Roadha Mihaaru
ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލީސް

ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމަށް ފަތުވާ މަޖިލީހުން ކަނޑައަޅައިފިިި

19 ޑިސެމްބަރ 2023

ގައުމީ ސަލާމް ކިޔުމާއި ދިވެހި ގައުމީ ދިދަ އަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާން ކިޔާ ވަގުތު މޭމަތީގައި އަތްބޭއްވުން ހަރާން ކުރާނެ ސައްހަ ދަލީލެއް ނެތް ކަމަށާއި އެހެންވެ، އެ ކަންކަން ހުއްދަ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާ ނެރެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމީ ސަލާމް ކިޔުމާއި ދިވެހި ގައުމީ ދިދަ އަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާން ކިޔާ ވަގުތު މޭމަތީގައި އަތްބޭއްވުން ހަރާން ކުރާނެ ސައްހަ ދަލީލެއް ނެތް ކަމަށާއި އެހެންވެ، އެ ކަންކަން ހުއްދަ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާ ނެރެފި އެވެ.

އެ މަޖިލީހުން ނެރުނު ފަތުވާގައި ބުނީ ގައުމީ ސަލާމް ކިޔުމާއި ގައުމީ ދިދައަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އެއީ އާދަތަކާ ގުޅިފައިވާ ކަމެއް ކަމަށާއި އާދަތަކުގެ އަސްލަކީ ހުއްދަވުން ކަމަށް އެ މަޖިލީހުން ބުންޏެވެ.

"އާދަކާދައާ ގުޅޭ ކަމެއް ހަރާމް ކަމަށް ކަނޑައެޅޭނީ ސަރީހަ ދަލީލަކުން ސާބިތުވުމުންނެވެ. އެހެންކަމުން. މަތީގައި ބަޔާންކުރެވުނު މައްސަލަ ދިރާސާކުރުމުން އެނގި ހާމަވީ މިކަން ހަރާމް ކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމުގަ އެވެ،"" ފަތުވާގައި ވެ އެވެ.

ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމުގައި ފަތުވާ މަޖިލީހުން ކަނޑައެޅިއިރު، ގައުމިއްޔަތަށް ލޯބި ޖެއްސުމަށް، ސްކޫލުތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށާ ގޮތަށް އާ ސަރުކާރުގެ ކެބިނެޓުން ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ނިންމައިފަ އެވެ.

މީގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ އެސެމްބްލީގައި ގައުމީ ސަލާމް ކިޔަ އެވެ. ނަމަވެސް، ދީނީ ހިޔާލުތަފާތުވުންތަކާ ހެދި ބައެއް ސްކޫލުތަކުގައި އެކަންކުރުން ހުއްޓާލި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވަނީ، މި ދިރާސީ އަހަރުގެ ދެ ވަނަ ޓާމާ އެކު ހުރިހާ ސްކޫލެއްގައި ގައުމީ ސަލާމް ކިޔެވުމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ހިމެނޭ "ހަފްތާ 14" ގައި ވެސް ވަނީ އިސްލާމްދީނާއި ގައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ ވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ގައުމީ ފެންވަރުގެ ހާއްސަ ޕްރޮގްރާމުތައް ހިންގަން ފެށުމަށް ހިމަނައިފަ އެވެ.

ފަތުވާ މަޖިލީހުގައި މި ވަގުތު ތިއްބެވީ؛

ރައީސް: ޝެއިހު ޑރ. މުހައްމަދު ރަޝީދު އިބްރާހިމް

ނައިބު ރައީސް: ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން

މެމްބަރު: ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ

މެމްބަރު: ޝެއިހު އިލްޔާސް ހުސެއިން