Roadha Mihaaru
ޒިކުރާ މިސްކިތް 3 ބުރިއަށް ހަދަން އެސްޖޭ ކުންފުންޏަށް

އެސްޖޭގެ ހަރަދުގައި ޒިކުރާ މިސްކިތް ތިން ބުރިއަށް ހަދަން ދީފި

24 ޖެނުއަރީ 2024

ޒިކުރާ މިސްކިތް އަލުން އިމާރާތްކުރުމަށް، އެ މަސައްކަތް ކުރިން ވެސް ހަވާލުކުރި އެސްޖޭ ކުންފުންޏަށް މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒިކުރާ މިސްކިތް އަލުން އިމާރާތްކުރުމަށް، އެ މަސައްކަތް ކުރިން ވެސް ހަވާލުކުރި އެސްޖޭ ކުންފުންޏަށް މިއަދު ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ޒިކުރާ މިސްކިތް މިހާރު ވެސް ހުރި ބިމުގައި ތިން ބުރީގެ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އެސްޖޭގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

އެކަން ކުރަނީ އެސްޖޭގެ އަމިއްލަ ހަރަދުގަ އެވެ.

ޒިކުރާ މިސްކިތުގެ އިތުރުން، މިނިސްޓްރީން ވަނީ އަމިއްލަ ހަރަދުގައި ހުޅުމާލޭގައި އިތުރު ދެ މިސްކިތެއް އެޅުމުގެ އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ އަލީމް ފައުންޑޭޝަން އަދި ލީސާ މޯލްޑިވްސް އިން އިމާރާތްކުރާ ދެ މިސްކިތެވެ.

ހުޅުމާލޭގައި މިސްކިތް އެޅުމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަދި ލީސާ މޯލްޑިވްސް އިން މިއަދު ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގައި މިސްކިތް އެޅުމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަދި ލީސާ މޯލްޑިވްސް އިން މިއަދު ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޝަހީމް ވިދާޅުވީ މާލޭގައި މީހުން ބައިބޯ ސަރަހައްދެއްގައި ވަގުތީ މިސްކިތެއް ހުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އެ މިސްކިތް ވެސް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަމިއްލަ ހަރަދުގައި މިސްކިތް ބިނާކުރުމަކީ ވަރަށް މާތްކަމެއް ކަމަށެވެ. ދުނިޔޭގައި ދޫކުރެވޭ އެންމެ ހެޔޮ ކަންކަމަކީ ވަގުފު ކަންކަން ކަމަށާއި މާލެ ސަރަހައްދުގައި ފުރުގާން މިސްކިތް ފިޔަވައި ބާކީ ހުރީ އަމިއްލަ ފަރާތްތަކުން އެޅި މިސްކިތްތައް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ފަހަރު ހުޅުމާލޭގައި ހަދާ ދެ މިސްކިތުގައި އެއްފަހަރާ 2،000-3،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމިއްލަ ހަރަދުގައި މާލެ ސަރަހައްދުގައި މިސްކިތް އަޅައިދޭން ނިންމި ފަރާތްތަކާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަމިއްލަ ހަރަދުގައި މާލެ ސަރަހައްދުގައި މިސްކިތް އަޅައިދޭން ނިންމި ފަރާތްތަކާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިސްކިތް އެޅުމަށް މިނިސްޓްރީއާ އެކު ސޮއިކުރިއަސް، އެޗްޑީސީއާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި މިނިސްޓްރީން މެދުވެރިވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އޮފީސް އިމާރާތަކާ އެކު މިސްކިތެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އެވެ. އެކަމަކު ބާ މިސްކިތް ވެސް ތަޅާލި ފަހުން ނިމިދިޔަ ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރުމުން، ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން ކޯޓަށް ހުށަހެޅި އެވެ. އެއާ އެކު، މިސްކިތް އަޅަން އިކުއިޒިޝަންގެ ގޮތުގައި އެސްޖޭއަށް އޭރު ދިން 30 މިލިއަން ރުފިޔާ ހޯދަން ދައުލަތުން ވެސް ކޯޓަށް ހުށަހެޅި އެވެ.

ނަމަވެސް، އެސްޖޭގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް އަޅާ ގޮތަށް ކޯޓުން ދެ ފަރާތުން ވެސް ވަނީ ކޯޓުން ބޭރުން އެ މައްސަލަ ނިންމައިފަ އެވެ. އޭގެ ފަހުން، ޒިކުރާ މިސްކިތް ހުރި ބިމުގައި އެސްޖޭއިން ވަނީ ވަގުތީ މިސްކިތެއް ހަދައިފަ އެވެ. ފައްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތް ހުޅުވާފައިވަނީ އޭޕްރީލް 23، 2021ގަ އެވެ.