގައި ވެސް ބަޔާން ކޮށްފައިވާ ވާހަކައެއް ކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެ ހުތުބާގެ ވާހަކަތައް މިއަދު ދިފާއު ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ހުކުރު ދުވަހުގެ ހުކުރު ހުތުބާގައި ލިޔެފައި ވަނީ ތަފްސީރު ފޮތްތަކުގައި ވެސް ބަޔާން ކޮށްފައިވާ ވާހަކައެއް ކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެ ހުތުބާގެ ވާހަކަތައް މިއަދު ދިފާއު ކުރައްވައިފި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މިދިޔަ ހުކުރު ދުވަހު ކިޔާފައިވާ ހުތުބާގައި އާޝޫރާ ދުވަހާ ގުޅޭ ގޮތުން ދެއްކި ބައެއް ވާހަކަތައް ސައްހަ ނޫން ކަމަށް ވިދާޅުވެ، ބައެއް ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެކަމާ ގުޅޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އާޝޫރާ ދުވަހާ ގުޅިގެން ސާބިތުވެފައި ވަނީ އެއީ މޫސާގެފާނު ފިރުއައުނުގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހުގެ ގޮތުގައި ކަމަށެވެ. އެހެން ނަބީބޭކަލުން އެ ދުވަހާ ގުޅުވައި ހުތުބާގައި ބަޔާން ކޮށްފައިވާ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ އާދަމް ނިޝަން ވެސް ވަނީ ހުތުބާގައި ސައްހަ ނޫން ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް އެކަމާ ގުޅިގެން މިނިސްޓަރު މިއަދު ވިދާޅުވީ ހުތުބާގައި ކުށެއް އޮތްތޯ މިނިސްޓްރީން ވެސް ބަލާފައިވާނެ ކަމަށެވެ. އެ މާނަ ކުރާ ހަދީސަކީ ރަސޫލާ އަށް ނިސްބަތް ވާ ހަދީސެއް ނޫން ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.

"ރަސޫލާ އަށް ނިސްބަތް ކުރައްވާ ހަދީސެއް ކަމަކަށް ނޫން ހުތުބާގައި ލިޔުއްވާފައި އޮތީ. ހުތުބާގައި ލިޔުއްވާފައި ވަނީ ތަފްސީރު ފޮތްތަކުގައި ތަފްސީރު އިލްމުވެރިން ވެސް އެބަހުއްޓޭ އެ ގޮތަށް ވާހަކަ ދައްކަވާފައި، އެހެން ކިޔާފައި ގެނެސްދީފައި އިނީ ހުތުބާގައި،" މިނިސްޓަރު "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހުތުބާ ލިޔުއްވާ އިލްމުވެރިން އެ ލިޔުއްވުމަށް ފަހު ކުށެއް ފާހަގަވޭތޯ ބައްލަވާނެ ކަމަށެވެ. އަބަދުވެސް ހުތުބާ ކިޔަނީ ދީނީ އިލްމުވެރިންގެ ކޮމިޓީތަކުން ފާސްކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާޝޫރާ ދުވަހުގެ މާތް ކަން" އެއާ ގުޅޭ ގޮތުން ހުތުބާގައި ބުނެފައި ވަނީ އެއީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތް ކުރައްވައި ފިރުއައުނާއި އޭނާގެ ލަޝްކަރު ޣަރަގު ކުރެއްވި ދުވަސް ކަމަށެވެ.

ތަފްސީރު ފޮތްތަކާ ހަވާލާ ދެއްވައި ހުތުބާގައި ވަނީ އެ ދުވަސް ބައެއް އެހެން ނަބީބޭކަލުންނާ ވެސް ގުޅުވައިފަ އެވެ.