Roadha Mihaaru

ޝަރުއީ އުސޫލާ އެއްގޮތަށް ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް

ޝަރުއީ އުސޫލުތަކާ އެއްގޮތަށް، ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފި އެވެ.

ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 މާޗް 2025

ޝަރުއީ އުސޫލުތަކާ އެއްގޮތަށް، ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފި އެވެ.

މިނިސްޓްރީން އިއްޔެ ވަނީ ވަގުފު ފަންޑުން ހޭދަކުރުމުގެ އުސޫލު އެކުލަވާލައި، އާންމު ކޮށްފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ފަންޑު ފަށަނީ 15 މިލިޔަން ރުފިޔާގެ ފަންޑަކާއެކު ކަމަށެވެ.

ވަގުފު ފަންޑަށް ސޮދަގާތާއި ހައިރާތާއި ހިބައާއި ވަސިއްޔަތުގެ ގޮތުން ދޭ ހަދިޔާ ވެސް ބަލައިގަނެވޭނެ ކަން ފާހަގަ ކުރައްވައި، ޝަހީމް ވިދާޅުވީ އެ ބައި ފަންޑުގެ ތެރޭގައި ބަލަހައްޓާނީ ނަގުދު ފައިސާގެ ވަގުފާ ވަކިން، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

ކޭޝް ވަގުފުން އިންވެސްޓްކޮށް އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ނިންމާފައިވާ ކަމަށާއި ދިވެހި ރައްޔިތުންގެ ތެރެއިން މާތް ﷲ ގެ މަގުގައި ނަގުދު ފައިސާ ވަގުފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ އާންމުކުރި ވަގުފު އުސޫލުގައި ވާގޮތުން އޭގައި ބުނާ މަގުސަދު ހާސިލް ކުރުމަށް 7 މެމްބަރުންގެ ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. އަދި ފަންޑަށް ޝަރުއީ ލަފާދޭ ކޮމިޓީއެއް ވެސް އޮންނަން ޖެހެ އެވެ. އެ އުސޫލުގައި ނެތް ކަމެއްނަމަ ގޮތް ނިންމަން ޖެހެނީ އެ ކޮމިޓީންނެވެ.