Roadha Mihaaru
ޔޯގާގެ މައްސަލަ މިހާ ގޯސްވާނެކަމަށް އަންދާޒާ ނުކުރެވުނު

ޔޯގާ ހަރަކާތުގައި ބަޔަކު ހަމަނުޖެހުމެއް ހިންގަފާނެ ކަމަށް ސަރުކާރަށް ބެލެވިފައެއް ނުވޭ: މިނިސްޓަރު

29 ސެޕްޓެމްބަރ 2022

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާގެ ހަރަކާތުގައި ބަޔަކު ހަމަނުޖެހުން ހިންގާ ހިސާބަށް ކަންކަން ހިނގައިދާނެ ކަމަށް ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް އަންދާޒާ ކުރެވިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޔޯގާ ހެދުމުގެ މައްސަލައިގައި މުޖުތަމައުގައި ސުވާލު އުފެދިފައިވަނިކޮށް، އިސްލާމްދީނުގައި އެކަން އޮންނަ ގޮތް ފަތުވާ މަޖިލީހުން ބަލައިފައި ނެތުމާއި އަދި ޔޯގާއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އިޖުރާއަތާ ހިލާފަށް ފުލުސް އޮފީހަށް ސިޓީއެއް ފޮނުވި މައްސަލަ ބަލަން ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް ޖަވާބުދާރީވުމަށް އިސްލާމިކް މިނިސްޓަރު އިއްޔެ ހާޒިރުކުރި އެވެ.

އެ ކޮމިޓީގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޔޯގާގެ މައްސަލައާ މެދު 2015 އިން ފެށިގެން އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށެވެ. އެއީ އެ އަހަރުން ފެށިގެން ސަރުކާރުގެ އެއްބާރުލުމާ އެކު ރާއްޖޭގައި ޔޯގާ ހަރަކާތްތައް ބާއްވަން ފެށި ދުވަސްވަރެވެ.

"އޭރުން ފެށިގެން މައްސަލައެއްގެ ގޮތަށް އޮތް ކަމެކޭ، އަޅުގަނޑުމެން އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ޕޮލިހަށް އެއިރަކު އާންދާޒާ ކުރެވިފައެއް ނެތޭ އެއްކޮށް އިށީނދެގެން ހައްލުކުރަން ޖެހޭ ހިސާބަށް، މި މައްސަލަ މިހެން އަންނާނެ ކަމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ބައެއް މެމްބަރުން: އިސްލާމިކް މިނިސްޓަރު އިއްޔެ އެ ކޮމެޓީ އަށް ހާޒިރުކޮށްފައިވޭ -- ފޮޓޯ: ރައްޔިތުން މަޖިލިސް

"އެ އިހުސާސް ނުވާ ކަމެއްގައި އަޅުގަނޑުމެންނަށް ނެތޭ މި ވާހަކައެއް ދެކެވިފައެއް."

ޔޯގާގެ މައްސަލައިގައި ހިޔާލު ތަފާތުވުންތަކެއް އޮތަސް، އެކަމާ ގުޅޭގޮތުން ރައުޔެއް ހޯދަން 2015 އަހަރުން ފެށިގެން މިއަދާ ހަމަ އަށް ވެސް ފަތުވާ މަޖިލީހަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން އިޖުރާއަތާ ހިލާފަށް ފުލުސް އޮފީހަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މިހާރު އެ މިނިސްޓްރީގެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ބަދަލަކީ ފަތުވާ މަޖިލީހުގެ ރައުޔެއް އޮތަސް އަދި ނެތަސް، އެއްވެސް އިދާރާއަކަށް މިނިސްޓްރީގެ ފަރާތުން ސިޓީއެއް ދެން ފޮނުވޭނީ މިނިސްޓަރުގެ ސޮޔާއެކު ކަމަށެވެ. އަދި އިދާރީ ގޮތުން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

ފަތުވާ މަޖިލީހުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާ ގުޅޭ ގޮތުން ވެސް ބައެއް މެމްބަރުން ސުވާލުކުރެއްވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ބައެއް މެމްބަރުން: އިސްލާމިކް މިނިސްޓަރު އިއްޔެ އެ ކޮމެޓީ އަށް ހާޒިރުކޮށްފައިވޭ -- ފޮޓޯ: ރައްޔިތުން މަޖިލިސް

ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ބައެއް މެމްބަރުން: އިސްލާމިކް މިނިސްޓަރު އިއްޔެ އެ ކޮމެޓީ އަށް ހާޒިރުކޮށްފައިވޭ -- ފޮޓޯ: ރައްޔިތުން މަޖިލިސް

މިނިސްޓަރު ވިދާޅުވީ ފިގުހު އެކަޑެމީ އެކުލަވައިލެވެންދެން ވެސް ފަތުވާ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށާއި މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފިގުހު އެކަޑެމީ އެކުލަވާލުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އެ މިނިސްޓްރީ އާއީ އެޓާނީ ޖެނަރަލް (އޭޖީ)ގެ އޮފީހާއި އަދި ރައީސް އޮފީސް ގުޅިގެން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ފިގުހު އެކަޑެމީ އެކުލަވާލެވެން ދެން ވެސް ފަތުވާ މަޖިލީހުގެ މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން،" ޑރ. އަހުމަދު ޒާހިރު ވިދާޅުވި އެވެ.

އުސޫލާ ހިލާފަށް އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީއާ ގުޅިގެން ފުލުހުންގެ އިސްވެރިން ވެސް އެ ކޮމެޓީ އަށް ހާޒިރުކުރަން ނިންމާފައިވެ އެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި، އެ ތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނު މައްސަލާގައި އިހުމާލުވާ ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅަން، އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓު ނިންމައި، މިދިޔަ މަހު ކެބިނެޓަށް ވެސް ހުށަހަޅާފައިވެ އެވެ.

އެ ދުވަހުގެ ކަންތައް ހިނގައި ދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކުރި މަސައްކަތްތައް އެ ރިޕޯޓްގައި ހިމަނާފައިވާއިރު، ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް އެ ރިޕޯޓްގައި ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ވެސް ލަފާދީފައިވެ އެވެ.

އެ ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ގިނަ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.