Roadha Mihaaru
ހިޔާ ފްލެޓްތައް ކައިރީގައި ސަރުކާރުން މިސްކިތެއް އަޅަނީ

ހިޔާ ފްލެޓްތައް ކައިރީގައި ސަރުކާރުން މިސްކިތެއް އަޅަނީ

19 ޖެނުއަރީ 2022

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ކައިރީގައި ޖާގަ ބޮޑު މިސްކިތެއް އަޅަން އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ކައިރީގައި ޖާގަ ބޮޑު މިސްކިތެއް އަޅަން އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި މިސްކިތް އަަޅަން ބިން ހަވާލުކުރުމަށް އެޗްޑީސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އެޗްޑީސީން ބުނި ގޮތުގައި، 30،655 އަކަފޫޓުގެ ބިމެއްގައި އަޅަން ނިންމާފައިވާ މި މިސްކިތުގެ ޑިޒައިން އެ ކުންފުނިން މިހާރު ތައްޔާރުކޮށްދީފައިވާ ކަމަށެވެ. އަދި މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ނިންމާފައިވާ މިސްކިތް އަަޅަން އެޗްޑީސީން ބިން ހަވާލުކުރުމަށް އިސްލާމިކް މިނިސްޓްރީއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޗްޑީސީ

ޑިޒައިންގައި ވާގޮތުން މިއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި ކޯޓްޔާޑާ ލައިގެން، 3،000 މީހުންގެ ޖާގަ އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ މި މިސްކިތް ޑިޒައިންކޮށްފައި ވަނީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އާންމުކޮށް ދިމާވާ ޖާގައިގެ މައްސަލަތަކަށް ބެލުމަށް ފަހު، މިސްކިތުގެ ޖާގަ ވީހާ ވެސް ބޮޑުކޮށް، މީހުންނަށް ލުއިފަސޭހަވާނެ ގޮތްތަކަށް ވިސްނާފައި ކަމަށެވެ.

މި މިސްކިތުގެ ކޯޓްޔާޑްގެ ޑިޒައިން ހަދާފައި ވަނީ މީހުންނަށް އިށީނދެގެން ތިބެވޭނެ ގޮތަށެވެ. އަދި 100 އަށް ވުރެން ސައިކަލު ޕާކުކުރާނެ ޖާގަ ވެސް ދެވޭނެ ގޮތަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ނިންމާފައިވާ މިސްކިތުގެ ޑިޒައިން.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ނިންމާފައިވާ މިސްކިތުގެ ޑިޒައިން.

"މި މިސްކިތް ބިނާކުރުމުން ވަރަށް ގިނަ ލުއިފަސޭހަތަކެއް އާންމު ރައްޔިތުންނަށް ލިބިގެންދާނެ. އޭގެ ތެރޭގައި، ނަމާދުކޮށް ނިމުމުން މިސްކިތުން ފައިބަން ދިމާވާ ދަތިތަކަށް ހައްލެއް ލިބި އަދި ރޯދަ މަހުގައި މިސްކިތަށް އަރާފޭބުމުގައި ތޮއްޖެހުން ކުޑަވެ، ނަމާދުކުރަން ފަސޭހަ ވެގެންދާނެ،" އެޗްޑީސީން ބުންޏެވެ.

މި މިސްކިތަކީ ހުޅުމާލޭގެ ބިނާތަކުގެ ތެރެއިން ތަފާތު ފަންނުވެރިކަމެއް ފެންނާނެ ތަނަކަށް ވާނެ ކަމަށް ވެސް ބުންޏެވެ.

ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން މިސްކިތެއް އިމާރާތް ކުރަން ނިންމައިފަ އެވެ. މިހާރު ދެވަނަ ފިޔަވަހީގައި ހުންނަނީ އަމިއްލަ ފަރާތަކުން އަޅާފައި މިސްކިތެއް ކަމަށްވާ "މަސްޖިދުލް އަމީލް ޖަލީލް" އެވެ. ދެން ހުންނަނީ ސަރުކާރުން ހަދާފައިވާ ވަގުތީ މިސްކިތެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ނިންމާފައިވާ މިސްކިތުގެ ޑިޒައިން.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ނިންމާފައިވާ މިސްކިތުގެ ޑިޒައިން.

އެ ފިޔަވަހީގައި ވަގުތީ އިތުރު މިސްކިތެއް އަޅަން ވެސް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފައިވެ އެވެ.

ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ ފްލެޓްތަކުގެ ކައިރީ މިސްކިތުގެ އިތުރުން އަސާސީ އެހެން ހިދުމަތްތައް ލިބޭ ތަންތަން ނެތުމުން އާންމުންގެ ޝަކުވާތައް ގިނަވި އެވެ. އަސާސީ ބައެއް ހިދުމަތްތައް ލިބޭނެ ތަންތަން އެ ސަރަހައްދުގައި މިހާރު އަންނަނީ މަޑުމަޑުން ހުޅުވަމުންނެވެ.