Roadha Mihaaru
ހިޔާ ފުލެޓްގެ ވަގުތީ މިސްކިތް ނިމޭނީ ނޮވެމްބަރަށް

ހިޔާ ފްލެޓް ސަރަހައްދުގެ ވަގުތީ މިސްކިތް ނިމޭނީ ނޮވެމްބަރަށް

15 ސެޕްޓެމްބަރ 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކައިރީގައި ހަދާ ވަގުތީ މިސްކިތުގެ މަސައްކަތް ނިމޭނީ އަންނަ ނޮވެމްބަރު މަހަށް ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކައިރީގައި ހަދާ ވަގުތީ މިސްކިތުގެ މަސައްކަތް ނިމޭނީ އަންނަ ނޮވެމްބަރު މަހަށް ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހަދާ މި ވަގުތީ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވީ 450 މީހުންގެ ޖާގައިގެ އެ މިސްކިތުގެ މަސަައްކަތް ޔެސް މޯލްޑިވްސްއާ ހަވާލުކުރީ 80 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމަން ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ މިދިޔަ މަހުގެ 15 ގައި ކަމަށް ވާއިރު، އެ މުއްދަތު ހަމަވާނީ ނޮވެމްބަރު ތިނަކަށެވެ.

"ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި އިތުރު ދެ މިސްކިތް އަޅަން ވެސް ވަނީ ނިންމައިފައި،" އޮފިޝަލް ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިސްކިތްތަކާއި އަސާސީ އެހެން ހިދުމަތްތައް ލިބޭ ތަންތަން ނެތުމުން އާންމުންގެ ޝަކުވާ ވަނީ ގިނަވެފަ އެވެ.

ދެ ވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ވެސް އަންނަނީ މިސްކިތެއް އިމާރާތް ކުރަމުންނެވެ. މަސްޖިދުލް އަމީލް ޖަލީލް ކިޔަން ނިންމާފައިވާ އެ މިސްކިތުގެ މަސައްކަތް ނިމެން ކައިރިވެފައިވީ ނަމަވެސް، ހުޅުވާނެ ތާރީހެއް އަދި ނޭނގެ އެވެ.

ހިޔާ ފްލެޓުގައި ގިނަ ބަޔަކު ދިރިއުޅެން ފެށުމުގެ ކުރިން، ދެ ވަނަ ފިޔަވަހިން އަސާސީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން، ބަހުގެ ހިދުމަތް ތައާރަފުކުރުމާއި ފިހާރާ އާއި ކެފޭތައް ހުޅުވަން ޖާގަ ވެސް ވަނީ ދޫކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ހުރި 6،720 ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު، މިހާތަަނަށް 5،000 އަށް ވުރެ ގިނަ މީހުންނާ އެކު އެއްބަސްވުން ހަދައިފައި ވެ އެވެ.

ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ގިނަ ބަޔަކު ކުރަމުން އެބަދެ އެވެ. އެ މަސައްކަތް އެއްކޮށް ނުނިންމައި ވެސް ބައެއް މީހުން އެތަނުގައި ދިރިއުޅެން ވަނީ ފަށައިފަ އެވެ. އެކަމަކު އަދި އެ ސަރަހައްދުގައި އެއްވެސް އަސާސީ ހިދުމަތެއް ލިބޭކަށް ނެތެވެ.