Roadha Mihaaru
މުނި ހޯމްއިން ހުޅުމާލެ 2ގައި އެޅި މިސްކިތް ހުޅުވައިފި

މުނި ހޯމް އިން ހުޅުމާލެ 2 ގައި އަޅައިދިން މިސްކިތް ހުޅުވައިފި

08 މާޗް 2024

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރި މިސްކިތް މިއަދު ހުޅުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރި މިސްކިތް މިއަދު ހުޅުވައިފި އެވެ.

ނިރޮޅުމަގުގައި ހުންނަ އެ މިސްކިތް ހުޅުވައި ދެއްވީ މިއަދު ހުކުރު ނަމާދު ވަގުތަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިސްކިތް ހުޅުއްވައިދެއްވަމުން ޝަހީމް ވިދާޅުވީ މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާތަނަށް ހެދި އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތް ކަމަށެވެ.

ބޮޑު ހޭދައެއް ކޮށްގެން އެވަރުގެ މިސްކިތެއް ބިނާކޮށްދިނީތީ މުނި ހޯމް ކުންފުންޏަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

އޭނާ ވިދާޅުވީ ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު ރޯދަ މަހާ ދިމާކޮށް މިސްކިތް ހުޅުވުނީތީ، ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

"މި މިސްކިތަކީ ބަލައިލުމުން ވެސް އަގުބޮޑުކޮށް ބިނާކޮށްފައި މިސްކިތެއްކަން އެނގޭނެ. ދުއާއަކީ މިސްކިތް ބިނާ ކުރެއްވި ފަރާތުގެ މުދަލުގައި ބަރަކާތް ލެއްވުން." ޝަހީމް ވިދާޅުވި އެވެ.

"މަސްޖިދު ހަސަން އާދަމް" ގެ ނަމުގައި ހުޅުވި އެ މިސްކިތް ހުންނަނީ ހުޅުމާލެ 2 ގެ ނިރޮޅު މަގުގަ އެވެ.

ދެ ބުރިއަށް އިމާރާތް ކޮށްފައިވާ އެ މިސްކިތަކީ 1،500 މީހުންގެ ޖާގައިގެ ތަނެކެވެ. މިއަދު ހުކުރު ނަމާދަށް އެ މިސްކިތުގެ ދެ ފްލޯ އާއި ގޯތިތެރެ ވެސް އޮތީ ފުރިފަ އެވެ.