Roadha Mihaaru

ހުޅުމާލެ 2 ގައި އިތުރު މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި

ހުޅުމާލެ 2 ގައި އިތުރު މިސްކިތެއް އިމާރާތްކުރަން މިއަދު ބިން ހަވާލުކޮށްފި އެވެ.

ހުޅުމާލެ 2 ގައި މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

16 އެޕްރީލް 2025

ހުޅުމާލެ 2 ގައި އިތުރު މިސްކިތެއް އިމާރާތްކުރަން މިއަދު ބިން ހަވާލުކޮށްފި އެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި 18،720 އަކަފޫޓުގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިނިސްޓްރީން ބުނީ، އެ މިސްކިތް އިމާރާތް ކުރަނީ ހެޔޮއެދޭ ފަރާތެއްގެ ހަރަދުގައި ކަމަށެވެ. އެ ފަރާތާއެކު ވަކި އެގްރިމެންޓެއްގައި ސޮއިކުރާނެ އެވެ. މިސްކިތުގެ ކޮންޓްރެކްޓަރު ހަމަޖައްސާނީ އެ ފަރާތުންނެވެ.

ބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސް ތެރޭގައި މަސައްކަތް އިމާރާތްކޮށް ނިންމަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހުޅުމާލެ 2 ގައި މިސްކިތް އެޅުމަށް ބިން ހަވާލުކުރުމުގެ އެގްރިމެންޓުގައި އެޗްޑީސީގެ އެމްޑީ މައުރޫފް (ކ) އަދި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ސޮއިކުރައްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުޅުމާލެ 2 ގައި މިސްކިތް އެޅުމަށް ބިން ހަވާލުކުރުމުގެ އެގްރިމެންޓުގައި އެޗްޑީސީގެ އެމްޑީ މައުރޫފް (ކ) އަދި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ސޮއިކުރައްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަލަށް އަޅާ މިސްކިތުގައި 2،500-3،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އެވެ.

މިނިސްޓްރީން ބުނީ މިސްކިތް ޑިޒައިން ކޮށްފައިވަނީ ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށް ކަމަށެވެ. އެ ތަނުގައި ސޯލާ އާއި އޭސީ ހަރުކުރާނެ އެވެ.

ހުޅުމާލޭގައި އަޅާ ބައެއް މިސްކިތް މި އަހަރު ނިމޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.