Roadha Mihaaru

11 ރަށެއްގެ މިސްކިތާއި ގުރުއާނާ ބެހޭ މަރުކަރުގެ ދެ ގޮތްޕާއި އިސްލާމީ މަރުކަޒެއް އަޅަން ހަވާލުކޮށްފި

ރާއްޖޭގެ 11 ރަށެއްގައި އަޅާ މިސްކިތްތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

11 ރަށެއްގައި ދީނީ ބިނާތައް އަޅަން ހަވާލުކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

15 މާޗް 2025

ރާއްޖޭގެ 11 ރަށެއްގައި އަޅާ މިސްކިތްތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިސްލާމީ ދާއިރާގެ 14 އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 11 މިސްކިތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ދެ ގޮތްޕަކާއި އިސްލާމީ މަރުކަޒެކެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން 500 މީހުންގެ ޖާގައިގެ މިސްކިތް އަޅަން ހަމަޖެހިފައިވަނީ ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ބ. މާޅޮސް، އެ އަތޮޅު ކުޑަރިކިލު، އއ. ފެރިދޫ، ތ. ވޭމަންޑޫއާއި ހިރިލަންދޫ އަދި ސ. ފޭދޫ ގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ ހަރަދުގައި އަޅާ މި މިސްކިތްތައް ހަދަނީ ގުރުއާން ކިޔަވައިދޭ ކްލާހެއް ހިމަނައިގެން ކަމަށާއި މިސްކިތްތަކުގައި ސޯލާ އާއި އޭސީ ހަރުކޮށް، ވިނައިލް ފްލޯރިން އަޅާނެ ކަމަށެވެ.

ލ. މާބައިދޫ އާއި ޅ. އޮޅުވެލިފުށީގައި ގުރުއާނާ ބެހޭ މަރުކަޒު އަޅަން ހަވާލުކުރިއިރު، އިސްލާމީ މަރުކަޒު އެޅުމަށް ނިންމާފައިވަނީ ށ. ފޯކައިދޫގަ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: މިނިސްޓްރީ

އެއްބަސްވުންތަކުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: މިނިސްޓްރީ

ދެ ރަށުގައި އަޅާ ގުރުއާނާ ބެހޭ މަރުކަޒުތަކުގައި ތިން ކްލާސްރޫމާއި ލައިބްރަރީއެއްގެ އިތުރުން ހޯލެއް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ ތެރެއިން 11 މަޝްރޫއެއް ހަވާލުކޮށްފައިވަނީ ފެނަކަ އާ އެވެ. ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މުހައްމަދު ނަޖާހު އެވެ.

ބާކީ ތިން މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެމްޓީސީސީން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ސައުދީ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިހާރު ހަވާލުކޮށްފައި ހުރި ބައެއް މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި އަމާޒަކީ ހުއްޓިފައި ހުރި މަޝްރޫއުތަކާ އެކު އަލަށް ފެށި މަޝްރޫއުތައް ވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިމިގެން ދިއުން ކަމަށެވެ.

އުތީމުގައި ހިންގާ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު އޮތް ނަމަވެސް، އެ ކަމުގައި އިދާރީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ހުރުމުން އެ ކަން ލަސްކޮށްލާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.