Roadha Mihaaru

އެމްޔޫ މަނިކުގެ އެންމެ ފަހު އުއްމީދަކީ މިސްކިތެއް ބިނާކުރުން: ޝަހީމް

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ މިސްކިތް ބިނާކުރުމާއި މަރާމާތު ކުރުމުގައި އެހީތެރިވެދެއްވި ބޭފުޅެއް ކަމަށާއި އެންމެ ފަހުން މިނިސްޓްރީގައި އެދިވަޑައިގެންފައި އޮތީ މިސްކިތެއް ބިނާކުރުމުގެ ޖާގަ ހަމަޖައްސައިދެއްވަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެމްޔޫ މަނިކުގެ ފަހު އުއްމީދަކީ މިސްކިތެއް ބިނާކުރުން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

30 އޯގަސްޓް 2025

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ މިސްކިތް ބިނާކުރުމާއި މަރާމާތު ކުރުމުގައި އެހީތެރިވެދެއްވި ބޭފުޅެއް ކަމަށާއި އެންމެ ފަހުން މިނިސްޓްރީގައި އެދިވަޑައިގެންފައި އޮތީ މިސްކިތެއް ބިނާކުރުމުގެ ޖާގަ ހަމަޖައްސައިދެއްވަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން މިނިސްޓްރީއާ އެކު އެމްޔޫމަނިކު އެންމެ ފަހުން އުޅުއްވި ކަމަކީ މިސްކިތެއް ބިނާކުރުމެވެ.

އުމުރުން 78 އަހަރުގައި އެމްޔޫ މަނިކު އަވަހާރަވީ ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އެމްޔޫ މަނިކުއާ ގުޅިގެން ޝަހީމް ވިދާޅުވީ އެއީ އިޖުތިމާއީ ތައުލީމީ ކަންކަމާއި މީހުން ބިނާކުރެއްވުމަށް ވަރަށް އަހައްމިއްޔަތުކަން ދެއްވި ބޭފުޅެއް ކަމަށެވެ. މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތުކުރެއްވުމަށް އެމަނިކުފާނު އެހީތެރިކަން ދެއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ސިއްހީ ހާލު ދެރަވެ ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ވަނީ ހުޅުމާލޭ ސަރަަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާ މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

ޝަހީމް ވިދާޅުވީ މިސްކިތެއް ބިނާ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ ސިޓީއެއް ފޮނުއްވުމުގެ އިތުރުން މިނިސްޓްރީއަށް ބޭފުޅަކު ވެސް ފޮނުއްވި އެވެ. އަދި މިސްކިތެއް ބިނާ ކުރެއްވުމަކީ އެމްޔޫ މަނިކު ވަރަށް ބޭނުންފުޅުވާ ކަމެއް ވިދާޅުވެ، ވީއެންމެ އަވަހަަކަށް މިސްކިތެއް އެޅުއްވުމަށް ޖާގަ ހަމަޖައްސައިދެއްވުމަށް މިނިސްޓްރީގައި އެދިވަޑައިގަނެފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުމެވެ." ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އެމްޔޫ މަނިކާ ގުޅިގެން ޝަހީމް ވިދާޅުވި އެވެ.

އެހެންވެ، މިސްކިތަށް ބޭނުންވާ ޖާގަ ހުޅުމާލޭ ސަރަހައްދުން ހަމަޖައްސައިދީފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް ވެސް ވަނީ އެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ހާއްސަ މަންޒިލަކަށް ހެއްދެވުމުގައި އެމްޔޫ މަނިކު އަދާކުރެއްވި ބުރަ މަސައްކަތްޕުޅާއި ދައުރު ބޮޑު ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމަށް އެމްޔޫ މަނިކު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2011 ވަނަ އަހަރު އޭނާ އަށް ދިވެހި ދައުލަތުގެ އިއްޒަތް އަރުވައިފަ އެވެ. އޭގެ ކުރިން 1982 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް ސަރުކާރުން ދިނެވެ. މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ދިން ހިދުމަތުގެ އިނާމާއި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު ވެސް އެމްޔޫ މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ.

އެގްރިކަލްޗާ މިނިސްޓްރީގެ އެގްރިކަލްޗާ އޮފިސަރެއްގެ ގޮތުގައި 1972 ގައި ސަރުކާރުގެ ހިދުމަތް ފެށްޓެވި އެމްޔޫ މަނިކު ވަނީ 1990 ވަނަ އަހަރުގެ ނިޔަލަށް އެ މިނިސްޓްރީގައި މަސައްކަތްކުރައްވައިފަ އެވެ. އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު މިނިސްޓަރުގެ ނާއިބުގެ ހައިސިއްޔަތުން އެ މިނިސްޓްރީ ވަރަށް ގިނަ ދުވަހު ހިންގެވި އެވެ.

އޭގެ ފަހުން ވެސް އޭނާ ވަނީ ސަރުކާރުގެ އެކި ކުންފުނިތަކުގެ ޗެއާމަންކަމާއި، ބޯޑް މެމްބަރުކަން ކުރައްވައިފަ އެވެ. އޭނާ ވަނީ 2013 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަން ވެސް ފުރުއްވައިފަ އެވެ.