Roadha Mihaaru
ޔޯގާ ހަރާމް ކަމަށް ބުނެ ޝޭހުންތަކެއް ފަތުވާ ނެރެފި

ޔޯގާ ހެދުން ހަރާމް ކަމަށް ބުނެ ޝޭހުންތަކެއް ފަތުވާ ނެރެފި

27 ޖުލައި 2022

ކަސްރަތެއްގެ ގޮތުގައި ނުވަތަ އެ ނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ބުނެ ރާއްޖޭގެ 100 އަށް ވުރެ ގިނަ ޝޭހުން ފަތުވާއެއް ނެރެފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ކަސްރަތެއްގެ ގޮތުގައި ނުވަތަ އެ ނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ބުނެ ރާއްޖޭގެ 100 އަށް ވުރެ ގިނަ ޝޭހުން ފަތުވާއެއް ނެރެފި އެވެ.

ޝިރުކުގެ އަމަލެއް ނެތް ނަމަ ޔޯގާ ހުއްދަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެފައި ވަނިކޮށް، އިލްމުވެރިން ގުޅުމުން ނެރުނު ފަތުވާގައި 104 ޝޭހުންގެ ބައިވެރިވުން ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އިލްމުވެރިންގެ ގުޅުމުން ބުނި ގޮތުގައި ފަތުވާ ނެރުނީ މި މަހުގެ 15 އިން 18 އަށް ކުރި ދިރާސާއެއްގެ މައްޗަށެވެ.

އެ ދިރާސާގެ ހުލާސާ ރިޕޯޓުގައި ބުނެފައިވަނީ ހިންދޫންގެ ގާތުގައި ޔޯގާގެ ހަރަކާތްތަކަކީ ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެވޭ ދީނީ މުގައްދަސް ހަރަކާތްތަކެއް ކަމަށެވެ. ހިންދޫންނާއި ބުޑިސްޓުން ދެކޭ ގޮތުގައި ޔޯގާ ބިނާވަނީ ހަށިގަނޑުގެ ބާރާއި ނަފުސާނީ ބަރުގެ އިތުރުން ސިކުނޑީގެ ބާރުގެ މައްޗަށް ކަމަަށާއި ޔޯގާގެ 5 ބައި ފުރިހަމަ ވުމުން އެ މީހާ ބަލި ވުމާއި މުސްކުޅި ވުމާއި މަރު ވުމުން ވެސް ސަލާމަތްވެފައިވާ ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.

ރިޕޯޓުގައި ބުނީ ކަސްރަތުގެ ނަމުގައި ބުދު ދީނުގެ އަހުލުވެރީންނާއި ހިންދޫން ޔޯގާ ފެތުރުމުގެ މަގުސަދަކީ އެ މީހުންގެ ދީނަށް މީސްތަކުން ލޯބި ޖެއްސުން ކަމަށެވެ. އެ ދީނަށް ވެއްދުމަށްޓަކައި ރޭވުންތެރި ހަމަހިމޭން ދައުވަތެއް ދިނުމާއި ރީތި ނަމެއްގައި ރަނގަޅު ޝިއާރުތަކެއްގެ ދަށުން ބުދު ދީނާއި ހިންދޫ ދީން ކުރިއެރުވުން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އިލްމުވެރިންގެ ގުޅުމުން ބުނި ގޮތުގައި ޔޯގާއާ ބެހޭ ގޮތުން އިސްލާމީ އުންމަތުގެ އިލްމުވެރިން ދިރާސާ ކުރުމަށް ފަހު ދެއްވާފައިވާ ފަތުވާތަކުގެ ހަގީގަތްތަކަށް ބަލާއިރު، ފިގުހު އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ޔޯގާއަކީ ހަރާމް ކަމެއްގެ ގޮތުގަ އެވެ.

އެ ރިޕޯޓުގައި ގުރުއާނާއި ސުންނަތުން ދަލީލުތައް ހިމަނައިފައިވާއިރު ޔޯގާގައި ހިމެނޭ އެކިއެކި ކަންކަމަށް ވެސް ވަނީ އަލިއަޅުވައިލައިފަ އެވެ. އިސްލާމީ ގައުމުތަކަށް ހިންދޫންގެ ސަގާފަތްތައް އިޔާދަކުރުމަށް ރޭވުންތެރިކަމާއެކު ހިންގާ ގިނަގުނަ މަޝްރޫއުތަކަށް ފުންކޮށް ބަލާލައިފި ނަމަ އެއިން އެއްވެސް އިލްމުވެރިއަކު ވެސް އެކަން ހަރާމް ނުވާނެ ކަމަށް ވިދާޅުވާނެ ހުއްޖަތެއް އޮންނާނެ ކަމަކަށް ނުބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

"ޔޯގާއަކީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމުގެ ބޭނުމަކީ އެހެން އަގީދާތަކުގެ މީސްތަކުންނަށް އޮޅުވާލައިގެން އެ ބައިމީހުން ލައްވައި ހިންދޫ ދީނުގެ އަޅުކަންތައް ކުރުވުމެވެ. އަދި އެ ދީންތަކުގެ ކަންކަމަށް ލޯބި ޖައްސައި އެ ދީންތަކަށް ތަބާވާ ބައެއް ކަމުގައި މީސްތަކުން ހެދުމެވެ،" ރިޕޯޓުގައި ބުނެފައި ވެ އެވެ.

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން މާލޭގައި ޔޫތު މިނިސްޓްރީން ބޭއްވި ޔޯގާ ހަރަކާތާ ގުޅިގެން ބައެއް އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ގަލޮޅުދަނޑުގައި އޮތް އެ ހަރަކާތް ހުއްޓުވަން ބަޔަކު މީހުން އެ ދުވަހު އެ ތަނަށް ވަދެ ވަނީ ހަމަނުޖެހުން އުފައްދައިފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ޔޯގާއާ ގުޅޭގޮތުން އިލްމީ ރިޕޯޓެއް ވަނީ ނެރިފަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ޔޯގާ ހެދުމާ ގުޅޭ ހުރިހާ ކަމަކަށް ބެލުމުން އެއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

އެކަމަކު އެކި ކަންކަމުގައި ދީނީ ގޮތުން އޮންނަ ގޮތް ބައްލަވައި ގިނަ ބަޔަކު އިތުބާރުކުރާ ރައުޔުތައް ނެރުއްވާ މައުމޫން ވިދާޅުވާ ގޮތުގައި ޔޯގާ އާއި އިސްލާމްދީނާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނެތެވެ. ސަބަބަކީ އިސްލާމްދީން ބިނާވެފައި ވަނީ ގުރުއާނާއި ސުންނަތުގެ މައްޗަށް ކަމަށް ވާއިރު ޔޯގާގެ ވާހަކަތައް އައިސްފައި ނެތުމެވެ.